11 Mar 2012, 09:27
ޤާހިރާ (މާޗް 11) : މިސްރުގެ ރިޔާސީ ރޭސް ހުޅުވާލުމާއެކު ރައީސް ކަމުގެ އިންތިޚާބަށް 200 އަށްވުރެ ގިނަ ފަރާތުން ކުރިމަތިލައިފިއެވެ.
މިސްރުގެ ރިޔާސީ ރޭހަށް ކުރިމަތިލުމަށް ބޭނުންވާ ފޯމްތަކާއި އެނޫން ލިޔެކިޔުންތައް ހުށަހެޅުމަށް އިއްޔެ ހެނދުނު 9.00 ގައި ހުޅުވާލުމުން އިއްޔެ ރޭ 8.00 އާ ހަމައަށް 200 ފަރާތަކުން ކެންޑިޑޭޓްކަމުގެ ފޯމްތައް ފުރައި ކަމާބެހޭ ލިޔެކިޔުންތަކާއެކު އިންތިޚާބުތަކާބެހޭ އިސްކޮމިޓީއަށް ހުށަހަޅާފައިވާ ކަމަށް އެކޮމިޓީން ހާމަކުރެއެވެ.
މިސްރުގެ ރިޔާސީ އިންތިޚާބުގައި ވޯޓުލުން އޮންނާނީ އަންނަ މޭމަހުގެ 23 ވަނަ ދުވަހުއެވެ. އަދި އިންތިޚާބު ކާމިޔާބުކުރައްވާ ފަރާތެއް އިޢްލާންކުރުން އޮންނާނީ ޖުލައިމަހުގެ އެއްވަނަ ދުވަހުގެ ކުރިންނެވެ. މިއިންތިޚާބުގައި މިސްރުގެ ރައްޔިތުން ޤައުމުގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމަށް ބޭފުޅަކު އިންތިޚާބު ކުރުމުން މިސްރުގައި ވަގުތީގޮތުން މިހާރު ވެރިކަންކުރާ ޢަސްކަރީ އެންމެ މަތީ މަޖިލީހުގެ ރިޔާސީ ދައުރު ނިމުމަކަށް އަންނާނެއެވެ.
މިސްރުގެ ކުރީގެ ރައީސް މުޙައްމަދު ޙުސްނީ މުބާރަކް މަޤާމުން އިސްތިއުފާދެއްވީ ރައްޔިތުންގެ ނުރުހުމާއެކު ކުރިމަތިވި ފިއްތުންތަކާގުޅިގެން އޭނާގެ ވެރިކަމުގެ ނިޒާމު ޙިމާޔަތްކުރުމަށް ސިފައިން ދެކޮޅު ހެދުމާގުޅިގެންނެވެ. މުބާރަކްގެ އިސްތިއުފާއަށްފަހު މިސްރުގެ ރިޔާސަތުގެ އިންތިޤާލީ މަރްޙަލާ ފެށުނީ 11 ފެބްރިއަރީ 2011 ގައެވެ.
މިސްރު ޒަމާނީ ޑިމޮކްރަސީއަކަށް ބަދަލުކުރުމަށްޓަކައި އިންތިޤާލީ މަރްޙަލާގައި ކުރުމަށް ނިންމާފައިވާ ކަންތައްތަކުގެ ތެރެއިން މައިގަނޑުކަންތައްތައް މިހާރުވަނީ ކޮށްނިމިފައެވެ. މީގެތެރޭގައި ޑިމޮކްރެޓިކް ވެރިކަމެއް ހިންގޭގޮތަށް ޤާނޫނު އަސާސީ އިސްލާޙް ކުރުމާއި ޑިމޮކްރެޓިކް ހަމަތަކާއެކު ގިނަޕާޓީތައް ވާދަކުރާ މިނިވަން އިންތިޚާބެއް ބާއްވައިގެން ޕާލަމެންޓެއް އިންތިޚާބު ކުރުމާއި މިނިވަން އަދި ޑިމޮކްރެޓިކް ރިޔާސީ އިންތިޚާބަކަށް މަގުފަހިކުރުމެވެ. މިސްރުގެ ވެރިކަމުގެ އިންތިޤާލީ މަރްޙަލާ ނިމުމަކަށް އަންނާނީ ރިޔާސީ އިންތިޚާބުގައި ރައްޔިތުން އިންތިޚާބުކުރާ ރައީސަކާ ވެރިކަމުގެ ބާރުތައް ޙަވާލުކުރުމުންނެވެ.
މިސްރުގެ ރިޔާސީ އިންތިޚާބަށް ކުރިމަތި ލައްވާފައިވާ ބޭފުޅުންގެ ތެރެއިން ގިނަބައެއްގެ ނަޒަރު ހުއްޓިފައިވަނީ އެޤައުމުގެ ކުރީގެ ޚާރިޖީ ވަޒީރު އަދި ޢަރަބި ލީގުގެ ކުރީގެ އަމީން ޢާންމު ޑޮކްޓަރ ޢަމްރު މޫސާއަށެވެ. -- އަލްޖަޒީރާ