ފައިނަލު މެޗުގައި މާޒިޔާ ބަލިކޮށް، ވެލެންސިއާއިން ޕްރެޒިޑެންޓްސް ކަޕްގެ ތަށި އުފުލައިލައިފިއެވެ.

ރ. އަލިފުށީގައި މިއަދު ހަވީރު ކުޅުނު މި މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު 1-1އިން އެއްވަރުވެފައިވާތީ ނަތީޖާ ނެރެން ޖެހުނީ އިތުރުވަގުތުގެ ދެ ހާފު ކުޅޭށެވެ.

ވެލެންސިއާއިން މާޒިޔާގެ މައްޗަށް ކުރި ހޯދީ އިތުރު ވަގުތުގެ 15 މިނެޓުގެ ފުރަތަމަ ހާފުގައި، މެޗުގެ 104ވަނަ މިނެޓުގައި މާޓިން ބޯޚަސް ޖަހައިދިން ލަނޑަކާއެކުގައެވެ.

މިއީ ވެލެންސިއާއިން ޕްރެޒިޑެންޓްސް ކަޕް ކާމިޔާބު ކުރި ހަވަނަ ފަހަރެވެ. ވެލެންސިއާ އިން އެންމެ ފަހުން ޕްރެޒިޑެންޓްސް ކަޕް ފައިނަލް ކުޅުނީ ވިކްޓްރީއާ ދެކޮޅަށް 2008ވަނަ އަހަރުއެވެ.

މެޗު ފަށައިގެން މެޗުގެ ތިން ވަނަ މިނެޓުގައި ވެލެންސިއާއަށް ލިބުނު ކޯނަރަކުން ވެލެންސިއާއަށް ލީޑު ނަގައިދިނީ ވެސް ބޯގަސްއެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ ނަގައިދިން ކޯނަރު ގޯލު ކުރިމަތީ ހުރެ ފައިން ގޯލަށް ފޮނުވާލައިގެންނެވެ. ވެލެންސިއާގެ މި ލަނޑަށްފަހު އެ ޓީމުން ގިނަ ވަގުތު ކުޅެމުން ދިޔައީ ބޮޑަށް ޑިފެންސްކޮށްގެންނެވެ.

މެޗު ފަށައިގެން ގިނަ ވަގުތު މާޒިޔާއިން ދިޔައީ ބޯޅަ ކޮންޓްރޯލްކޮށްގެން ކުޅެމުންނެވެ. އެގޮތުން ނަތީޖާ ހަމަހަމަކުރުމަށް އެ ޓީމުން ދިޔައީ މަސައްކަތް ކުރަމުންނެވެ.

ދެ ޓީމުގެ ފަރާތުންވެސް ގިނަ ފައުލްތަކެއް ފެނިގެން ދިޔަ މި މެޗުގެ 18 ވަނަ މިނެޓުގައި މާޒިޔާގެ ކުޅުންތެރިޔަކަށް ކުރި ފައުލަކާ ގުޅިގެން ވެލެންސިއާގެ އަސްހަދު އަލީ (އަޑުބަރޭ) އަށް ވަނީ ރީނދޫ ކާޑެއް ދައްކައިފައެވެ. މެޗުގެ 30 ވަނަ މިނެޓުގައި ވެލެންސިއާގެ ކެޕްޓަން އަލީ ފާސިރު (ސެންޓޭ ) އަށް ވަނީ ލީޑު ފުޅާ ކުރުމަށް ރަނގަޅު ފުރުސަތެއް ލިބިފައެވެ. އޭރިޔާ ކައިރީ ހުރެ އޭނާ ބޯޅަ ފޮނުވާލަން ކުރި މަސައްކަތުގެ ތެރޭގައި އޭނާ ކަހަލައިގެން ވެއްޓި ބޯޅަ ގެއްލުނީއެވެ.

