" ބިސްމި ކިޔުމުން ތިބާ މަރުހަބާ ކިޔަނީ ބަރަކާތާއި ﷲގެ އިޒުނަފުޅާއެކު ކަންތައްތައް ފަސޭހަވެ ރަގަޅުގޮތުގައި ދިޔުމަށެވެ.ﷲގެ އިސްމުފުޅު ނުގަނެ ފަށާ މަސައްކަތުގައި ބަރަކާތާއި ފަސޭހަކަން އަދި ރަގަަޅު ކަންތައްތަކުން މަހުރޫމްވެގެން ވެއެވެ."

***

ހުދުކުލައިގެ ކޯޓުތަކުގައި އަތަށް އަންގި ލައްވައިގެން ތިބި ތަނުގެ މުވައްޒަފުން ހަރަކާތްތެރިވަމުން ދިޔައިރު ލޮލުން ފައުޅުވަނީ ނުތަނަވަސްކަމާއެކު ފިކުރުބޮޑުވެފައިވާކަމުގެ ކުލަތަކެވެ. މުޅި ތަނުގައި ގުގުމާލާފައިވަނީ މަސައްކަތްތެރިންގެ ކަންބޮޑުވުމާއި އަވަސްކަން އެކުލެވިފައިވާ އަޑުތަކެވެ. ކިޔާ ނުކިޔާ އެއްޗެއް މާ ރަގަޅަކަށް ފަހުމް ވާގޮތެއް ނުވެއެވެ.އެތަނުގެ އޮޓޮމެޓިކް ދޮރު ހުޅުވިގެން ދިޔުމާއެކު އެންމެންގެ ފިޔަވަޅުތައް ހުއްޓި އެނބުރި ބަލައިލެވުނެވެ. އަދި ކުޑަކޮށް ގުދުވެލުމަށްފަހު އިހުތިރާމް އަދާކުރިއެވެ.

"ބޮސް. އެކުއްޖާ ދިޔަ ތަން އަޅުގަނޑުމެންނަށް ގެއްލިއްޖެ..." ޖެހިލުންވުމެއްހުރި މަޑުމައިތިރި އަޑަކުން މުވައްޒަފަކު އެހެން ބުނެ ނިންމައިލެވުނީ ކިރިޔާއެވެ. އޭނަ ފަހަތަށް އަރިއަޅާލައިގެން ވެއްޓިގެން ދިޔައެވެ. އޭނަ ލައިގެން ހުރި ހުދުކުލައިގެ ހެދުން ލެއިން ތެމި ފޯވީ މެޔަށް އެރި ވަޒަން ހިތް ފޫ އަޅާލީމައެވެ.

"ޔޫ ޔޫޒްލެސް އިޑިއަޓްސް.........." ވެރިޔާ ހަޅޭއްލަވައިގަތުމުން އެހެން މުވައްޒަފުން ބިރުން އަވަދިވާވަރުވިއެވެ.

***

1980 ވަނަ އަހަރުގެ ހޫނު މޫސުމްގެ ކުރީ ކޮޅު ދުވަހެކެވެ.

އެމްސްޓަޑަމްގެ އުތުރުގައި އޮންނަ ކުޑަ އަވަށެއްކަމަށްވާ މާކެންގެ ވަށައިގެން އޮންނަނީ މާކަމީރު ކޯރެވެ. ދެހާހެއްހާ އާބާދީ އޮންނަ އެ ކުޑަ އަވަށް ރީތިވެފައި ދިރިއުޅެން ހިތްފަސޭހަ އަމާން ތަނެކެވެ. އެކަނިވެރި ހިމޭން ދިރިއުޅުމެއް ހޯދަން ބޭނުންވާ ފަރާތްތަކަށް އެންމެ ކަމުދާ މަންޒިލްވެސް މެއެވެ. އެތައް ދަމެއްވާންދެން އަލިކޮށްލާފައި އޮންނަ ހަލަބޮލި އަޑުގަދަ ޝަހަރުތަކާއި މުޅިން ތަފާތު މާހައުލެކެވެ. ފަޚުރުވެރިވާހާ ފުރިހަމަ މަންޒަރުތަކާއި ފަތުރުވެރިން ޒިޔާރަތްކުރާފަދަ މަންޒިލްތަކުން މުއްސަދިވެފައިވާތީ މަސްވެރިންނާއި ހޮޓެލްތައް ހިންގާ މީހުންނަށް ލިބޭ ފައިދާ ބޮޑެވެ. ފަތުރުވެރިން ދެދުވަސްވަރު ހޭދަކޮށްލާފައި ދާއިރު އެނބުރި އަންނާނެކަމަށް ވައުދުވެއެވެ. މާކެންއަށް އަންނަން ދެ މަގުއޮވެއެވެ. އެއް މަގަކީ ޑަޗް ކުޑަ ޓައުނެއްކަމަށްވާ ވޮލެންޑަމްއިން ފެރީއިންނެވެ. ދެވަނަ ގޮތަކީ ބަހުން އައުމެވެ. ދަތުރުފަތުރުގެ ޒަމާނީ ވަސީލަތަށް ވުމާއެކު ގިނަ މީހުން ޚިޔާރުކުރަނީ ދެވަނަ ގޮތެވެ. އެކަމަކު އަދިވެސް ބައެއް މީހުން ފެރީގެ ޚިދުމަތް ހޯދަނީ ތަންކޮޅެއް މަޖާ ދަތުރެއްކަމަށް ދެކޭތީއެވެ.

