23 Jan 2022, 08:37
އައްޑޫ ސިޓީގެ ކޮވިޑް-19ގެ ހާލަތު ގޯސްވެ، އެކްޓިވް ކޭސްތަކުގެ ޢަދަދު 670 އިން މައްޗަށް އަރައިފިއެވެ.
އައްޑޫ އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ހާމަކޮށްފައިވާ ގޮތުގައި އައްޑޫގެ އެކްޓިވް ކޭސްތަކުގެ ޢަދަދު ވަނީ 671 އަށް އަރާފައެވެ. އޭގެތެރެއިން 271 ކޭސް އުޅެނީ އެ ސިޓީގެ ހިތަދޫ އަވަށުގައެވެ. ދެވަނައަށް އެންމެ ގިނަ އެކްޓިވް ކޭސްތައް އުޅެނީ ފޭދޫ އާއި މީދޫ އަވަށުގައެވެ. ފޭދޫ އަވަށުގައި 156 އެކްޓިވް ކޭސް އުޅޭއިރު، މީދޫ އަވަށުގައި 111 އެކްޓިވް ކޭސް އުޅޭކަން ފާހަގަކޮށްލެވެއެވެ.
އައްޑޫގެ އެހެން އަވަށްތަކަށް ބަލާލާއިރު ހުޅުދޫގައި 55 ކޭސް، މަރަދޫގައި 29 ކޭސް އަދި މަރަދޫފޭދޫގައި 26 ކޭސް މިވަގުތު އެބައޮތެވެ. އަދި އައްޑޫގެ ސިނާއީ ރަށްތަކާއި ރިސޯޓުތަކުގައި 19 ކޭސް އުޅޭކަމަށް އައްޑޫ އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ވަނީ ބުނެފައެވެ.
އައްޑޫއިން ފާއިތުވި 2 ދުވަހުގެ ތެރޭގައި 166 މީހުންނަށް ކޮވިޑް-19 ޖެހިފައިވާއިރު، 19 ޖެނުއަރީގައި 123 މީހުންނަށް ކޮވިޑު ޖެހުނުކަމަށް އައްޑޫ އީއޯސީން ބުނެއެވެ. މިއީ އައްޑޫގައި ކޮވިޑު ފެތުރެން ފެށިފަހުން ރެކޯޑު އަދަދެއްކަން ފާހަގަކޮށްލެވެއެވެ.
އައްޑޫ ކޮވިޑް މެނޭޖްމަންޓު ފެސިލިޓީގައި 2 މީހަކަށް ފަރުވާދެމުން އަންނައިރު، އެ ސިޓީން 15 މީހުން ވަނީ މި ބަލީގައި މަރުވެފައެވެ.