11 Mar 2012, 10:42
މިދިއަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި ލާންސްކޯޕްރަލް އިސްމާއިލް ޝަފީގު (އިއްސެ) ގެމަނަފުށީ ޕޮލިސްގައި ސްޓޭޝަންގައި ހުއްޓާ ބަޔަކު އޭނާއަށް ހަމަލާދިނެވެ. އެ ހަމަލާ ދިނީ ޕޮލިސް ސްޓޭޝަންތެރޭގައި އިއްސެ އެކަނި އިންދަ އެވެ. ބޮޑު ހަމަނުޖެހުމެއް ނުހިނގި ނަމަވެސް އެ ދުވަހަކީ ގެމަނަފުށީ ރައްޔިތުންނަށް ހާސް ކަމެއް ލިބުނު ދުވަހެކެވެ. ސަބަބަކީ އެމީހުންގެ ހިމާޔާތުގައި ނުކުންނަ ހުރި ފުލުސް މީހާއަށް ގެއްލުން ދިނުމުން އެމީހުންގެ ރައްކާތެރި ކަމާމެދު ސުވާލު އުފެދޭ ގޮތްވުމެވެ. އޭގެ ފަހުން ގެމަނަފުއްޓަށް ކުއްލި "ޝޮކެއް" ލިބުނީ އިއްޔެ އެވެ. ކުއްލިއަކަށް ބަޔަކު އިއްސެއަށް ހަމަލާ ދިނުމަށްފަހު އޭނާގެ އެއް ބަފާ ދެ ކޮއްކޮއިން ކަމަށްވާ އަހުސަން އަބްދުﷲ 24، އާއި އަހުމަދު އަފުސަލް 19، އަށް ވަޅިން ހަމަލާ ދީ ޒަހަމްކޮށްލީ އެވެ. އިއްސޭއަށް އަނިޔާ ކުރުމަށްފަހު އަހުސަންގެ ބަނޑަށް ވަޅި ހަރައިލި އެވެ. އަދި އަފްސަލްގެ ބޮލަށް ވަޅި ހަރައިލި އެވެ.
"އެޚަބަރު ލިބުމާއި އެކު ޕޮލިސް ސްޓޭޝަން ކައިރީ ހުރެފައި އެ މީހުން ތިބިހެން ހީވާ ގެއަށް އަހަރެން ގޮސް އެގޭގެ ވެރިމީހާ ގާތުގައި އަހަރެން އެހިން، ކީއްވެހޭ އެ ދެމީހުން އިއްސެގެ ގައިގައި ޖަހައިގެން އުޅެނީ؟ އަހަރެން އެހެން ބުނިތަނާ އަހަރެމެން މިތިބީއޭ، ބުނުމަށް ފަހު އެ ދެމީހުން އެގެއިން ނުކުމެގެން އައިސް މަގުމަތިން އެވަގުތު ހިނގާފައި ދިޔަ އިއްސެގެ ދެ ކޮއްކޮ ގެ ގައިގައި ތަޅައިގަތީ،" އަފްސަލާއި އަހުސަނަށް ވަޅިން ހަމަލާ ދީން މަންޒަރު ދުށް ގެމަނަފުށީ މީހަކު ބުންޏެވެ.
http://sun.mv/albums/live_4610.jpg
އޭނާ ބުނި ގޮތުގައި އެއީ އަނިޔާވެރި އަދި ބިރުވެރި މަންޒަރެކެވެ. އެކަހަލަ ބިރުވެރި މަންޒަރެއް ހަޔާތުގައި އަދި ފެނިފައެއް ނުވެއެވެ. އަދި ބުންޏެވެ: "ވަޅި ހަރާލުމުން އެ ދެބެން ގޮވައިގެން އިތުރު މީހަކާއެކު ދެ ސައިކަލްގައި ހޮސްޕިޓަލަށް ދިޔައީ ވެސް އަހަރެން،" އެމީހާ ބުންޏެވެ. "ސައިކަލްގައި އެ ދެބެން ސިއްޙީ މަރުކަޒަށް ގެންދިޔައިރު ހުރީ ދޮރު ވަނީ ލައްޕާފައި. ދެން އަހަރެން އަމިއްލައަށް ދޮރު ހުޅުވީ. އެވަގުތު ބިންމަތީގައި އޮތީ ހުސްލޭ. އޭރު ރަށުގެ ރައްޔިތު އެންމެންހެން ސިއްޙީ މަރުކަޒު ކައިރިއަށް ޖަމާވެފައި އޮތީ، އެންމެން ވެސް ތިބީ ޝޮކެއްގައި!"