އުމުރުން ސަތާރަ އަހަރުގެ އަލްވާ ދެފަޔަށް ލެވުނުހާ ބާރަށް ބައިސްކަލްގެ ފާލުގަނޑު އަނބުރަމުން ދިޔައެވެ. ކަޅުކުލައިގެ އިސްތަށިގަނޑު ގަތާފައިވިޔަސް ވައިގެ ގޯނާތަކާއި ހުރެ ބައެއް އިސްތަށިތައް ލޮލަށް އެޅި ތަންތަން ނުފެންނަ ފަހަރުވެސް އައެވެ. އެންމެފަހުންގޮސް ނޫސް ބަހާ މީހާގެ ގައިގާ އަޅައިނުގަތީ ހަމަ ކިރިޔާއެވެ.

"އަލްވާ. ދެވޭތަނެއް ބަލައިގެން އުޅެބަލަ ކޮއިފުޅާ. މި ކަރުދާސްތައް ކޯރަށް ސޮއްސައިނުލީ ހަމަކިރިޔާ......"ނޫސްބަހާ މީހާ ހަޅޭއްލަވައިގަތެވެ. ނަމަވެސް އޭނަ ހަޅޭއްލަވާފައިވެސް ހިނި އައީ އެކުއްޖާ އަރައިގަތް އިރާއެކު މިހާވަރުގެ ހީވާގިކަމެއް ހުރިތަން ފެނިފައެވެ. އޭނަ އެއްފަރާތަކަށް ޖެހިލީ އަލްވާއާއެކު އޭނަގެ އެންމެ ގާތް އެކުވެރިޔާ މެހެކް އުޅޭނެކަން ޔަގީންވެފައެވެ. އޭނަ ހީކުރިގޮތަށް އަނެއް މިނިޓްގައި މެހެކް ބައިސްކަލްގައި އާވާ އަތުލާންވެގެން ބާރަށް ދުއްވާފައި އަންނަތަން ފެނުނެވެ. އެކުދިން އެދަނީ ބަދަރުމައްޗަށްކަން އޭނަ ދެނެގަތެވެ. މިއީ ހަފްތާގެ ބަންދުގައި އެކުދިންގެ އާދަ ހުންނަ ގޮތެވެ. ބަދަރާއި ހަމަޔަށް ދެވުމާއެކު އަވަހަށް ބައިސްކަލް ތަޅުންމައްޗަށް އެއްލާލާފައި ދުއްވައިގަނެވުނީ ވަކަރުން ހަދާފައިވާ ފާލަމާއި ދިމާލަށެވެ. ދުވަމުން ދިޔައިރު މުޑި އަރާ މީހުންގެ ގާތުން މާފަށް އެދެމުންނެވެ.

"އެ އަންހެންކުއްޖާ...ކޮންމެ ހަފްތާގެ ބަންދެއްގައި އިރަށްވުރެ ކުރިން އެކުއްޖާ ތެދުވާނެ...." އެހިސާބުގައި ހުންނަ ހެނދުނުގެ ނާސްތާ ލިބޭ ކުޑަ ކެފޭގެ ވެރިޔާ ހިތްހެޔޮކަމާއެކު ހީގަތީ ކެފޭގެ ބޭރުގައި ރައްކާތެރިކަމުގެ ގޮތުން ޖަހާފައި ހުންނަ ދަގަނޑު ދޮރުތައް މައްޗަށް އަރުވައިލަމުންނެވެ. އެގަޑީގައި ބަދަރުމަތި ދިޔައީ ހޭލަމުންނެވެ. ހޫނު ޓޯސްޓް ބަޓަރު ވިރިގެން ފައިބަމުންދާ ޕޭންކޭކު އަދި ހޫނު ކޮފީފަދަ އެއްޗެހި ވިއްކާ ރެސްޓޯރެންޓްތައް ހުޅުވަމުން ދިޔައެވެ. ފިހާރަތަކުގެ ދަގަނޑު ދޮރުތައް ހިއްލާ އަޑުފަށްގަނޑު އަދި ދޮރުތައް ހުޅުވަމުންދާ އަޑެވެ. ދޫނިތައް ލަވަ ކިޔާ އަޑު އެ ކުޑަ އަވަށް ވަށާލާފައެވެ. ބަދަރުމަތީގައި އެކިކުލަތަކުގެ މަސްދޯނި ފަހަރާއި ނާތަކެވެ. އެދޯނިތަކުގައި ނަގާފައިވާ ދިދަތައް ވަޔާއި ތެޅެމުންދިޔައެވެ. މަސްވެރިން އެމީހުންގެ ދާތައް މަރާމާތުކުރަނީ މާމަމެން ވިޔެމުންދާފަދައިންނެވެ. އާވާގެ ޚިޔާލަށް އެ މަންޒަރު ގެނެވެނީ މަސްތަކަށް ހެދުން ފަހާފަދައިންނެވެ. މަސް އަދި ކަނޑާއި ލޮނުގެ ވަސް އެހިސާބުގައި ވަކިން ގަދައެވެ. އާއްމުކޮށް ވައިގެ ރޯޅިތަކުން މަސްތަކުގެ ވަސް ކަނޑުވައިލިޔަސް ލޮނުގެ ވަސް ދާއިމަށް ހިފާފައި އޮވެއެވެ.