މެޗުގައި މާޒިޔާގެ ފަރާތުން ނުރައްކާތެރި ހަމަލާތަކެއްވަނީ ފެނުނެވެ. އެ ގޮތުން، މެޗުގެ 38 ވަނަ މިނެޓުގައި މާޒިޔާގެ އިބްރާހިމް ވަހީދު ފޮނުވާލި ބޯޅަ ދިޔައީ ވެލެންސިއާގެ ކީޕަރު ފައިސަލްގެ އަތު ޖެހިފައި، ގޯލް ދަނޑި ކައިރިން ބޭރަށެވެ. އެއާއެކު މަޒިޔާއަށް ވަނީ ކޯނަރެއް ލިބިފައެވެ. ތިރިތިރިން ނެގި ކޯނަރު، ފައިން ގޯލަށް ފޮނުވާލައިގެން މާޒިޔާގެ ކެޕްޓަން އިރުފާން ވަނީ އެޓީމަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ.

ފުރަތަމަ ހާފު ނިމިގެން ދިޔައީ ދެ ޓީމު 1-1 އިން އެއްވަރުވެގެން އޮވެއެވެ.

ދެވަނަ ހާފު ފެށިގެން މާޒިޔާގެ ފަރާތުން ފެނިގެން ދިޔައީ ވެލެންސިއާގެ ގޯލަށް ބާރުބޮޑުކުރަމުން ދިޔަ މަންޒަރެވެ. ނަމަވެސް މާޒިޔާގެ ހަމަލާތައް ހުއްޓުވުމުގައި ވެލެންސިއާގެ ކީޕަރު ފައިސަލް ހުށިޔާރެވެ. މެޗުގެ 69 ވަނަ މިނެޓުގައި މާޒިޔާގެ އިބްރާހިމް ވަހީދު ވެލެންސިއާގެ ގޯލް އޭރިއާ ތެރޭގައި ހުރެ ފޮނުވާލި ހަމަލާ ވެލެންސިއާގެ ޑިފެންޑަރުން ވަނީ ބްލޮކުކޮށްފައެވެ.

މާޒިޔާއިން މެޗުގެ ފުރަތަމަ ބަދަލު ގެނެސްފައިވަނީ މެޗުގެ 70 ވަނަ މިނެޓުގައެވެ. މާޒިޔާގެ ހަމްޒާގެ ބަދަލުގައި ނާއިޒުވަނީ ކުޅެން ނިކުމެފައެވެ. އޭގެ ތިން މިނެޓު ފަހުން އަނެއްކާވެސް މާޒިޔާއިން ވަނީ ބަދަލެއް ގެނެސްފައެވެ. އެއީ އެ ޓީމުގެ ނިހާން ގެ ބަދަލުގައި އުމެއިރު އަރުވައިގެންނެވެ.

ވެލެންސިއާގެ ފަރާތުން މާ ރަނގަޅު ހަމަލާތަކެއް ދެވަނަ ހާފުގައި ފެނިގެން ގޮސްފައިނުވާއިރު، މެޗުގެ 74 ވަނަ މިނެޓުގައި މާޒިޔާގެ އިބްރާހިމް ވަހީދު ފޮނުވާލި ބޯޅަ ދިޔައީ ގޯލާ އަމާޒުނުވެ ދަނޑި މަތިންނެވެ. އޭގެ މިނެޓެއް ފަހުން އިބްރާހިމް ވަހީދު ފޮނުވާލި ހަމަލާ ކީޕަރު ފައިސަލް ވަނީ މަތަކޮށްފައެވެ.

މެޗުގެ 81 ވަނަ މިނެޓުގައި ވެލެންސިއާގެ ފާސިރުއަށް މާޒިޔާގެ ކުޅުންތެރިޔަކު ކުރި ފައުލަކާ ގުޅިގެން އެޓީމަށް ވަނީ ހިލޭ ޖެހުމެއް ލިބިފައެވެ. އެޓީމުގެ ހިލޭ ޖެހުން ސެންޓޭ ފޮނުވާލިއިރު، މާޒިޔާގެ ކީޕަރު ކިރަން ކުމާރު ވަނީ އެ ހަމަލާ ދިފާއު ކޮށްފައެވެ.

