ހުޅަނގު އަފްޣާނިސްތާނުގެ ބަހަކަށް ދިން ބޮމުގެ ހަމަލާއެއްގައި ހަތް މީހަކު މަރުވެއްޖެއެވެ.

މި ބޮމުގެ ހަމަލާ ދީފައިވަނީ އެ ގައުމުގެ ހުޅަނގުގެ ސިޓީއެއް ކަމަށްވާ ހެރާތަށެވެ.

މި ހަމަލާގައި ހަތަރު އަންހެނުން މަރުވެފައިވާއިރު، ނުވަ މީހަކަށް ވަނީ އެކިވަރުގެ ޒަޚަމްތައް ލިބިފައެވެ.

ހެރާތުގެ އިންޓެލިޖެންސް އޮފީހުން ބުނެފައިވާ ގޮތުގައި މި ބޮން ހަރުކޮށްފައި އޮތީ މިނީބަހެއްގެ ތެޔޮ ޓޭންކުގައެވެ.

އަފްޣާނިސްތާނުގެ 20 އަހަރުވީ ހަނގުރާމަ ނިމުމަކަށް އައި ނަމަވެސް އިސްލާމިކް ސްޓޭޓްގެ ގޮތްޕެއް ކަމަށްވާ އައިސިސް-ކޭ އިން އަންނަނީ އެކިވަރުގެ ހަމަލާތައް އެ ގައުމަށް ދެމުންނެވެ.

މީގެ ތެރެއިން ގިނަ ހަމަލާތަކުގެ ޒިންމާ އައިސިސް-ކޭ އިން ނަގާއިރު، އެ ޖަމާއަތުން ޓާގެޓުކުރަނީ ޝިއާ މުސްލިމުންގެ އާބާދީ ބޮޑު ސަރަހައްދުތަކަށެވެ.

އަފްޣާނިސްތާނަށް އިންސާނީ އެހީ ބޭނުންވެފައިވާ މި ދަނޑިވަޅުގައި އެ ގައުމުގެ އަމަންއަމާންކަން ނަގައިލުމަށް އައިސިސް-ކޭ އިން މަސައްކަތްކުރަމުން އެބަ ގެންދެއެވެ.