އަލްވާ ބަދަރުގެ ނިމޭކޮޅަށް ގޮސްފައި އެންމެ ތިރީ ފަތްތަރު މައްޗަށް އަރާފައި ހަށިގަނޑު ސަމާލުކުރަން ދަނޑިއެއްގައި ހިފެހެއްޓިއެވެ. ބަދަރުމައްޗަށް ކަނޑުގެ ރާޅުތައް ބީއްސާއިރު ކަންފަތަށް އިވެނީ މިއުޒިކްގެ ރާގެއް ފަދައިންނެވެ. ކުރިމަތިން ކަނޑު ފެންނަ ހިނދު އަލްވާގެ ހުވަފެންތައްވެސް ފުޅަނގި އާއިލާގެ މަސް ފަދައިން އުޑާއި ދިމާލަށް އުދުހެމުން ކަނޑުތަކުގައި ކުޅެމުންދާ ފަދައެވެ. އިރާއި ދިމާލަށް މޫނު ދިއްކޮށްލަމުން ޓޭންވެފައިވާ މޫނު އިރުގެ އަލިން ފެންވަރުވައިލިއެވެ. ދުރުން ދައްކައިލި ބޯޓެއްފެނި އޭނަގެ ހިނިތުންވުން ފުޅާވިއެވެ. އިރުގެ އަލި އެޅުމުން އެބޯޓި ދިއްލެނީ މަޑު ވައިލެޓާއި ރީދޫކުލައިންނެވެ. ބޯޓު ކައިރިވަމުން އައި ވަރަކަށް ކުރިން ފެހިން ދަވާދު ލާފައިވާ އެ ބޯޓުގެ ދަވާދު ކެހިފައިވާ ތަންތަންކޮޅު ފެނުނެވެ."އޯސިސް"ގެ ނަން ދެވިފައިވާ އެ ބޯޓަކީ ފަތުރުވެރިންނާއި މެހުމާނުން އުފުލާ އުޅަދެކެވެ. އަލަށް ޒިޔާރަތްކުރާ މީހުންނެވެ. އެގޮތަށް އާ މީހުން އަންނަތަން ދެކެން އޭނަ ލޯބިކުރެއެވެ. އާ ސަގާފަތާއި އާގޮތްގޮތަށް ހެދުން އެޅުން އަދި އެމީހުން ގެންނަ އާ އެއްޗެހިތައްވެސް އޭނައަށް ކަމުދެއެވެ. މާކަމީރްގެ އެފަރާތުގައި އޮތް ދުނިޔޭގެ ކަންތައްތަކަށް އޭނަގެ ޝައުގު ހައްތާ އިތުރުވަނީއެވެ. ފަތުރުވެރިން އަންނަ ތަންތަނަށް ދަތުރުކުރުމަކީ އޭނަގެ ހުވަފެނެވެ.

އަލްވާއާއި ހަމަޔަށް ފޯރިއިރު މެހެކްއަށް ހުރީ މައިނޭވާލެވިފައެވެ.

"އަލްވާ. އަސްލުވެސް ތަންކޮޅެއް ލަސްވާން އެބަޖެހޭ. އައްޔަށްވުރެ ބާރަށް ދަތުރުއެބަ ކުރޭ. މި ބޭބީ ދެފައިން އެހާ ބާރަށް ބައިސްކަލް ދުއްވައިލާގޮތެއް މަގޭ ޚިޔާލަކަށް ނާދޭ...." މެހެކް ބުނެލިއެވެ. ދެ އަންހެންކުދިންގެ ބޭރުފުށުގެ ސިފަތަކާއިއެކު މިޒާޖުގެ ތަފާތުކަމުން އެހާ ލޯބިން އެކީގައި އުޅޭކަމީ އަޖައިބެއްފަދަ ކަމެކެވެ. މެހެކްގެ ރީތިކަމާއި އެއްވަރަށް ތައުލީމުގައި ހޯދާ ކާމިޔާބީއާއެކު ހަރުދަނާކަމުން އެތައް ބަޔެއްގެ ލޯބި ލިބިފައިވެއެވެ. އެއްވެސް ކަމެއްގައި މެހެކްއާއި އަލްވާ އަޅާ ކިޔޭވަރެއް ނުވެއެވެ. މެހެކްއާއި ބަލާއިރު އަލްވާ އަކީ ސާދާ ކުއްޖެކެވެ. ސްކޫލްގެ މަތީފަންތީގެ ކުދިން އޭނައަށް ޖެއްސުންކުރުމާއި ގަނާކުރުމުގެ އިތުރުން އޭނައަކީ ދަށް ކުއްޖެއްގެ ގޮތުގައި ދެކެއެވެ. އެހުރިހާ ކަމަކާއިއެކުގައިވެސް އެދެކުދިންގެ އެކުވެރިކަމުގެ ގުޅުމުގައި ޖެހިފައިވަނީ ވަރުގަދަ ތަތްގަނޑެކެވެ.

އަލްވާ މެހެކްއަށް ބަލައިލަމުން ވާހަކަދެއްކީ ފޯރިއާއި ޖޯޝުން ފުރިފައިވި އަޑަކުންނެވެ.