މެޗުގެ 83 ވަނަ މިނެޓުގައި މާޒިޔާއަށް ވަނީ ލީޑު ނަގާނެ ރަނގަޅު ފުރުސަތެއް ތަނަވަސް ވެފައެވެ. ގޯލް ކުރިމަތިން އިބްރާހިމް ވަހީދު ފޮނުވާލި ބޯޅަ އަމާޒުވީ ވެލެންސިއާގެ ކީޕަރު ފައިސަލްގެ އަތަށެވެ. މެޗުގެ ފުރިހަމަ 90 ވަނަ މިނެޓުގައި މާޒިޔާގެ އުމެއިރު ފޮނުވާލި ބޯޅަ ދިޔައީ ވެލެންސިއާގެ ގޯލު ދަނޑި ކައިރިން ބޭރަށެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 1-1އިން އެއްވަރު ވެގެންނެވެ.

މެޗުގެ ނަތީޖާ ނެރުމަށް 15 މިނެޓުގެ ދެ ހާފު ވަނީ ކުޅެފައެވެ. ފުރަތަމަ ހާފު ފަށައިގެން ވެސް މާޒިޔާގެ ފަރާތުން އެޓޭކިންގައި ރަނގަޅު ކުޅުމެއް ކުޅުނު ނަމަވެސް، ވެލެންސިއާގެ ކުޅުންތެރިންގެ ފަރާތުން މާ އެދެވޭ ހަމަލާއެއް ނުއުފެއްދެއެވެ.

އިތުރު ވަގުތުގެ 94 ވަނަ މިިނެޓުގައި ވެލެންސިއާގެ ކެޕްޓަން އަލީ ފާސިރަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން މާޒިޔާގެ ހަސަން ނާއިޒު (ދާދު)އަށް ވަނީ ރަތް ކާޑު ދައްކާފައެވެ. އެއަށްފަހު، ކުޅުންތެރިއަކު މަދުން ކުޅެން ޖެހުމުން މާޒިޔާއަށް ވަނީ އުނދަގޫތަކަކާ ކުރިމަތިލާންޖެހިފައެވެ.

ވެލެންސިއާއިން މަޑުމަޑުން އެޓޭކް ކުރުމަށް މަސައްކަތްކުރަމުން ގޮސް މެޗުގެ 104 ވަނަ މިނެޓުގައި އެ އެ ޓީމުން ލަނޑެއް ޖެހިއެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑުވެސް ކާމިޔާބު ކުރި ބިދޭސީ ކުޅުންތެރިޔާ މާޓިން ބޯޚަސް އެވެ.

މެޗުގެ 108 ވަނަ މިނެޓުގައި މާޒިޔާއަށް ވަނީ ނަތީޖާ ހަމަ ހަމަކުރަން ރަނގަޅު ފުރުސަތެއް ލިބިފައެވެ. މާޒިޔާގެ އަކުރަމް ނަގައިދިން ބޯޅަ އެ ޓީމުގެ ކެޕްޓަން އިރުފާނަށް ފޮނުވައިލެވުނީ ވެލެންސިއާގެ ކީޕަރު ފައިސަލްގެ އަތަށެވެ.

މެޗު ނިމުނީ 2-1 އިން މާޒިޔާގެ މައްޗަށް ވެލެންސިއާއިން ކުރި ހޯދައިގެންނެވެ. މެޗަށްފަހު މުބާރާތުގެ މަަގާމުތައް ހޮވާފައިވާއިރު، ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވެލެންސިއާއަށް ދެ ލަނޑު ކާމިޔާބުކޮށްދިން މާޓިން ބޯޚަސްއެވެ.

މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކަށް ހޮވުނީ ވެލެންސިއާގެ ޖާޒީ ނަންބަރު 11، އަލީ ފާސިރު (ސެންޓޭ) އެވެ. އަދި މުބާރާތުގެ އެންމެ މޮޅު ކުޅުންޔެރިއަކަށް ވެސް ހޮވުނީ ވެލެންސިއާގެ ޖާޒީ ނަންބަރު 11، އަލީ ފާސިރު (ސެންޓޭ)އެވެ.