11 Mar 2012, 10:58
ޓޫރިޒަމް ދާއިރާ ތަރައްގީކުރުމަށް ރާއްޖެއާ ވާދަވެރި ސީޝެލްސްއާ އެކު ގުޅިގެން މަސައްކަތް ކުރުމަށް ދެ ގައުމުގެ ދެމެދު މަޝްވަރާތަކެއް ބާއްވައިފި އެވެ.
ވިޔަފާރީގެ ހަބަރުތައް ގެނެސްދޭ އޮންލައިން ނޫސް "އީޓީ އެން"ގައި ހުކުރު ދުވަހު ބުނީ ޝީސެލްސްގެ ޓޫރިޒަމް މިނިސްޓަރު، އަލައިން އެސްޓީއާއި ޓޫރިޒަމް މިނިސްޓަރު އަދީބު ބައްދަލުކުރެއްވާ މަޝްވަރާކުރެއްވީ ޖާމަނީގައި މިހާރު ހިނގަމުން އަންނަ އެންމެ ބޮޑު ޓްރެވަލް ފެއާ، "އައިޓީބީ"ގެ ތެރެއިން ކަމަށެވެ.
މަޝްވަރާތަކަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ދާދިފަހުން ސީޝެލްސްގެ ޓޫރިޒަމް މިނިސްޓަރު ކަމާ ހަވާލުވެވަޑައިގެން އަލައިން ވިދާޅުވީ ރާއްޖެއާއި ސީޝެސެލް އަކީ ޓޫރިޒަމް ރޮގުގައި ވާދަވެރި ދެގައުމު ކަމަށާއި ނަމަވެސް ދެ ގައުމު ގުޅިގެން މަސައްކަތް ކުރުމުން ޓޫރިޒަމްގެ އައު ދޮރުތަކެއް ހުޅުވިގެން ދާނެ ކަމަށެވެ.
"އަހަރުމެންނަށް ގުޅިގެން ވަރަށް ތަފާތު، ހައިރާންކުރުވަނިވި ޗުއްޓީއެއް ޓޫރިސްޓުންނަށް މިރަށްތަކުން ފޯރުކޮށްދެވިދާނެ. އެކަން ދުނިޔެއަށް ދައްކައިދިނުމަށް ރަނގަޅު ވަގުތެއް މިއީ،" އަލައިން ވިދާޅުވި ކަމަށް އީޓީއެންގައިވެ އެވެ.
އެ ނޫސް ބުނަނީ އިންޑިއާ ކަނޑުގެ ޓޫރިޒަމް އިޝްތިހާރުކުރުމަށް ދެ ގައުމު އިސްނަގައިގެން ޓްރެވަލް ފެއާއެއް ބޭއްވުމަށް މަޝްވަރާ ކުރެވުނު ކަމަށާއި އެކަން އިތުރަށް ދިރާސާ ކުރުމަށް ރާއްޖެ އިން އެއްބަސްވި ކަމަށެވެ. އެލަން ވިދާޅުވެފައި ވަނީ ރާއްޖެ އާއި ސީޝެލްއަށް ވެސް ދެ ގައުމުގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމުގައި އެއްގައުމު އަނެއްގައުމު އެހީތެރިކަން ބޭނުންވާނެ ކަމަށެވެ.
"އަޅުގަނޑުމެންނަށް އެއްބަސްވެވުނު، އަދި ތައްޔާރަށް މިތިބީ އެއްގައުމުން އަނެއް ގައުމަށް ދޭންޖެހޭ އެހީ އާއި އެއްބާރުލުން ދިނުމުގައި. އެއްގައުމުގެ ޓޫރިޒަމް ބޭނުންކޮށްގެން އަނެއް ގައުމެއްގެ ޓޫރިޒަމް ކުރިއެރުވޭނެ،" އަލައިން ވިދާޅުވި އެވެ.
ޖާމަނީގައި މިހާރު ކުރިއަށްދާ އައިޓީބީ ފެއާއަށް ފުރާވަޑައިގަތުމުގެ ކުރިން މިނިސްޓަރު އަހުމަދު އަދީބު ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް އިތުރަށް ތަރައްގީ ކުރުމަށް އެކި ގައުމުތަކާއި އަދި ޓޫރިޒަމާ ގުޅުން ހުރި އެކި ފަރާތްކާ އެކު މަޝްވަރާކޮށް ބައްދަލުކުރާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ ޕްރެސް ކޮންފަރެންސްތަކާއި އެއްޗިހި ބާއްވައިގެން ރާއްޖެއާ ދެމެދު މިހިރަ ނެގެޓިވް ވާހަކަތައް އަޅުގަނޑުމެން ބަދަލުކޮށްލުމަށް މަސައްކަތް ކުރާނަން. އެއީ އަޅުގަނޑުމެންގެ ފެއާގެ އެންމެ ބޮޑު މަގުސަދަކަށް ވާނީ،" ފެއާއަށް ފުރާވަޑައިގަތުމުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަވަމުން އަދީބު ވިދާޅުވި އެވެ.
މިފަހަރުގެ އައިޓީބީ ފެއާގައި ރާއްޖޭގެ ވަފުދުގައި 250 ހެއްހާ މީހުން އަންނަނީ ބައިވެރިވަމުންނެވެ. އަދި ރާއްޖެ އިން ވަނީ ރަޝީޔާގައި ބާއްވާ ޓްރެވަލްފެއާގައި ވެސް ބައިވެރިވާން ނިންމާފަ އެވެ.