"މެހެކް. މި އަންނަނީ ބޯޓު.." އަލްވާގެ ލޮލުގެ ކުލަ ނިކަން ތަފާތެވެ. ކަޅުކަޅީގެ ވަށައިގެން މުށިކުލަ ހުރެފައި ބޭރުގައި ނޫކުލައިގެ ފަށަލައެއް ލެވިފައިވުމުން ތަފާތު ސިފައެއްކަމުގައިވެއެވެ.ކުޑައިރު އެ ލޮލާއި ދިމާލަށް ބަލައިލުން މެހެކްއަށް އުދަގުލެވެ. މެހެކް ހަނދާން ހުންނަން ފެށީއްސުރެ އެކަޅި ހުންނަނީ އެގޮތަށެވެ. އަދި އިރުގެ އަލި އެޅުމުން އެ އައިބު ފުދޭވަރަކަށް ފާހަގަކުރެވެއެވެ. މެހެކްވެސް ބޯޓަށް ނަޒަރު ހުއްޓާލާފައި އޭނަގެ ކޮފީކުލަ އަރާ މުށި އިސްތަށިގަނޑު ރީތިކޮށްލަމުން ހެދުންވެސް އޮމާންކޮށްލައިފިއެވެ. ރީތި ފަތުރުވެރިއެއްގެ ސަމާލުކަން ދަމައިގަންނަން ބޭނުންވީއެވެ. އޭރުން އޭނަ އެދޭފަދަ ޕަރީވާހަކައެއްގެ ލޯބި ފެށިދާނެއެވެ.

"އަލްވާ ދެންވެސް ފިރިހެންކުއްޖެއްހެން ހެދުން އަޅާނީ؟ ތިހެން ހުރެގެން ފިރިއަކު ހޯދާނީވެސް ކިހިނެއްތަ؟" އަލްވާގެ ހެދުމަށް މެހެކްގެ ފާޑުކިޔުމެއް ލިބުނެވެ. އޭނަ ލައިގެން ހުރީ އޭނަގެ ބައްޕަގެ ގަމީހެކެވެ. އެތައް ސައިޒެއް ބޮޑެވެ. އަދި މިހާރު ފިރިހެންކުދިންގެ ސްޓައިލަކަށްވެފައިވާ ބެގީ ހަރުވާޅެއްގެ ދަށަށް ގަމީސް ޖަހާލައިގެންނެވެ.

"ސަތާރައަހަރުގައި ފިރިހެނަކު ހޯދަންވީ ކީއްވެތަ؟"އާވާ ހީގަތެވެ. އޭނަގެ ހުވަފެނީ ނަޒަރު ބޯޓަށް ހުއްޓުނެވެ. އޭނައަށް ބޯޓުގައި ދަތުރުކޮށް ދުނިޔެ ބަލައިލެވޭނެނަމައެވެ. އޭނަގެ ފައިވެސް އެއްތާކު މަޑު ނުޖެހެއެވެ. ހިތްވެސް ކެތްމަދުވަނީ އާ ތަން ތަން ދެކެލުމަށެވެ." އޭގެ ކުރިން ފުރިހަމަ ކުރަން ޖެހޭ ބައިވަރު ކަންތައް އެބަހުރި."

ބަދަރުގައި ނަގިލި އަޅުވައިލި ބޯޓުން ދަތުރުވެރިން ފައިބަންފެށިއެވެ. މާތައް ޖެހި ހެދުންތައް އަޅައިގެން ކެމެރާތައް ދިއްކޮށްލައިގެން ތިބި ކަނބަލުންނެވެ. އެ ކަނބަލުންގެ ފައިވާން ބަދަރުމަތީގައި ޖެހޭ އަޑު އެތަނުގައި ހިފައިލިއެވެ. ބޯޓުގެ ފަށަންމަތީގައި ހުރި ނުރަ އިސްތަށިގަނޑުގެ ވެރި ގެބްރިއަލް އެކުދިންނަށް އަތް ހޫރާލައިފިއެވެ. އެކުދިން ބޯޓު ދެކެން އައުމަކީ އާއްމުކަމަކަށް ވާތީ ބޯޓުގެ ވެރިފަރާތް ގެބްރިއަލް އެކުދިން ދަނެއެވެ.

"މުސްކުޅި ގެބްރިއެލް ކިޔަނީ ކީކޭ؟ އޭނަ އަންނަނީ އަހަރެމެންނާއި ދިމާލަށްތަ؟" އިރުގެ އަލިދޯދިތަކުން ލޯ ސަލާމަތްކުރަން މެހެކް ލޯ ހަނިކޮށްލިއެވެ. ގެބްރިއަލް އަތުން އިޝާރާތްކުރީ ރީތި ފަތުރުވެރިއަކަށެވެ. އިސްކޮޅުން ދިގު ކުއްޖާގެ އުމުރު އުޅޭނީ ވިހީގެ އަހަރުތަކުގައެވެ.ކަޅުކުލައިގެ ސްކާފަކުން އިސްތަށިގަނޑު ނިވާކޮށްލާފައެވެ. މޫނު އޮމާންވެ ދިއްލިފައިވިއެވެ. ގެބްރިއެލް އެ އަންހެންކުއްޖާ ގާތު އެއްޗެކޭ ބުނުމުން އެކުއްޖާ އަންނަން ފެށީ އަލްވާ މެން ތިބި ދިމާލަށެވެ.

"ވާއު. އެއީ އަނެއްކާ މަޝްހޫރު މީހަކީތަ؟ ސިނެމާއިން ފެނޭ މޫނެއްހެން ހީވެއްޖެ. އެނގެއެއްނު މެދު އިރުމަތީގެ ފިލްމުތައް..." މެހެކްގެ ލޯ އިތުރަށް ބޮޑުކޮށްލިއެވެ. އެ އަންހެންކުއްޖާ ކައިރިވަމުން އައި ވަރަކަށް ރީތިކަން ފައުޅުވިއެވެ. އޭނަ އެ ކުދިންނާއި އަރާ ހަމަވެފައި ހިނިތުންވެލިޔަސް ހިނިތުންވުން ލޮލާއި ހަމަޔަށް ނުފޯރިއެވެ. އެހާ ވަރުބަލިވެ އަރާމުކުރަން ބޭނުންވެފައި ހުއްޓަސް ރީތިކަން ފަނޑުވާގޮތެއްނުވެއެވެ.

