24 Jan 2022, 08:40
ލީގު ވަންގައި ރޭ ރެއިމްސްއާ ބައްދަލުކުރި މެޗު 4-0 އިން ކާމިޔާބުކޮށް ޕީއެސްޖީން ތާވަލްގެ އެއް ވަނައިގައި 11 ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.
ޕީއެސްޖީގެ ދަނޑުގައި ކުޅުނު މި މެޗު ފަށައިގެން ޕީއެސްޖީން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. މެޗުގެ އެއް ވަނަ މިނެޓުގައި ކިލިއަން އެމްބާޕޭ ފޮނުވާލި ހަމަލާ ދިޔައީ ރެއިމްސްގެ ގޯލް ދަނޑި ކައިރިން ބޭރަށެވެ. އަދި 11 ވަނަ މިނެޓުގައި އެންހެލް ޑިމާރިއާ ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ މަތީ ދަނޑިއާ ދިމާލުން ބޭރަށެވެ.
ރެއިމްސަގެ ފަރާތުންވެސް ކޮންމެވެސް ވަރަކަށް ހަމަލާތަކެއް ދިޔައީ ފެންނަމުންނެވެ. އަދި 34 ވަނަ މިނެޓުގައި ރެއިމްސެގެ ހުގޯ އެކިޓައިކް ފޮނުވާލި ބޯޅަ ދިޔައީ ޕީއެސްޖީގެ ގޯލް ދަނޑި މަތިން ބޭރަށެވެ.
ޕީއެސްޖީން ގިނަ ހަމަލާތަކެއް އުފައްދަމުން ގޮސް, މެޗުގެ 44 ވަނަ މިނެޓުގައި ރެއިމްސްގެ ގޯލް އޭރިޔާ ތެރޭ ހުރެ ފޮނުވާލި ބާރު ހަމަލާއެއް ގޯލަށް ވައްދާލައިގެން ޕީއެސްޖީގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ މާކޯ ވެރާޓޯއެވެ. މިގޯލާއެކު ފުރަތަމަ ހާފު ނިމުނީ 1-0 އިން ޕީއެސްޖީ ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފު ފެށިގެން ދެ ޓީމުވެސް ދިޔައީ ހަމަލާތަކެއް އުފައްދަން މަސައްކަތްކުރަމުންނެވެ. މެޗުގެ 61 ވަނަ މިނެޓުގައި ސާޖިއޯ ރާމޮސް ފޮނުވާލި ބޯޅަ ރެއިމްސްގެ ކީޕަރުގެ އަތުގައި ޖެހިފައި ބައުންސަށް ނިކުތް ބޯޅަ އަނެއްކާ ރާމޯސްވަނީ ގޯލަށް ފޮނުވާލައިގެން މެޗުގެ ދެވަނަ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައެވެ.
މެޗުގެ 63 ވަނަ މިނެޓުގައި ޕީއެސްޖީން ވަނީ ޑިމާރިއާގެ ބަދަލުގައި ލިއޮނަލް މެސީ ކުޅެން އަރުވާފައެވެ. މެޗުގެ 67 ވަނަ މިނެޓުގައި މެސީ ދިން ބޯޅައެއް ވެރާޓީ ގޯލަށް ފޮނުވާލުމުގެ ތެރެގަައި ރެއިމްސްގެ ވައުޓް ފޭސްގެ ބޮލުގައި ޖެހިފައިވަނީ ބައިކޮޅަށް ވަދެފައެވެ.
މިމެޗުގައި ޕީއެސްޖީގެ ފަހު ލަނޑު ޖަހާފައިވަނީ 75 ވަނަ މިނެޓުގައެވެ. އެމްބާޕޭ ދިން ބޯޅައަކުން ރެއިމްސްގެ ގޯލް އޭރިއާ ކުރިމަތީ ހުރެ ޑެނިލޯ ޕެރެއިރާ ފޮނުވާލި ބޯޅަ އަމާޒުވީ ރެއިމްސްގެ ގޯލަށެވެ.
މެޗުން މޮޅުވެ ލިބުނު ތިން ޕޮއިންޓާއެކު ޖުމުލަ 53 ޕޮއިންޓާއެކު ޕީއެސްޖީ އޮތީ ތާވަލްގެ އެއްވަނައިގައެވެ. މެޗުން ބަލިވި ރެއިމްސް އޮތީ 24 ޕޮއިންޓާއެކު 14 ވަނައިގައެވެ.