ކުލަބް ގްރީން ސްޓްރީޓްސްއިން ކެރިއަރު ފެށި ޒުވާން ފޯވާޑު އަބްދު ﷲ ޔާމީން (ޔާން) އެ ޓީމު ދޫކޮށް، ކުލަބް ވެލެންސިއާއަށް ބަދަލުވާން ނިންމައިފިއެވެ.

ރޭ ނިމުނު ޕްރެޒިޑެންޓްސް ކަޕްގައި ގްރީން ސްޓްރީޓަށް މޮޅު ކުޅުމެއް ކުޅެދިން ޔާމީން ކުރިއަށް އޮތް ސީޒަނަށް ކުލަބް ވެލެންސިއާ އަށް ބަދަލުވުމަށް ނިންމިކަން ހާމަކޮށްފައިވަނީ އޭނާގެ ފޭސްބުކް މެދުވެރިކޮށެވެ.

ފޭސްބުކުގައި ކުރި ޕޯސްޓެއްގައި އޭނާ ބުނެފައިވަނީ ގްރީން ސްޓްރީޓްސް އިން އޭނާއަށް ކޮށްދީފައިވާ ކަންކަމަށް ޝުކުރު އަދާކުރާކަމަށެވެ. އަދި އޭނާ ދަންނަ އެންމެންނަށްވެސް އޭނާ ގްރީން ދެކެ ލޯބިވާ މިންވަރު އެނގޭނެ ކަމަށެވެ.

އިތުރަށް ޔާން ބުނެފައިވަނީ މިއަދު އޭނާއަށް އެ ހިސާބަށް ދެވުމުގެ އަސްލަކީ ގްރީން ކަމަށެވެ. އަދި އެ ޓީމަކީ އޭނާގެ ދެވަނަ އާއިލާކަމަށެވެ. ގްރީންއިން އޭނާއަށް ކުރި އިތުބާރާ ވެދިން އެހީތެރިކަމަށް ޔާން ވަނީ ޝުކުރު އަދާކޮށްފައެވެ.

އޭނާ އެ ޓީމާއެކު ހޭދަކުރި ދުވަސްތަކަކީ ވަރަށް ވެސް އުފާވެރި ދުވަސްތަކެއްކަމަށް އޭނާ ވަނި ބުނެފައެވެ. އެ ޓީމާއެކު ހޯދިފައިވާ ކާމިޔާބުތަކާއި ދަނޑުމަތީގައި ހޭދަވި މަޖާ ވަގުތު ތަކަކީ އޭނާގެ ފޮތުގައި ރަން އަކުރުން ލިޔެވޭނެ ހަނދާންތަކެއްކަމަށް ވެސް ޔާން ވަނީ ބުނެފައެވެ.

ނިންމާލަމުން އޭނާ ބުނެފައިވަނީ ގްރީންއަކީ އޭނާގެ “ހޯމް” ކަމަށާއި، އަބަދުވެސް އޭނާއަކީ ގްރީންގެ މީހެއްކަމަށެވެ. އަދި އޭނާގެ އުންމީދަކީ އަދި ކޮންމެވެސް ދުވަހަކުން އެނބުރި ގްރީންއަށް ދިއުންކަމަށް އޭނާ ވަނީ ބުނެފައެވެ.