"ހެލޯ ދެކުދިން." އޭނަ ތައާރަފުވެލިއެވެ."އަޅުގަނޑުގެ ނަމަކީ ނާކިއާ. ހޮޓެލް ސަންސެޓް ވިއުއަށް އަޅުގަނޑު ގެންގޮސްދޭނެކަމަށް އެ ބޭފުޅާ ދެންނެވި...."

ހޮޓެލް ސަންސެޓްވިއުއަކީ އަލްވާގެ ބައްޕަ ހާމިދު ހިންގާ ކުޑަ ހޮޓަލެކެވެ. މި އަންހެންކުއްޖާ ހެދުން އަޅައިގެން ހުރިގޮތަށް ބަލައިލުމުން އަގުބޮޑު މުއްސަދި ހޮޓަލެއްގައި ހުރެވިދާނެކަމަށް ފެނުނެވެ. ވީއިރު އާދައިގެ ހޮޓަލެއް ޚިޔާރުކުރަންވީ ކީއްވެބާވައެވެ.

"އަޅުގަނޑަކީ އަލްވާ. މިއީ އެންމެ ގާތް އެކުވެރިޔާ މެހެކް...އަޅުގަނޑުމެން އެ ހޮޓަލާއި ހަމަޔަށް ގެންގޮސްދޭނަން."އަލްވާވެސް ހިނިތުންވެލިއެވެ."އަޅުގަނޑު މި ދަބަސް އުފުލައިދޭނަން.މިސް ނާކިއާ...."

"ނާކިއާ އޭ ކިޔާ. މިސް ނާކިއާ ކިޔުމުން މާ އުމުރުން ދުވަސްވީ މީހެއްހެން ހީވޭ......."ނަކިއާ އެހެން ބުނުމާއެކު މެހެކްއަށް އަލްވާއަށް ބަލައިލެވުނީ ހަމަ މާ ދުވަސްވެދާނެއޭ ބުނާފަދަ ގޮތަކަށެވެ. އިރުގަނޑެއްވާންދެން ހިމޭނުން ތިބެ އެންމެން ހިނގަމުން ދިޔައެވެ.

"މިތަން ހާދަ ރީއްޗޭ. މާގިނަ ބަޔަކު މިތާ ނޫޅޭ ދޯ....." ނާކިއާ އެހިއެވެ. ވަކަރުން ހަދާފައިވާ ކުދި ކޮޓެޖްތަކާއި ބަގީޗާތައް އަދި ސާފު މަގުތައް ފެނުމުން ފަތުރުވެރިންގެ މެދުގައި މަގުބޫލު އަވަށަކަށް ވުމާއިމެދު ހައިރާނެއްނުވިއެވެ. ގުދުރަތީ ހިތްގައިމު މަންޒަރުތަކުން ފުރާލާފައިވާ މިތަނަކީ ޒިޔާރަތްކުރަން ކޮންމެހެންވެސް ޖެހޭފަދަ ތަނެކެވެ. އުޑުމަތި ސާފުވެފައި ހިރަފުސްކޮޅެއް ނެތުމުން ހުދު ވިލާކޮޅުތަކުގެ ތެރެއިން ފީރޯޒެއްފަދައިން އުޑު ހައިބަވަންތަކަމާއެކު ފެތުރިލާފައި އޮތެވެ.

"ލައްބަ. ވަރަށް މަދު ބަޔަކު ދިރިއުޅެނީ. އެހެންވެ ފާޑަކަށް ފޫހިވެސްވޭ.." އަލްވާ މޫނުހެދިއެވެ.

"މާ ބޮޑަށް......ހިމޭން" ނާކިއާ އަލްވާގެ ޖުމްލަ ނިންމައިލަދިނެވެ.

"އެގްޒެކްޓްލީ..." އަލްވާ އެއްބަސްވުމުގެ ގޮތުން ބޯ ޖަހައިލިއެވެ.

"އެއީ ރަގަޅުކަމެއްނު.."ނާކިއާ ކުޑަކޮށް ހުނެވެ.

"އަމާންކަމާއި ހިމޭންކަމާއި ގަޔާވާވަރަށްވުރެ އަލްވާ ނޯޓީވެފައި އެޑްވެންޗަރަސް އެހެންވެކަން ނޭގޭ...." މެހެކް މަސައްކަތްކުރީ އޭނަގެ އަޑުވެސް "މެޗުއާ"ކުރުމަށެވެ.

"ހިމޭން ތަންތަނާއި ތިޔަބޭފުޅާ ރުހިލައްވަނީ؟" އަލްވާ ނާކިއާއަށް ނަޒަރު ހުއްޓައިލިއެވެ.

"އާނ. މިހާ ހިމޭން ޝަހަރެއްގައި މުޅި އުމުރު ދުއްވައިލަން ބޭނުމީ..އަދި ފެންނަ ފެނުމަށް މިތަން ވަރަށް ހިތްގައިމު."

