23 Jan 2022, 09:59
މުސްކުޅިވުން ހުއްޓުވައި، އަބަދު ދުނިޔޭގައި އުޅެވޭނެ ގޮތެއް ހޯދަން ޖެފް ބެޒޯސް ފަންްޑުކޮށްގެން ދިރާސާއެއް ފަށަން ނިންމައިފިއެވެ.
އެމެޒަންގެ ސީއީއޯގެ މަގާމުގައި ހުންނެވި ޖެފް ބެޒޯސްގެ މިލްކިއްޔާތުގެ އަގު 177.6 ބިލިއަން ޑޮލަރު (2.7 ޓްރިލިއަން ރުފިޔާ)އަށް އަރައެވެ.
އެމެޒަންގެ ސީއީއޯކަމުން އިސްތިއުފާ ދެއްވުމަށްފަހު ފިލަންތްރޮޕީގައި ހަރަކާތްތެރިވުމަށް ޖެފް ވަނީ ނިންމަވާފައެވެ.
މުސްކުޅިވުން ހުއްޓުވައި، ޒުވާންކަންމަތީ އަބަދު ހުރެވޭނެ ގޮތެއް ހޯދުމަށް ދިރާސާކުރަމުން އަންނަ އެލްޓޯސް ލެބަށް ޖެފް ބެޒޯސް އަންނަނީ ފަންޑުކުރަމުންނެވެ.
އެލްޓޯސް ލެބުގެ އަމާޒަށް ވާސިލުވުމުގެ މަސައްކަތް ފަށާފައިވާއިރު، ނޮބެލް އިނާމު ހޯއްދަވާފައިވާ ސައިންސުވެރިއެއް ކަމަށްވާ ޝިންޔާ ޔަމަނާކާ ވަނީ އެލްޓޯސް ކުންފުނީގެ އެޑްވައިޒަރީ ބޯޑަށް އައްޔަންކޮށްފައެވެ.
މުސްކުޅިވުން ހުއްޓުވުމަށް ކުރެވޭ ދިރާސާގައި ބައިވެރިވުމަށް އެލްޓޯސް ކުންފުނިން އަންނަނީ މަޝްހޫރު ސައިންޓިސްޓުންނާއެކު މަސައްކަތް ފަށާފައެވެ.
ޖެފް ބެޒޯސް ވަނީ މިފަދަ މަސައްކަތްތައް ކުރާ ކުންފުނިތަކަށް ވަރަށް ގިނައިން ފަންޑުކޮށްފައެވެ. އެގޮތުން މުސްކުޅިވުމުން ދިމާވާ ބަލިތައް ދިރާސާކުރާ ކުންފުންޏަކަށްވެސް އޭނާ ވަނީ ޚަރަދުކޮށްފައެވެ.
މިފަދަ ދިރާސާތަކަށް ފަންޑުކުރަނީ ހަމައެކަނި ޖެފް ބެޒޯސްއެއް ނޫނެވެ. ފޭސްބުކުގެ ބާނީ މާކް ޒަކަބާގް އަދި ގޫގުލްގެ ބަނީ ލެރީ ޕޭޖުވެސް ވަނީ މިފަދަ ދިރާސާތަކަށް ފަންޑުކޮށްފައެވެ.