ދިމިޝްޤު (މާޗް 11) : ސޫރިޔާއަށް ކުރިމަތިވެފައިވާ މައްސަލަތައް ޢަސްކަރީ ބާރުން ޙައްލުނުކުރެވޭނެ ކަމަށް އެޤައުމަށް އދ. ން ކަނޑައަޅާފައިވާ މަންދޫބު ކޯފީ އަނާން ވިދާޅުވެއްޖެވެ.

ދިމިޝްޤުގައި ރައީސް ބައްޝާރުލްއަސަދާ ބައްދަލުކުރެއްވުމަށްފަހު އަނާން ވިދާޅުވީ ސޫރިޔާއަށް ކުރިމަތިވެފައިވާ މައްސަލަތައް ޢަސްކަރީ ބާރުން ޙައްލުނުކުރެވޭނެ ކަމަށާ ސޫރިޔާގެ މައްސަލަތަކަށް ބޭނުންވަނީ ސިޔާސީ ޙައްލެއް ކަމުގައެވެ. މިކަމަށްޓަކައި ސޫރިޔާ ސަރުކާރުން އިދިކޮޅު ފަރާތްތަކާ ބައްދަލުކޮށް މަޝްވަރާކުރަންޖެހޭ ކަމަށް އަނާން ވިދާޅުވިއެވެ. އަނާނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކާގައި ބައްޝާރުލްއަސަދް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ހަތިޔާރު ނުބަހައްޓާހާ ހިނދަކު އެފަރާތްތަކާ ސަރުކާރުން ވާހަކަ ނުދައްކާނެ ކަމުގައެވެ.

އަނާން ވިދާޅުވީ އޭނާ މަސައްކަތް ކުރައްވަނީ ޙަމަލާތައް ހުއްޓާލުމަށް ސޫރިޔާ ސަރުކާރާއި އިދިކޮޅު ފަރާތްތައް އެއްބަސްކުރުވުމަށް ކަމުގައެވެ.

އަނެއްކޮޅުން ވައިޓް ހައުސް އިން އިއްޔެ ބުނީ ސޫރިޔާގައި ހިނގަމުންދާ ލޭއޮހޮރުވުންތައް ހުއްޓުވުމަށް ކުރެވިދާނެ ކަންތައްތަކާބެހޭގޮތުން އެމެރިކާ ވިސްނަމުންދާ ކަމަށާއި ސޫރިޔާގެ މައްސަލަ މިހާރުވަނީ އިންސާނީ ޒަމީރަށް ތަޙައްމަލް ނުކުރެވޭ ހިސާބަށް ގޮސްފައި ކަމުގައެވެ. ސޫރިޔާގައި އިއްޔެވެސް 69 މީހަކު މަރާލާފައިވެއެވެ. -- އަލްޖަޒީރާ