"ކިހާ ދުވަހަކަށް މަޑުކުރާނީ؟" ސަންސެޓް ވިއު ހޮޓެލާއި އަރާ ހަމަވުމުން އަލްވާ ސުވާލުކުރިއެވެ. ކައިރީގައިވި މުށިކުލައިގެ ކޮޓެޖްތަކުގެ ކައިރީގައި ބިނާކޮށްފައިވި އެ ހޮޓެލްގެ ރީދޫ ފާރުތަކާއި ރަތްކުލައިގެ ނަން ބޯޑުގެ ސަބަބުން އެތަން ޚާއްސަވެ ފަސޭހައިން ލޮލުގައި އަޅައިގަންނާނެއެވެ. އާދައިގެ ހޮޓަލަކަށް ވިޔަސް އަލްވާގެ މައިންބަފައިން އެތަން ސާފުތާހިރުކޮށް ބެހެއްޓުމާއެކު އިރުއޮއްސޭ މަންޒަރު ފެންނަ ތަނަކަށްވުމުން ނަމާއިވެސް ގުޅެއެވެ.

"ހުރެވުނުހާ ދުވަހަކަށް ހުންނާނަން..އިންޝާﷲ.." ނާކިއާ މަޑުމައިތިރިކަމާއެކު ޖަވާބުދިންއިރު ރާގުގައި ހިތާމަވެރިކަމެއް ހުރިކަން އަލްވާ ދެނެގަތެވެ. އެދިގު އަންހެންކުއްޖާ ހޮޓަލުގެ ތެރެއަށް ވަދެ ނިވާވުމުން އަލްވާ މެހެކްގެ ކޮނޑަށް އަތްއެއްލިއެވެ." އެކުއްޖާ ފުދޭވަރަކަށް ސިއްރުވެރި. ހޮޓަލެއްގައި ހަފްތާއެއްހާ ދުވަހަށް ނޫނީ ފަތުރުވެރިއަކު މަޑުނުކުރާނެ. އެކަމަކު ނާކިއާ ބުނީ............"

"އާން އަހަންނަށްވެސް އޭނަބުނި އެއްޗެއް އިވިއްޖެ. އަހަރެންވެސް ހުރީ އޭނަ ކިޔާ އެއްޗެއް އަޑުއަހަން. ޔަގީނުންވެސް އުމުރު ދުވަހަށް އޭނަ މިތާކު ނުހުންނާނެ. އެއީވެސް ވާހަކަދެއްކުމުގެ ވައްތަރެއް އަލްވާ. އޭގެ މާނައަކީ މިތާގައި ލިޓްރަލީ އަބަދަށް ހުރުމެއްނޫން............"މެހެކް ހީގަތެވެ.

"އޭނަ ދެރަވެފައިހެން ހީވޭތަ؟"އަލްވާ ޖީބަށް އަތް ޖަހައިގެން ހުރިއިރު މޫނުމަތިން ފެނުނީ ޚިޔާލަކަށް ގެއްލިފައި ހުރިކަމެވެ.

"އެއަށް ކިޔަނީ ޖެޓްލެގް އޭ ސްވީޓީ.." މެހެކް އަލްވާގެ މޫނުމަތީގައި ވިކައިގަތެވެ." ބުނަންތަ ވާހަކައެއް؟ބީރައްޓެހިންގެ ދިރިއުޅުން ކޮންނަން ނަހަދާ.."

"ކަމޯން.. ކިހާ މަޖާކަމެއް. ކުޑަ އަވަށެއްގައި ބީރައްޓެއްސަކު އާ ދިރިއުޅުމެއް ފަށަން އައީ؟" އަލްވާގެ ލޯ ދިއްލުނެވެ." އަހަރެމެން އެކަން ހޯދަން ޖެހޭނެ...އައުޗް."

މެހެކް އޭނަގެ ކަންފަތް ދަމައިގަތްގޮތުން އިރައިލިހެން ހީވިއެވެ. ތަދުވެގެން އަޑެއް ލައްވައިލަމުން އަލްވާ ލޯ އަޅައިލިއެވެ.

"އަހަރެން ބުނެފީމެއްނު މީހުންގެ ކަންތައްތަކުގެ ތެރެއަށް ނޭފަތް ނުބާނާށޭ. މީހުންގެ އަމިއްލަ ކަންތައްތަކުގެ ތެރެއަށް ވަންނަން ހަދައިގެން ކޮންމެވެސް ދުވަހަކުން އަލްވާ ބޮނޑިއެއް ބޯނެ. ހަމަ ޔަގީން."

"ފޫހި ކުއްޖާ ގަނޑެކޭ..." އަލްވާ ތުން ތަޅުވައިލަމުން ރަތްވެފައިވާ ކަންފަތުގައި ފިރުމަންފެށިއެވެ."އަހަރެން ދަނީ.."

"އެހެންވެގެންނޭ އެކުވެރިއަކުވެސް ނުލިބެނީ. އެނގޭތަ؟"މެހެކްވެސް އަލްވާގެ ފަހަތުން ހިނގައިގަތެވެ."އަދި ބަދަރުމައްޗަށް ގޮސް ލޯބި ޓޫރިސްޓެއް އައިތޯ ބަލައިލާނީ ދޯ..."

މެހެކް އަލްވާގެ އަތާއި އަތް ގުޅައިލުމަށްފަހު އެކުއްޖާ ދަމަމުން ކަހަލަގޮތަކަށް ބަދަރާއި ވީފަރާތަށް މިސްރާބުޖެހިއެވެ.

