އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކްރިސްޓަލް ޕެލެސް އަތުން މޮޅުވެ ލިވަޕޫލް ތާވަލްގެ ދެ ވަނައިގައި ހަމަޖެހިލައިފިއެވެ.

ކްރިސްޓަލް ޕެލެސްގެ ދަނޑުގައި މިރޭ ކުޅުނު މެޗުން ލިވަޕޫލް މޮޅުވީ 3-1 އިންނެވެ.

މިރޭގެ މެޗުގައި ލިވަޕޫލުން ވަނީ ގިނަ ހަމަލާތަކެއް އުފައްދަައި ޕެލެސްގެ ގޯލަށް ނުރައްކާތެރި ބޯޅަތަކެއް ފޮނުވާލާފައެވެ. އެގޮތުން މެޗުގެ ހަވަނަ މިނެޓުގައި ޖޯޑަން ހެންޑަސަން ވަނީ ޕެލެސްގެ ގޯލަށް އަމާޒުކޮށް ހަމަލާއެއް ފޮނުވާލާފައެވެ. ނަމަވެސް ޕެލެސްގެ ކީޕަރު ވިޝަންޓޭ ގުއައިޓާ ވަނީ އެ ހަމަލާ މަތަކޮށްފައެވެ.

މެޗުގެ ހަތް ވަނަ މިނެޓުގައި ލިވަޕޫލަށް ލިބުނު ކޯނަރަކުން ވާޖިލް ވެންޑައިކް ވަނީ ލިވަޕޫލްގެ ފުރަތަަމަ ލަނޑު ކާމިޔާބުކޮށްފައެވެ. އެއީ އެންޑްރިއު ރޮބާޓްސަން ނަގައިދިން ކޯނަރު ބޮލުން ޖަހައި ގޯލަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މެޗުގައި ޕެލެސްއިން ވެސް އެޓޭކްގައި ހަމަލާތަކެއް އުފެއްދުމަށް މަސައްކަތް ކުރަމުން ދިޔައެވެ. މެޗުގެ 21 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަކުރުމަށް ޕެލެސްއަށް ވަނީ ރަނގަޅު ފުރުސަތެއް ލިބިފައެވެ. ޕެލެސްގެ ޖޮއެލް ވާޑް ގޯލު ކުރިމައްޗަށް ނަގައިދިން ބޯޅަ އެޓީމުގެ ޖޭ މަޓެޓާ ލިވަޕޫލްގެ ގޯލަށް އަމާޒުކޮށް ފޮނުވާލި ނަމަވެސް، ކީޕަރު އެލިސަން ވަނީ އެ ހަމަލާ ހުއްޓުވާފައެވެ.

ލިވަޕޫލާއި ކްރިސްޓަލް ޕެލެސް ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ / ސޯޝަލް މީޑިއާ

ލިވަޕޫލުން ޕެލެސްގެ ހާފު ތެރޭގައި ބޯޅަ ގެންގުޅެ ނުަރައްކާ ކުރަމުން ދިޔުމުގެ ނަތީޖާއެއްގެ ގޮތުން މެޗުގެ 31 ވަނަ މިނެޓުގައި އެންޑްރިއު ރޮބާޓްސަން ނަގައިދިން ބޯޅައެއް ކޮންޓްރޯލްކޮށް އޮކްސްލޭޑް ޗެމްބަލެއިން ފޮނުވާލި ބޯޅަށް ގޯލަށް ވަދެގެން ލިވަޕޫލަށްވަނީ މެޗުގެ ލީޑު ފުޅާވެފައެވެ.

ދެވަނަ ހާފު ފަށައިގެން ޕެލެސްއިން ދިޔައީ ލިވަޕޫލުގެ ގޯލަށް އަމާޒުކޮށް ކޮންމެވެސް ވަރަކަށް ހަމަލާ އުފައްދަމުންނެވެ. މެޗުގެ 54 ވަނަ މިނެޓުގައި ޕެލެސްއިން ވަނީ ލަނޑެއް ޖަަހައި ފަރަގު ކުޑަކޮށްފައެވެ. އެއީ ލިވަޕޫލްގެ ގޯލް އޭރިޔާ ތެރެއިން ކީޕަރު ކައިރިން ނައްޓައި ޖޭ މަޓެޓާ ދިން ބޯޅައެއް ގޯލަށް ފޮނުވާލައިގެން އޮޑްސޮން އެޑޮވާޑް ކާމިޔާބުކޮށްދިން ލަނޑެކެވެ. އެލަނޑަށްފަހު 56 ވަނަ މިނެޓުގައި ޕެލަސްގެ ޖޭ އެންޑަސަން ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް ޕެލަސްއަށް ލިބުނު ފުރުސަތުގައި މައިކަލް އޮލައިސް ފޮނުވާލި ނުރައްކާތެރި ބޯޅަ އެލިސަން ބެކާ ވަނީ އަތުން ޖަހައި ބޭރުކޮށްލާފައެވެ. މެޗުގެ 85 ވަނަ މިނެޓުގައި ޕެލެސްގެ ކީޕަރު ވިސެންޓޭ ގުއައިޓާ ލިވަޕޫލްގެ ޑިއަގޯ ޖޮޓާއަށް ކުރި ފައުލަކާ ގުޅިގެން އެ ޓީމަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. މި ޕެނަލްޓީ އެ ޓީމަށް ކާމިޔާބުކޮށްދިނީ ފަބީނިއޯއެވެ.

މިމެޗުން މޮޅުވެ ލިބުނު ތިން ޕޮއިންޓާއެކު ލިވަޕޫލް ތާވަލްގެ ދެވަނައިގައި އޮތީ އެއް ވަނައިގައި އޮތް ސިޓީއަށްވުރެ އެއް މެޗު މަދުން ކުޅެ ލިބުނު 48 ޕޮއިންޓާއެކުއެވެ. މެޗުން ބަލިވި ޕެލެސް އޮތީ ތާވަލްގެ 13 ވަނައިގައި 24 ޕޮއިންޓާއެކުއެވެ.

މިރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، އާސެނަލް އަދި ބާންލީ ބައްދަލުކުރި މެޗު ނިމުނީ ދެޓީމުންކުރެ އެއް ޓީމަކަށްވެސް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ. ލެއިސްޓާ ސިޓީ އާއި ބްރައިޓަން ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.