24 Jan 2022, 00:18
ސްޕެނިޝް ލަލީގާގައި މިރޭ ރެއާލް މެޑްރިޑާއި އެލްޗޭ ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.
މެޑްރިޑްގެ ދަނޑުގައި މިރޭ ކުޅުނު މެޗު އެއްވަރުވީ 2-2އިންނެވެ. މި މެޗުގައި އެލްޗޭން ދެ ލަނޑު ޖަހާފައި ވަނިކޮށް މެޑްރިޑުން ވަނީ ފަހަތުން އަރައި ދެ ލަނޑު ޖަހައި ނަތީޖާ ހަމަހަމަކޮށް މެޗުން ޕޮއިންޓެއް ހޯދާފައެވެ.
މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނުނުއިރު މެޑްރިޑުން ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ހޯދައިފައެވެ. މެޗުގެ 10 ވަނަ މިނެޓުގައި މެޑްރިޑުގެ ވިނިޝިއަސް ޖޫނިއާ އެލްޗޭގެ ގޯލް އޭރިއާއަށް ވަދެ ކީޕަރު ކައިރިން ފޮނުވާލަން މަސައްކަތްކުރި ބޯޅަ އެލްޗޭގެ ކީޕަރު އެޑްގާ ބަޑިއާ ވަނީ މަތަކޮށްފައެވެ. އޭގެ ދެ މިނެޓު ފަހުން މެޑްރިކްގެ ލޫކާ މޮޑްރިޗް ނަގައިދޭން މަސައްކަތްކުރި ދެ ބޯޅައެއް އެލްޗޭގެ ޑިފެންޑަރުން ވަނިީ ބްލޮކްކޮށްފައެވެ.
މެޗުގެ 13 ވަނަ މިނެޓުގައި ޓޯނިއޯ ކްރޫސް ފޮނުވާލި ބޯޅަ ދިޔައީ ގޯލް ދަނޑި ކައިރިން ބޭރަށެވެ. އޭގެ ފަހުން މެޗުގެ 26 ވަނަ މިނެޓުގައި ކަރީމް ބެންޒެމާ ފޮނުވާލި ހަމަލާވެސް އެލްޗޭގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ. އަދި 27 ވަނަ މިނެޓުގައި ކަސެމިރޯ ފޮނުވާލި ބާރު ހަމަލާވެސް އޭނާ ވަނީ ދިފާއުކޮށްފައެވެ.
މެޗުގެ 31 ވަނަ މިނެޓުގައި މެޑްރިޑްގެ ވިނިޝިއަސްއަށް އެލްޗޭގެ އޭރިޔާ ތެރެއިން އެކްސެކިޔުއެލް ޕަލަޝިއޮސް ކުރި ފައުލަކާ ގުޅިގެން މެޑްރިޑަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. ބެންޒެމާ ފޮނުވާލި ޕެނަލްޓީ ދިޔައީ ގޯލަށް އަމާޒުނުވެ ބޭރަށެވެ. ޕެނަލްޓީއަށްފަހު ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް މެޑްރިޑަށް ވަނީ ލިބިފައެވެ. ބެންޖަމިން މެންޑީ ފޮނުވާލި ބޯޅަ އެލްޗޭގެ ކީޕަރުގެ އަތުޖެހިފައި ގޯލު ދަނޑި ކައިރިން ދިޔައީ ބޭރަށެވެ.
މެޑްރިޑުން ނުރައްކާތެރި ހަމަލާތަކެއް އުފައްދަމުން ދަނިކޮށް މެޗުގެ 42 ވަނަ މިނެޓުގައި އެލްޗޭގެ ފިޑެލް ޗަވެސް ނަގައިދިން ބޯޅައެއް ބޮލުން ގޯލަށް ފޮނުވާލައިގެން ލޫކަސް ބޮއީ ވަނީ އެލްޗޭގެ ފުރަތަމަ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި މެޑްރިޑްގެ ބެންޒެމާ ފޮނުވާލި ބޯޅަ އެލްޗޭގެ ކީޕަރު ވަނީ މަތަކޮށްފައެވެ. އިތުރު ވަގުތުގެ ފަހު މިނެޓުގައި މެޑްރިޑްގެ ވިނިޝިއަސްއަށް ކުރި ފައުލަކާ ގުޅިގެން އެ ޓީމަށް ވަނީ ހިލޭ ޖެހުމެއް ލިބިފައެވެ. ބެންޒެމާ ފޮނުވާލި ހިލޭ ޖެހުން އެލްޗޭގެ ކީޕަރު ވަނީ އަތުން ޖަހައި ގޯލް އަރިމަތިން ބޭރުކޮށްލާފައެވެ.
ދެވަނަ ހާފު ފެށިގެން މެޗުގެ 50 ވަނަ މިނެޓުގައި އެޑެން ހަޒާޑަށް ފައުލް ކުރި ކަމަށްބުނެ މެޑްރިޑުން ޕެނަލްޓީއަކަށް އެޕީލް ކުރަން ފެށުމުން ރެފްރީ ވަނީ ވީއޭއާރު ބެލުމަށްފަހު ޕެނަލްޓީ ނުދޭން ނިންމާފައެވެ. ދެވަނަ ހާފުގައި މެޑްރިޑުން ލަނޑެއް ޖެހުމަށް މަސައްކަތްކުރަމުން ދަނިކޮށް އެލްޗޭއިން ވަނީ ލަނޑެއް ޖަހައި ލީޑު އިތުރަށް ފުޅާކޮށްފައެވެ. 76 ވަނަ މިނެޓުގައި ލޫކަސް ދިން ބޮޅައަކުން މި ލަނޑު ކާމިޔާބު ކުރީ އެލްޗޭގެ ޕެރެ މިލިއާއެވެ.
މެޗުގެ 78 ވަނަ މިނެޓުގައި މެޑްރިޑަށް ލިބުނު ކޯނަރަކުން ކަސެމިރޯ ބޮލުން ފޮނުވާލި ހަމަލާ އަމާޒުވީ ގޯލު ދަނޑީގެ ކަނަށެވެ. މެޗުގެ 80 ވަނަ މިނެޓުގައި އެލްޗޭގެ ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހުމުން މެޑްރިޑަށްވަނީ ޕެނަލްޓީއެއް ލިބިފައެވެ. މި ޕެނަލްޓީ އެ ޓީމަށް ކާމިޔާބުކޮށްދިނީ މޮޑްރިޗްއެވެ.
އެ ލަނޑަށްފަހުވެސް މެޑްރިޑުން ނަތީޖާ ހަމަހަމަ ކުރުމަށް އިތުރު ލަނޑެއް ޖެހުމަށް މަސައްކަތްކުރިއެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 92 ވަނަ މިނެޓުގައި ވިނިޝިއަސް ނަގައިދިން ހުރަހަކުން އެޑާއޮ މިލިޓާއޯ ވަނީ ލަނޑެއްޖަހައި މެޑްރިޑަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ.
މިމެޗުން ލިބުނު އެއް ޕޮއިންޓާއެކު ތާވަލްގެ އެއް ވަނައިގައި މެޑްރިޑް އޮތީ 50 ޕޮއިންޓާއެކުއެވެ. އެލްޗޭ އޮތީ 23 ޕޮއިންޓާއެކު ތާވަލްގެ 15 ވަނައިގައެވެ. މިރޭގެ އެހެން މެޗަކަށް ބަލާއިރު، ގްރަނަޑާ އަދި އޮސަސުނާ ބައްދަލުކުރި މެޗު 2-0 އިން ކާމިޔާބުކުރީ އޮސަސުނާއެވެ.