"ޔޯ ޑްރީމް މޭން. އާދަޔާ ޚިލާފަށް މުއްސަދި މީހަކު ދެން ސަތާރަ އަހަރުގެ ކުއްޖަކާއި ގުޅުމެއް އޮންނާނެގޮތެއް ނޭގޭ...." އަލްވާ ކިޔައިލިއެވެ." ހީވަނީ ފިލްމުތަކުގައިވާހެން ސަވާރީއެއްގައި އޭނަގެ ގަނޑުވަރަށް ގެންދާނެހެންތަ؟ އެއީ ވާނެކަމެއްނޫން..."

"ކީއްވެ ނުވާންވީ؟" މެހެކްގެ ޔަގީންކަން އޮތެވެ."ފިރިހެނުންނަކީ އެކަހަލަ ބަޔެއް. އެހާ ރީތި އަންހެންކުއްޖެއް ފެނުނީމަ ޚާއްސަކޮށް އަހަރެން ފެނުމުން ނުފެންނަކަމަށް ހަދާފައި ނުދެވޭނެ. އޭގައި ނުވާނެއޭ ބުނަން ޖެހޭވަރުގެ ކަމެއްނެތް.."

"އެންމެ ފުރަތަމަ ސްކޫލް ހާޟިރީ އޯ؟" އަލްވާ އެހެން ބުނެފައި ޖެހުނީ މެހެކްގެ އުޅަބޮށީގެ އެތިފަހަރުން ސަލާމަތްވާން މަސައްކަތްކުރުމަށެވެ.

"މުއްސަދި ފިިރިހެނަކު ލިބެންޏާ ސްކޫލާއިމެދު ކަންބޮޑުވުމުގެ މާނައެއްނެތް މޮޔަ ކުއްޖާ." މެހެކް ހީގަތެވެ.

"ތި ޚިޔާލުދޫކޮށްލާ. މެހެކް އެއަށްވުރެ ސްމާޓްވާނެ.." އަލްވާ ބޯ ހޫރައިލިއެވެ.

***

އިރުގަނޑެއްވާންދެން ބަދަރުމަތީގައި ވަގުތު ހޭދަކުރުމަށްފަހު އަލްވާއާއި މެހެކް ނާސްތާ ކުރަން ގެއަށް ދާން ނިންމީ ފަހުން ބައްދަލުކުރަން ރާވާފައެވެ. އަލްވާ ގެއާއި ހަމަޔަށްގޮސް ފެންސްކައިރީގައި މަޑުކޮށްލައިގެން ހުރެ ޖެހިގެން ހުރި ހޮޓަލަށް ނަޒަރު ހިންގާލައިފިއެވެ. އަދި ދެފިކުރުމަތީގައި ހުރެފައި ހިނގައިގަތީ ހޮޓެލާއި ދިމާލަށެވެ. މިއަދު ސަންސެޓް ވިއުއަށް އައީ ކޮން ފަތުރުވެރިންނެއް ބާވައެވެ. އަބަދުވެސް އޭނަގެ ޝައުގު ދަމައިގަންނަނީ އާ ކަންތައްތަކަށެވެ.

އާދައިގެ މަތިން ރިސެޕްޝަނުގައި ހުރީ އޭނަގެ ބައްޕަ ހާމިދެވެ.

"ހޭއި ބައްޕާ....." އަލްވާ ގޮވައިލިއެވެ.

"އަލްވާ. ނާސްތާ ކުރަން މަންމަ ގޮވާތާ ކޮންއިރެއްތަ؟" ހާމިދު ކިޔަން އިން ފޮތުން ނަޒަރު ވަކިކޮށްނުލާ އިނެވެ.

"އަދި ކިރިޔާ އަށެއްޖެހީ. ޗުއްޓީ ދުވަސްތަކުގައި އާއްމުކޮށް ދިހައެއް ޖަހާއިރު ނާސްތާކޮށްލަނީ....ވީމަ ރަގަޅުވާނެ." އަލްވާގެ ލޯ ހުއްޓުނީ ސިޑިބަރިއަށެވެ.

"ކޯޗެއް ތި ހޯދަނީ؟" ހާމިދު އައިނު ކުޑަކޮށް ތިރިއަށް ޖައްސައިލަމުން އަލްވާގެ މޫނަށް ނަޒަރު ހުއްޓައިލިއެވެ."މިއަދު އަނެއްކާ ބަދަރަށް ދިޔައީތަ އަލްވާ؟"

"ލައްބަ ބައްޕާ. އެކަމަކު އަޅުގަނޑު ދިޔައީ ފިރިހެންކުދިންނަށް ބަލާކަށް ނޫން. އައި ޕްރޮމިސް......" އަލްވާ ވައުދުވުމުންވެސް ހާމިދު ފުން ނޭވާއެއް ދޫކޮށްލިއެވެ.

"އެތަނަށް ނުދާށޭ ބައްޕަ ނުބުނަންތަ؟ އެއީ ނުރައްކާތެރިކަމެއް. އަލްވާފަދަ ފަރުވާތެރިނުވެ އުޅޭ ކުދިންނަށް ޚާއްސަކޮށް ނުރައްކާ ބޮޑުވާނެ. އިތުރަށް ފަރުވާތެރިވާން ޖެހޭނެ. ކައިރީގައި އެއޮންނަނީ ފުން މޫދު.."

