23 Jan 2022, 15:21
އަޔަލެންޑުން ކޮވިޑް-19 އާ ދެކޮޅަށް އެ ގައުމުން އަޅާފައިވާ ހުރިހައި ފިޔަވަޅުތައް އުވާލަން ނިންމައިފިއެވެ.
ޔޫރަޕުގައި އޮމިކްރޯން ވޭރިއަންޓު އެންމެ ހަލުވިކަމާއެކު ފެތުރޭ އެއް ގައުމުކަމަށްވާ އަޔަލެންޑުން ވަނީ އެ ގައުމުގެ ރައްޔިތުންނަށް ބޫސްޓަރ ޑޯޒް ދިނުމުގައި ބޮޑެތި ކާމިޔާބީތަކާ ހަމައަށް ވާސިލުވެފައެވެ.
އަޔަލެންޑުގެ ބޮޑުވަޒީރު މައިކަލް މާޓިން ވިދާޅުވީ، ބޫސްޓަރ ޑޯޒް ޖެހުމުގެ ސަބަބުން އެ ގައުމުގެ ހާލަތު ވަރަށް ބޮޑަށް ރަނގަޅުވެފައިވާ ކަމަށާއި، އުފާވެރި ޚަބަރުތައް ދެމުން ގެންދާނެ ކަމަށެވެ.
އަޔަލެންޑުގެ ސަރުކާރުން ވަނީ ރޭގަނޑު 8 ގެ ފަހުން ރެސްޓޯރެންޓުތައް ބަންދުކުރަން އޮތް އުސޫލު އުވާލާފައެވެ. އަދި ވެކްސިން ޖެހިކަމުގެ ހެއްކެއް ކަސްޓަމަރުން ދޭންޖެހޭކަމަށް އޮތް އޮތުންވެސް އުވާލާފައެވެ.
މީގެއިތުރުން ކުޅިވަރާއި އެހެނިހެން ހަރަކާތްތަކަށް މީހުންނަށް ވަދެވޭނެ ކެޕޭސިޓީ ފުލްކުރުމަށް އެ ގައުމުގެ ސަރުކާރުން ވަނީ ނިންމާފައެވެ. އަދި ފެބްރުއަރީ ނިމުމާއެކު ޕަބްލިކް ޓްރާންސްޕޯޓާއި ފިހާރަތަކުގައި މާސްކު އަޅަން އޮތް އޮތުންވެސް ނިމުމަކަށް ގެނައުމަށް ވަނީ ނިންމާފައެވެ.
އަޔަލެންޑުގެ ހޮސްޕިޓާލިޓީ ދާއިރާއިންވެސް އެ ގައުމުގެ ސަރުކާރުގެ މި ނިންމެވުމަށް ވަނީ ތާއިދުކޮށްފައެވެ. އެ ގައުމުގެ އިގުތިސާދުވެސް ހަލުވިކަމާއެކު ރަނގަޅުވަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.
އަޔަލެންޑުގެ ސަރުކާރުން އަންނަނީ އެ ގައުމުގެ ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ސަބްސިޑީ ސްކީމެއް ވެސް ފަށާފައެވެ. މިއަހަރުގެ އޭޕްރީލު މަހަށް އެ ސްކީމުގެ މުއްދަތު ހަމަވާއިރު، އަޔަލެންޑުގެ ރައްޔިތުންގެ އާމްދަނީގެ ބޮޑުބައެއް އެ ސަބްސިޑީ ހިއްސާކުރެއެވެ.