ސުޕަ ޔުނައިޑެޓް ސްޕޯޓްސް (ސަސް)ބަލިކޮށް ކުލަބް އީގަލްސްއިން ޔޫތު ޗެމްޕިއަންޝިޕްގެ ފުރަތަމަ މޮޅު ހޯދައިފިއެވެ.

ގަލޮޅު ރަސްމީ ދަނޑުގައި މިއަދު ހަވީރު ގުރޫޕް އޭ ގެ ފުރަތަމަ މެޗުގައި ސަސްއާ ދެކޮޅަށް ކުޅެ އީގަލްސްއިން މެޗު ކާމިޔާބު ކުރީ 0-1ގެ ނަތީޖާއަކުންނެވެ.

މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ވެސް ފުރަތަމަ ފެނުނީ ހަމަހަމަ ކުޅުމެކެވެ. މެޗުގެ ދެވަނަ މިނެޓުގައި އީގަލްސްގެ ގޯލް އެރިއާ ބޭރުގައި ހުރެ ސަސްގެ ކުޅުންތެރިޔަކު ފޮނުވާލި ބޯޅަ އީގަލްސްގެ ކީޕަރު ވަނީ އަތުން ޖައްސައި ބޭރުކޮށްލާފައެވެ. މެޗުގައި އީގަލްސް އިންވަނީ ސަސްގެ ގޯލަށް ނުރައްކާ ކުރުމަށް ހަމަލާތަކެއް އުފެއްދުމަށް މަސައްކަތްކޮށްފައެވެ.

މެޗުގެ ހަވަނަ ވަނަ މިނެޓުގައި އީގަލްސްގެ މުހައްމަދު ރިޝާން ބޯޅަ ހިފައިގެން ދިޔުމުގެ ތެރޭގައި ސަސްގެ މުހައްމަދު ފައުޒާން ކުރި ފައުލަކާ ގުޅިގެން އީގަލްސް އަށް ވަނީ ހިލޭ ޖެހުމެއް ލިބިފައެވެ. އީގަލްސްގެ ހިލޭޖެހުމުން އެ ޓީމުގެ އިބްރާހިމް ޝަރީފު މުހައްމަދު ނަގައިދިން ބޯޅަ ސަސްގެ އޭރިޔާ ތެރޭގައި ހުރެ އީގަލްސްގެ ކުޅުންތެރިޔަކު ފޮނުވާލި ނަމަވެސް ބޯޅަ ދިޔައީ ގޯލާ އަމާޒުނުވެ މަތިންނެވެ.

މެޗުގެ ސަތާރަ ވަނަ މިނެޓުގައި އީގަލްސްގެ މުހައްމަދު ރިޝާން ވަނީ ސަސްގެ ގޯލަށް އަމާޒުކޮށް ހަމަލާއެއް ފޮނުވާލާފައެވެ. ރިޝާން ފޮނުވާލި ބޯޅަ ދިޔައީ ސަސްގެ ގޯލު އަރިމަތި ދަނޑި ކައިރިން ބޭރަށެވެ. މެޗުގެ ސާދަވަނަ މިނެޓުގައި އީގަލްސްގެ ކުޅުންތެރިއަކަށް ކުރި ފައުލަކާ ގުޅިގެން ސަސްގެ އަހުމަދު ރީހާން މުހައްމަދަށް ވަނީ ރީނދޫ ކާޑެއް ދައްކާފައެވެ.

މެޗުގައި ސަސްއިން ވެސް ކޮންމެސް ވަރަކަށް ހަމަލާ އުފެއްދުމަށް ކުރި މަސައްކަތުގެ ތެރެއިން ސަސްގެ އަލީ ހަބީބު ވަނީ އީގަލްސްގެ ގޯލަށް އަމާޒުކޮށް ހަމަލާއެއް ފޮނުވާލާފައެވެ. އެ ހަމަލާ ދިޔައީ އީގަލްސްގެ ކީޕަރު ޝިހާން އަލީގެ އަތުގައި ޖެހިފައި ކޯނަރަކަށް ބޭރަށެވެ.

މެޗުގެ 20 ވަނަ މިނެޓުގައި އީގަލްސްއަށް ލިބުނު ހިލޭ ޖެހުމެއް އެ ޓީމުގެ މުހައްމަދު ސަމާހު މޫސާ ފަތުހީ ފޮނުވާލި ނަމަވެސް، ބޯޅަ ދިޔައީ ގޯލާ އަމާޒު ނުވެ މާ މަތިންނެވެ. މެޗުގެ 22 ވަނަ މިނެޓުގައި ވެސް ސަމާހު ފޮނުވާލި ބޯޅަ ސަސްގެ ކީޕަރު ޔޫސުފް މީސަމް އަބްދުﷲ ވަނީ ދިފާއުކޮށްފައެވެ.

