11 Mar 2012, 12:09
ރައީސް ކަމުން އިސްތިއުފާ ދެއްވަން ސިފައިންގޭގައި އެއްބަސްވެވަޑަގަތުމަށް ފަހު ރައީސް އޮފީހުގައި އެއްބަސްވުން ރޫޅާނުލެއްވީ ސިފައިންގޭގެ ހާލަތަށް ވުރެ ރައީސް އޮފީސް ކައިރި ނުރައްކާވުމުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ފެބުރުއަރީ ހަތެއްގައި އިސްތިއުފާ ދެއްވުމަށް ފަހު އެމަނިކުފާނުގެ އާދަކުރައްވާފައިވާ ގޮތަށް މިއަދު ވެސް ލޮނު ޒިޔާރަތްކޮޅުގައި ތަގުރީރެއް ކުރެއްވެވި އެވެ. ކޮންމެ ތަގުރީރެއްގައި ވެސް ވިދާޅުވާ ގޮތަށް މިއަދު ވެސް ފުރަތަމަ ވިދާޅުވީ އިސްތިއުފާ ދެއްވަން ސިފައިންގޭގައި އެއްބަސްވެޑައިގެންވީ މަޖުބޫރު ކޮށްގެން ކަމަށެވެ. ދެން ވިދާޅުވީ ސިފައިންގޭގައި އެއްބަސްވެވަޑައިގެންނެވި ގޮތަށް ރައީސް އޮފީހުގައި ކަން ކުރެއްވެވީ އެނޫން ގޮތެއް ނެތިގެން ކަމަށެވެ.
"އަޅުގަނޑުގެ ހިތުގައި ޝައްކެއް ނޫފެދޭ އަޅުގަނޑު ސިފައިންގޭގައި ހުރި ހާލަތަށް ވުރެ ރައީސް އޮފީސް ބޭރުގައި އޮތް ހަލަތު މާ ނުރައްކާ. އަޅުގަނޑު ދެކޭ ގޮތުގައި އެއީ އަޅުގަނޑު ލައްވާ ކުރުވާފައިވާ އެއްބަސްވުން އަނބުރާ ލެވޭނެ ތަނެއް ނޫން [ރައީސް އޮފީހަކީ]. އަދި އެ އެއްބަސްވުން ރޫޅާލެވޭނެ ހާލަތެއް ވެސް ނޫން." ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ މިޑިއާ ކުރިމަތީގައި އިސްތިއުފާ ދެއްވި ވަގުތު މޫނުމަތިން މަޖުބޫރީ ހާލަތު ސިފަ ނުވީ އެމަނިކުފާނުގެ މިޒާޖުގެ ގޮތުން ކަމަށެވެ. އިސްތިއުފާ ދެއްވަނީ ކީއްވެކަން އެދުވަހު މީޑިޔާގެ ކުރިމަތީ ވިދާޅުވެވެން އޮތް ވަރަށް ވިދާޅުވެފައިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"މި ވާހަކަތައް ބުނި އިރުގައި އަޅުގަނޑުގެ މޫނުމަތިން އެއްވެސް ކަމެއް ފެންނާން ނެތީ ކީއްވެހޭ އަހާއިރު އޭގެ އެއް އަސްލަކީ އެއީ އަޅުގަނޑު! އަޅުގަނޑު ތިޔަ ބޭފުޅުން ކައިރީ އަހާލަން ބޭނުން ވަނީ ތިޔަ ބޭފުޅުން ދުވަހަކު ވެސް ދުށީމުހޭ އަޅުގަނޑު ކަންބޮޑުވެފައި ހުއްޓާ؟" ނަޝީދު ސުވާލު ކުރެއްވެވި އެވެ. "އެއީ އަޅުގަނޑުގެ ތަބީއަތް، އަޅުގަނޑަކީ ކަންބޮޑުވިޔަސް ވެސް އަދި ކަންކަން އަޅުގަނޑުމެނަށް އެންމެ ނުރައްކާތެރި ހިސާބަށް ދިޔައަސް އެކަންކަން ވަކި ބާވަތެއްގެ ގޮތަކަށް ހުށަހަޅާ ދެވޭތޯ ބަލާ މީހެއް،"
ނަޝީދު އިސްތިއުފާ ދެއްވުމަށް ފަހު ފަހު މިދިޔަ އެއް މަސް ތެރޭގައި އަބަދު ވެސް ވިދާޅުވަމުން ވަޑައިގަންނަވަނީ އިސްތިއުފާ ދެއްވެވީ ބަޔަކު މަޖުބޫރުކޮށްގެން ކަމަށެވެ. ނަމަވެސް މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި މި ސަރުކާރުގައި މިހާރު ބައިވެރިވެޑައިގެންފައިވާ ފަރާތްތަކުން ވިދާޅުވަނީ އެއީ ނަޝީދު ހައްދަވާ އިތުރުފުޅެއް ކަމަށެވެ. އަދި ނަޝީދު ދައްކަވާ ވާހަކަފުޅުތައް ދެފަހަރު އެއްގޮތަކަށް ނުދައްކަވާ ކަމަށެވެ.