އޭއެފްސީ ޗެލެންޖް ކަޕްގައި ރާއްޖެ އިއްޔެ ނޭޕާލާ ބައްދަލުކޮށް ކުޅުނު މެޗުން ރާއްޖެ މޮޅުވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދު ހަސަން މަނިކު ޤައުމީ ޓީމަށް ތަހުނިޔާ ވިދާޅުވެއްޖެ އެވެ.

ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގައި އިއްޔެ ހަވީރު ކުޅުނު މިމެޗް ރާއްޖެ ކާމިޔާބު ކުރީ 1-0 ލަނޑުންނެވެ. މި ލަނޑު ޖަހައިދިނީ މެޗުގެ ދެ ވަނަ ހާފުގައި ވިކްޓަރީގެ ޒުވާން ކުޅުންތެރިޔާ މުހަންމަދު ރަޝީދު (ހޮކޭ) އެވެ.

ރައީސް ޑރ. ވަހީދު، ރާއްޖޭގެ ޤައުމީ ޓީމުގެ މެނޭޖާ އިބްރާހީމް އާމިރަށާއި ޓީމުގެ ކެޕްޓަން އަލީ އަޝްފާޤާ ރޭ ފޯނުން ގުޅުއްވައި، ޓީމުގެ ހުރިހާ ކުޅުންތެރިން ވެސް ވަރަށް ހިތްވަރާ އެކު ކުޅެ މެޗު ކާމިޔާބު ކުރިކަން އެއީ، ރާއްޖެ އަށް ޓީމް ހޯދައިދިން ވަރަށް ބޮޑު ޝަރަފެއް ކަމަށް ވިދާޅުވި އެވެ. އަދި ޓީމުގެ ކުޅުންތެރިން ދެއްކި ކުޅުމަށާއި ކުރި ހިތްވަރަށް ސާބަސް ދެއްވައި، ޓީމުގެ ހުރިހާ ކުޅުންތެރިންނަށާއި ކޯޗަށާއި މެނޭޖަރަށާއި އޮފިޝަލުންނަށް ވެސް ރައީސް މަރުޙަބާ ވިދާޅުވި އެވެ. އަދި އަންނަ ހޯމަ ދުވަހު ރާއްޖެ ފަލަސްޠީނާ ބައްދަލުކޮށް ކުޅޭ މެޗު ވެސް ކާމިޔާބު ކުރުމަށް އާ އަޒުމަކާ އެކު ނުކުތުމަށް ރައީސް ގައުމީ ޓީމްގެ ކުޅުންތެރިންގެ ކިބައިން އެދިވަޑައިގެންނެވި އެވެ.

ނޭޕާލްއަތުން ރާއްޖެ އިއްޔެ މޮޅުވި މެޗު ބައްލަވާލުމަށް ޓަކައި ރާއްޖޭގެ ކުޅިވަރާ ބެހޭ މިނިސްޓަރު މުހައްމަދު ހުސެއިން ޝަރީފް (މުންދު) އާއި އެފްއޭއެމްގެ ނައިބު ރައީސް ހިޔަލީ މުހައްމަދު ރަޝީދު ވަޑައިގަތެވެ. މެޗަށް ފަހު މިނިސްޓަރު ވަނީ ކުޅުންތެރިންނާ ބައްދަލުކުރައްވައި، މަރުހަބާ ވިދާޅުވެފަ އެވެ.

އިއްޔެގެ މޮޅާ އެކު ރާއްޖެ އަށް ތިން ޕޮއިންޓާ އެކު ގްރޫޕް އޭ ފަޅީގެ ދެ ވަނަ ލިބޭއިރު، އެއްވަނަ ލިބެނީ ތުރުކުމެނިސްތާނަށާއި ފަލަސްތީނަށެވެ. އެ ދެ ޓީމަށް ޖުމްލަ ހަތަރު ޕޮއިންޓް ލިބިފައިވެ އެވެ.