މެޗުގެ 32 ވަނަ މިނެޓުގައި އީގަލްސްގެ އިސްމާއިލް ސައިފް ދިން ޕާހަކުން އެ ޓީމުގެ ސަމާހު ވަނީ ސަސްގެ އޭރިޔާ ތެރެއިން ދެ ޑިފެންޑަރުން ކައިރިން ނައްޓައިލުމަށްފަހު ބޯޅަ ގޯލަށް ފޮނުވާލައިގެން އީގަލްސްއަށް ލީޑު ނަގައިދީފައެވެ.

ގޯލު ޖެހުމަށްފަހު އީގަލްސްގެ ކުޅުންތެރިން ސެލެބްރޭޓް ކުރަނީ -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

އެ ލަނޑަށްފަހުވެސް އީގަލްސްއަށް ލަނޑު ޖަހާނެ ފަހި ފުރުސަތެއް ލިބުނެވެ. މެޗުގެ 43 ވަނަ މިނެޓުގައި އެ ޓީމުގެ އިބްރާހިމް ޝަރީފް މުހައްމަދު ފޮނުވާލި ހަމަލާ ދިފާއު ކުރީ ސަސްގެ ކީޕަރު ޔޫސުފްއެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުނީ 1-0 އިން އީގަލްސް ކުރީގައި އޮވެގެންނެވެ.

ސަސްއިން ދެވަނަ ހާފު ފެށީ އެ ޓީމުގެ ސައްހާފު އަބްދުﷲ ހަސީބުގެ ބަދަލުގައި އިޝްއާފް މުހައްމަދު ރިފާގު ކުޅެން އަރުވައިގެންނެވެ. ދެވަނަ ހާފު ފަށައިގެން މެޗުގެ 47ވަނަ މިނެޓުގައި ސަސްއިން ވަނީ އީގަލްސްގެ ގޯލަށް އަމާޒުކޮށް ހަމަލާއެއް ފޮނުވާލާފައެވެ. އިޝްއާފު ފޮނުވާލި މި ހަމަލާ އީގަލްސްގެ ކީޕަރު ޝިނާން އަލީ ވަނީ މަތަކޮށްފައެވެ.

މެޗުގެ 58 ވަނަ މިނެޓުގައި ވެސް އީގަލްސްއަށް ވަނީ އިތުރު ލަނޑެއްޖަހައި ލީޑު ފުޅާކުރާނެ ތަނަވަސް ފުރުސަތެއް ލިބިފައެވެ. ސަސްގެ ގޯލް އޭރިޔާ ތެރޭގައި ހުރެ އީގަލްސްގެ ކުޅުންތެރިޔަކު ފޮނުވާލި ބޯޅަ ސަސްގެ ކީޕަރުގެ އަތުޖެހިފައި ގޮސް ގޯލް ދަނޑީގައި ޖެހި، ކުޅުމުގެ ތެރެއަށް އައި ބޯޅަ ސަސްގެ ޑިފެންޑަރުންވަނީ ސާފުކޮށްލައިފެވެ.

ދެވަނަ ހާފުގައި ދެޓީމުގެ ފަރާތުންވެސް ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. ސަސްއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރަން ހަމަލާތަކެއް އުފެއްދި ނަމަވެސް އެ ޓީމަށް ލަނޑެއް ޖެހޭ ގޮތެއް ނުވިއެވެ.

މި ހާފުގައި ވެސް އީގަލްސްއިން ވަނީ ސަސްގެ ގޯލަށް އަމާޒުކޮށް ގިނަ ހަމަލާތަކެއް ފޮނުވައިލައިފައެވެ.

ފޯރިގަދަ މި މެޗު ނިމުނީ 1-0 އިން އީގަލްސް މޮޅުވެގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އީގަލްސްގެ ޖާޒީ ނަންބަރު ފަހެއް، ހުމެއިދު ހުސެއިންނެވެ.

މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިޔާ، އީގަލްސް ޓީމުގެ ކެޕްޓަން ހުމައިދު -- ފޮޓޯ/ އެފްއޭއެމް

މުބާރާތުގައި މިރޭ ގުރޫޕް ބީ ގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ މަހިބަދޫ ސްޕޯޓްސް ކުލަބާއި ޔުނައިޓެޑް ވިކްޓްރީއެވެ. މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ 20:30 ގައި ގަލޮޅު ރަސްމީ ދަނޑުގައެވެ.

މަހިބަދޫއަކީ އަތޮޅުތެރެއިން މި މުބާރާތުގައި ބައިވެރިވާން ދެ ޓީމަކަށް ހުޅުވައިލުމުން ބައިވެރިވި ހަމައެކަނި ޓީމެވެ. ފުރަތަމަ ޑިވިޝަންގެ އަށް ޓީމުގެ އިތުރުން މި މުބާރާތުގައި ކުޅޭނީ މަހިބަދޫ އެކަންޏެވެ.