މާލޭގެ މަސާޖު ޕާލާއެއްގެ ތެރޭގައި ހަށިވިއްކަމުން ދަނިކޮށް މިދިއަ ހުކުރު ދުވަހުގެ ރޭ ފުލުހުން އަތުލައިގަނެ ހައްޔަރު ކުރި ތައިލޭންޑްގެ ފަސް އަންހެނުންނާއި ދިވެހި ތިން މީހުން ފުލުހުންގެ ބަންދުގައި ބައިތިއްބަން ކްރިމިނަލް ކޯޓުން އިތުރު މުއްދަތު ޖަހައިދީފި އެވެ.

އެ އަށް މީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ރޭ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން ވަނީ އެ މީހުންގެ ބަންދުގެ މުއްދަތު ފަސް ދުވަހަށް އިތުރުކޮށްދީފަ އެވެ.

ވެސްޓްޕާކް ރެސްޓޯރެންޓް ކައިރީ ހުންނަ މ. ޝެރިފުގައި ހިންގި ހާބަލް ބިއުޓީ ސެލޫން ގައި ހަށިވިއްކި މައްސަލައިގައި ފުލުހުން ހައްޔަރުކުރި ތައިލޭންޑްގެ ފަސް އަންހެނުންނަކީ މިސް ނީތާ ސެންގް ތޮންގު އާއި މިސް ސުތީތާ ތަނުވަތު އާއި މިސިޒް ތާނިގާ ތުއެން ޔޫތު ގެއިތުރުން މިސް ޕަޗައާ ޕޮން ޕުންޕޭތު އަދި މިސް ނިޗާޑާ ކޮންފާން އެވެ.

ހަށިވިއްކި މައްސަލައިގައި ހައްޔަރު ކުރި ދިވެހި ތިން ފިރިހެނުންނަކީ މާލޭ ދަފްތަރު 7448 ހަސަން ޒަރީރު އާއި، ޅ. ހިންނަވަރު ގުލިސްތާނުގޭ، މުޖުތަބާ އަބްދުﷲ އަދި ހއ. އިހަވަންދޫ، ދޭލިއާގޭ، އިބްރާހިމް އަބްދުލް ހާފިޒެވެ.

މި އަށް މީހުން، ހާބަލް ބިއުޓީ ސެލޫން ތެރެއިން އަތުލަގެނެ ހައްޔަރުކޮށްފައި ވަނީ ހަށިވިއްކުމުގެ އަމަލު އިންގަމުން ދަނިކޮށެވެ. ފުލުހުން މިހާރު ގެންދަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ނެވެ.

ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގެ އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެފައި ވަނީ މަސާޖް ޕާލާތަކުގެ ނަމުގައި ރާއްޖޭގައި ހިންގަމުން ގެންދާތަންތަނާއި ބެހޭ ގޮތުން ވަރަށް ގިނަ ޝަކުވާތަކެއް ރައްޔިތުން މިހާތަނަށްވެސް ހުށަހަޅާފައިވާ ކަމަށާއި އެތަންތަން ބަންދުކުރުމުގެ މަސައްކަތް ހެލްތް މިނިސްޓްރީއާ މޯލްޑިވްސް ޕޮލިސް ސާވިސް ގުޅިގެން ކުރިޔަށް ގެންދާނެ ކަމަށެވެ.
އޭނާ ވިދާޅުވެފައިވާ ގޮތުގައި މަސާޖް ކޮށްދޭ ތަންތަނުގެ ނަމުގައި އެކިއެކި ނަންނަން ކިޔައިގެން ރާއްޖޭގައި ހަށިވިއްކާތަންތަން ހުޅުވައިގެން ހިންގަމުންގެންދާ ކަމުގެ ޝަކުވާ ރައްޔިތުން އަބަދުވެސް ކުރާ ކަމަށާއި އެތަންތަނާ މެދު އެ މިނިސްޓްރީން ގެންގުޅޭނީ ވަރަށް ހަރުކަށި ވިސްނުމެކެވެ.