ބައި ކިލޯ މަސްތުވާތަކެއްޗާއެކު ހުކުރު ދުވަހުގެ ގ. ވެޖްވުޑް ގެއިން ހައްޔަރު ކުރި ގއ. ދާންދޫ ޑޭޒީމާގޭ، މުހައްމަދު ޔަޒީދު،52 ގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އިތުރުކޮށްދީފި އެވެ. އޭނާއަކީ އެގޭގައި ކުއްޔަށް އުޅެމުންދިޔަ މީހެކެވެ.

އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ރޭ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން ވަނީ އޭނާގެ ބަންދުގެ މުއްދަތު 10 ދުވަހަށް އިތުރުކޮށްދީފަ އެވެ.

ފުލުހުން ބުނީ ޔަޒީދު ހައްޔަރުކުރީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެނެ ފުލުހުންގެ ޑްރަގު އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކަމަށެވެ.

ފުލުހުން އެ މައްސަލަ ތަހުގީގު ކުރަމުންދާއިރު ފުލުސް ކޮމިޝަނަރު އަބްދުﷲ ރިޔާޒު ވިދާޅުވެފައި ވަނީ މިއަހަރު ފުލުހުން އެންމެ ބޮޑު ސަމާލު ކަމެއް ދޭނެ އެއް ދާއިރާއަކީ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ރާއްޖެއަށް އެތެރެކޮށް ވިޔަފާރި ކުރާ ފަރާތްތައް ސީދާ އަމާޒުކޮށްގެން ހިނގާ އޮޕަރޭޝަންތައް ހިންގާ އެފަރާތްތައް ގާނޫނުގެ ކުރިމައްޗަށް ގެނައުމަށް ކަމަށެވެ.