ގެމަނަފުށީގެ އެހެން މީހަކު ބުނީ އަހުސަނާއި އަފްސަލް އަދި އިއްސޭގެ މައިންބަފައިންނާއި އާއިލާއަށް ވަރަށް ބޮޑު އަސަރެއް ކުރި ކަމަށާއި އެވަގުތުން ފެށިގެން އެމީހުން ތިބީ ބިރުވެރި ކަމެއްގެ ތެރޭގައި ކަމަށެވެ.
"އެމީހުންގެ މައިންބަފައިން ތިބީ ވަރަށް ބޮޑު ނުތަނަވަސް ކަމެއްގެ ތެރޭގައި. ވަރަށް ބޮޑު ބިރުވެރި ކަމެއްގެ ތެރޭގައި، އަދި މިރަށުގެ ގިނަ ބަޔަކު ތިބީ ވަރަށް ހާއްސަވެފައި،" އެމީހާ ބުންޏެވެ.
އޭނާ ބުނީ 1800 އެއްހާ މީހުން އުޅޭ ރަށުގައި ދިން ރަހުމްކުޑަ ހަމަލާ ވެގެން ދިޔައީ އެންމެން ބިރުވެރި ކަމެއްގެ ތެރެއަށް ވައްޓާލި ހާދިސާއަކަށެވެ. އޭގެ ސަބަބުން ކުޑަކުދިންނާއި އަންހެނުންނަށާއި އުމުރުން ދުވަސްވީ މީހުންނަށް ނަފުސާނީ އުނދަގޫތައް ކުރިމަތިވެފައިވާ ކަމަށެވެ.
http://sun.mv/albums/live_4609.jpg
"ބައެއް މީހުން މިހާރު ވެސް ތިބީ ގެއިން ބޭރަށް ނުކުތުމަށް ފަސްޖެހިފައި،" އޭނާ ބުންޏެވެ.
އިއްސޭ އަށް ހަމަލާ ދިނީ ރޭ ފުލުހުން ގެމެނަފުށިން ހައްޔަރު ކުރި ތިން މީހުންގެ ތެރޭގައި ހިމެނޭ އެރަށު ނޫރުއް ސަބާހު، އަހުމަދު ނާދީ ސަލީމް، ބާރު ސްޕީޑުގައި ސައިކަލް ދުއްވަމުންދާތީ އާންމުން އެ ޝަކުވާތައް ފުލުހަށް ހުށަހަޅަން ފެށުމުން އިއްސޭ އޭނާއާ ސުވާލު ކުރުމަށް ހިފެހެއްޓުމުންނެވެ. ހަމަލާ ދިނީ ނުކިޔަމަންތެރިވުމަށްފަހު އެވެ. އޭގެ ފަހުން އޭނާ އާ އޭނާގެ ބޭބެ ނިއާމް މުހައްމަދާއި ދެމީހުން އެކުވެގެން އަފްސަލަށާއި އަހުސަނަށް ހަމަލާ ދިނީ ވަޅިއާއި ލަޓި ބުރިން ކަމަށް މަންޒަރު ދުށް މީހުން ބުނެ އެވެ.
"އެމީހުން ނުކުތީން މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވާ އެހެން މީހެއް [އަލީމުއްދީން] ގެ ގެއިން. އެވަގުތު އަފްސަލާއި އަހުސަނާ ދިމާވެގެން ތަޅައި ޒަހަމް ކޮށްލުމަށްފަހު، އެންމެން ބަލަންތިއްބާ ފިލަން ދުވީ، އޭރު އެމީހުން ތިބީ ވަރަށް ބޮޑަށް ޒަހަމްކޮށްލާފައި، އޭރު އިއްސޭ ވަނީ މަރުކަޒަށް ގެންގޮސްފައި،" މަންޒަރު ފެނުނު މީހަކު ނަން ނުޖެހުމަށް އެދި ބުންޏެވެ.
ބައެއް މީހުން ބުނި ގޮތުގައި އިއްސޭއަށާއި އޭނާގެ ކޮއްކޮއަށް ހަމަލާ ދީ ޒަހަމްކޮށްލުމަށްފަހު އެމީހުން ފިލީ ވަލަށެވެ. ފަހުން ރަށަށް ފުލުހުންގެ ޓީމެއް ގޮސް އެމީހުން ހައްޔަރުކޮށްގެނައި އިރު ވެސް ވަރަށް ގިނަ ބަޔަކު މަންޒަރު ބަލަން އެއްވެފައި އޮތެވެ.