25 Jan 2022, 11:27
ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ގައުމުތަކުން ގުޅިގެން މަސައްކަތްކުރުމަށްޓަކައި ސައުދީ އަރަބިއާއިން އުފައްދާފައިވާ އިސްލާމިކް މިލިޓަރީ ކައުންޓާ ޓެރަރިޒަމް ކޯލިޝަން (އައިއެމްސީޓީސީ)އާއެކު ޑިފެންސް މިނިސްޓްރީން މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ އައިއެމްސީޓީސީގެ ސެކްރެޓަރީ ޖެނެރަލް މޭޖާ ޖެނެރަލް މުހައްމަދު ބިން ސައީދު އަލްމުގައިދީ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން، އިއްޔެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާއެކު ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިންނެވެ.
މި ބައްދަލުކުރެއްވުމުގައި، އައިއެމްސީޓީސީގެ ސެކްރެޓަރީ ޖެނެރަލް ވަނީ، ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ދިވެހިރާއްޖޭގެ ސަރުކާރުން ކުރައްވަމުން ގެންދަވާ މުހިންމު މަސައްކަތުގައި، އެ ކޯލިޝަންގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން ދެއްވައިފައެވެ.
މި މަސައްކަތުގެ ދަށުން އިސްލާމްދީނުގައި ކަން އޮންނަ ގޮތް އާންމުންނަށް ރަނގަޅަށް އޮޅުންފިލުވައިދޭނެ ދީނީ އިލްމުވެރިންނާއި ޓެރަރިސްޓު ހަމަލާއަކުން ރައްކާތެރިވުމަށް ބޭނުންވާ އާލާތްތައް ސައުދީން ފޮނުވައިގެން އޮޕަރޭޝަނެއް ހިންގުމަށް ވަނީ މަޝްވަރާ ކޮށްފައެވެ.
މިބައްދަލުކުރެއްވުމުގައި، މިނިސްޓަރު މާރިޔާ ވަނީ، ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ގެންގުޅުއްވާ "ޒީރޯ ޓޮލަރެންސް" ސިޔާސަތުގެ ދަށުން، ޓެރަރިޒަމާއި ހަރުކަށި ފިކުރު ފެތުރުން ހުއްޓުވަން ގައުމީ ފެންވަރުގައާއި ބައިނަލްއަގްވާމީ ފެންވަރުގައި ކުރަމުންދާ މަސައްކަތްތަކަށް، ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވަމުން ގެންދަވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.
ސައުދީ އަރަބިއާގެ ވެރިރަށް ރިއާދުގައި ގާއިމްކޮށްފައިވާ އައިއެމްސީޓީސީގެ ކައުންޓާ ޓެރަރިޒަމް ސެންޓަރުގައި، 2020 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން، އެއް އަހަރުގެ މުއްދަތަށް ޑިޕްލޯއިކޮށްފައިވާ ދިވެހި ގައުމީ ދިފާއީ ބާރުގެ ކޮންޓިންޖަންޓުން، އެ މުއްދަތު އިތުރުކޮށް، މިހާރުވެސް އެ ސެންޓަރުގައި ހާރަކާތްތެރިވަމުންދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އިސްލާމީ ގައުމުތަކުން ގުޅިގެން، ސައުދީ އިސްވެ އޮވެ، ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތްކުރުމަށްޓަކައި 2015 ވަނަ އަހަރު އުފެއްދި މި ކޯލިޝަންގައި 41 ގައުމަކުންވަނީ ބައިވެރިވެފައެވެ. މި ކޯލިޝަންގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި އިސްލާމީ ގައުމުތަކުން ގުޅިގެން ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމާއި، މެމްބަރު ގައުމުތަކުގެ މެދުގައި ޓެރަރިޒަމާ ގުޅުންހުރި މައުލޫމާތު ހިއްސާކުރުން ހިމެނެއެވެ.