މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސްއިން ހޯޕް ފޯ ވިމެންއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއަދު ސޮއިކުރި މި އެއްބަސްވުމުގައި ޖެންޑާ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޒިފްލީނާ ހަސަންއެވެ. ހޯޕް ފޯ ވިމެންގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމިއްޔާގެ ޗެއާޕާސަން އަހުމަދު އަންވަރެވެ.

ޖެންޑާ މިނިސްޓްރީން ބުނީ މި އެއްބަސްވުމަކީ އެ މިނިސްޓްރީއަށް ހުށަހެޅޭ ގެވެށި އަނިޔާ އަދި ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާ ލިބޭ ފަރާތްތަކަށް ބޭނުންވާ ގާނޫނީ އެހީތެރިކަން އަދި ޕިއާ ސަޕޯޓް ގުރޫޕުގެ ޚިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތް ކުރުމަށްވީ އެއްބަސްވުމެއް ކަމަށެވެ.

މި އެއްބަސްވުމުގެ ދަށުން ހޯޕް ފޯ ވިމެން އިން ކުރިއަށް އޮތް އެއް އަހަރު ދުވަހު ޖެންޑާ މިނިސްޓްރީއާއެކު މަސައްކަތް ކުރާނެއެވެ.

މިއީ ގެވެށި އަނިޔާ އަދި ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާ ލިބޭ މީހުންނަށް ފޯރުކޮށްދެވޭ ޚިދުމަތްތައް އިތުރުކޮށް ހަރުދަނާ ކުރުމުގެ ގޮތުން ކުރަމުން އަންނަ މަސައްކަތުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ޖެންޑާ މިނިސްޓްރީން ބުންޏެވެ. އަދި މި މަސައްކަތުގެ ދަށުން މާލޭގެ އިތުރުން އަތޮޅުތެރެއިން ހުށަހެޅޭ މައްސަލަތަކުގައި އަނިޔާ ލިބޭ މީހުންނަށް ވެސް އެހީތެރިކަން ފޯރުކޮށްދެމުން ގެންދާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.