"ދެން ފަތަން އަޅުގަނޑަށް ދަސްކޮށްދޭންވީނު ބައްޕާ."އަލްވާ ހިނިތުންވެލިއެވެ."މިއަދު އާ ފަތުރުވެރިންނެއް ހޮޓަލަށް އައިތަ؟"

"އެންމެ މީހެއް..." އަނެއްކާވެސް ހާމިދުގެ ނަޒަރު ހުއްޓުނީ ކިޔަން އިން ފޮތަށެވެ.

"އޯ...." އަލްވާ މޮޅިވެރިވިއެވެ. ވީމަ އެތަނަށް އައި ހަމައެކަނި ފަތުރުވެރިއަކީ ނާކިއާއެވެ. މިފަހަކަށް އައިސް އެ ހޮޓަލަށް ފަތުރުވެރިން ލިބޭލެއް މަދެވެ. އޭނަވަނީ މަންމައާއި ބައްޕައާއި ދެމެދު ދެކެވުނު ވާހަކައެއް އަހާފައެވެ. އާ ހޮޓާތައް ގިނަވުމާއެކު ވާދަވެރިކަމާއެކު ބައެއްތަންތަން ކުރިއަރާދާ ގޮތުން ސަންސެޓް ވިއުއަށް ލިބޭ ކަސްޓަމާސްއިން މަދެވެ. ކުއްލިއަކަށް އަލްވާގެ ނަޒަރުގައި އަޅައިގަތީ ސިޑިބަރިން ތިރިއަށް އައި ނަކިއާއެވެ.

"ހެލޯ މިސް ނާކިއާ..." އަލްވާ އަތް ހޫރައިގަތެވެ.

"އޯ. އަނެއްކާ މި ދިމާވީ. ތިއީ....." ނާކިއާ ހިނިތުންވެލުމާއެކު ނަން ހަނދާން ކުރަން މަސައްކަތްކުރާކަން އެނގި އަލްވާ އަވަހަށް އެހީތެރިވެދިނެވެ.

"އަލްވާ...."

ނާކިއާ ގާތަށް އައުމުން އަލްވާއަށް ފާހަގަވީ ނާކިއާގެ ލޯ ރަތްވެފައި ހުރިކަމެވެ. މޫނު ހުދުވެފައި ބަލިފާޑުޖަހައެވެ."އަހަރެން މިދަނީ ފިހާރައަށް. ދިމާވާނެ އަދި އިންޝާﷲ..."

ނާކިއާ ބޭރަށް ނުކުތުމުން އަލްވާ އިރުގަނޑެއްވާންދެން ހުރެފައި ސުވާލުކޮށްލިއެވެ." ބައްޕާ. މި ހޮޓަލުގައި އަބަދަށް ހުންނަން ބޭނުންވާ ވާހަަކަ އެ ގެސްޓް ބުނިތަ؟"

"އާނ ބުނި އެކަމަކު އަލްވާއަށް ކިހިނެއް އެނގުނީ؟"

ވީމަ ނާކިއާ އެ ބުނީ ހަމަ ތެދަށެވެ. އެކަމަކު ކީއްވެހެއްޔެވެ؟ އަބަދަށްޓަކާ ހޮޓަލެއްގައި ދިރިއުޅެން ބޭނުންވާންވީ ސަބަބެއް ޔަގީނުންވެސް އޮންނަންވާނެއެވެ. އޭނަ ބައްޕަގާތުގައި މައުލޫމާތު ދީފައި އޮތުމަކީ އެކަށީގެންވާ ކަމެކެވެ.

"އެއީ ކީއްވެކަން ބައްޕައަށް އެނގޭތަ؟ އޭނަގެ ގެއެއް ނެތީތަ؟" އަލްވާ ސުވާލުކުރިތަނާ އޭނަގެ ހަގުކޮއްކޮ އަށް އަހަރުގެ އެލީސާ ދުވަމުން އައިސް ހޮޓަލަށް ވަނީއެވެ. އެކުއްޖާއަށްހުރީ މައިނޭވާލެވިފައެވެ.

"ބައްޕާ. ބައްޕާ..އަޅުގަނޑު އޭނައަށް ބަލަން ހުއްޓާ މިހެން ދިޔަ ލޭޑީއެއް މަރުވެއްޖެ. ހަމަ ދެންމެ....."އެލީސާ ލޯ ބޮޑުކަމުން ލޯވެސް އޭގެ މަގާމު ދޫކޮށް ފުންމާލަފާނެހެން ހީވިއެވެ.

ނުނިމޭ

(ހަޔަސިންތަކީ ތަފާތު ރަހަތަކެއް އެކުލެވޭ ރީތި ވާހަކައެކެވެ.ދާހާ ތަނަކުން ހިތް އަތުލުމުގައި ނާކާމިޔާބުވުމެއް ނެތް މުއްސަދި ޒުވާނެއް، ވަކަރުގެ މަސައްކަތަށް ކުޅަދާނަ ޒުވާނެއް، އަދި އަންހެންކުދިންތަކެއްގެ ފުރާވަރު ހުވަފެންތައް ފުރަތަމަ ލޯބި، ހިތް ހަލާކު، ބޭވަފާ އަދި އަޖީބު އެކުވެރިކަމުގެ ގުޅުމަށް ބިނާކޮށްފައިވާ ތަފާތު އަސަރުތަކެއް އެކުލެވޭ މި ވާހަކަ އަޅުގަނޑު ތަރުޖަމާކުރަނީ ކިޔުންތެރިންގެ ތަރުހީބު މި ވާހަކައަށްވެސް ލިބޭނެކަމުގެ އުއްމީދާއެކުގައެވެ.)