11 Mar 2012, 00:27
ގއ. ގެމަނަފުށީގައި ގާއިމުވެ ތިބޭ ފުލުހުންގެ ތެރެއިން ފުލުހަކަށާއި އޭނާގެ އެއްބައްފާ ދެ ކޮއްކޮއަށް މިއަދު ހަވީރު ހަމަލާދިނުމަށް ފަހު ފިލައިގެން އުޅުނު އެރަށު ތިން މީހަކު ފުލުހުން މިރޭ ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ގެމަނަފުށީގައި ތިބޭ ދެ ފުލުހުންގެ ތެރެއިން ގެމަނަފުށީ އިސްމާއިލް ޝަފީގް (އިއްސެ) އާއި އޭނާގެ އާއިލާގެ ދެ މެންބަރަކަށް ހަމަލާދިނުމަށް ފަހު ފިލައިގެން އުޅުނު ތިން މީހުން ހޯދާ، މިރޭ 11:30 ހާކަށްހާއިރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
ގެމަނަފުށީ ކައުންސިލް މެންބަރު މުހައްމަދު ސޯލިހު ވިދާޅުވީ އިއްސެއަށް ހަމަލާދީ އޭނާގެ ކޮއްކޮގެ ބަނޑަށް ވަޅި ހަރައި އިތުރު ކޮއްކޮއެއްގެ ބޯ ފަޅާލި މައްސަލައިގައި ފުލުހުން ހައްޔަރުކުރީ އެރަށު ކެނެރީގޭ، އަލީ މުއްދީން،34 އާއި، އެރަށު ނޫރުއްސަބާހު، އަހުމަދު ނާދީ ސަލީމް،21 އަދި ހަމައެގޭ ނިޔާމު މުހައްމަދު،25 ކަމަށެވެ. އެނާ ވިދާޅުވީ އިއްސެއާއި އޭނާގެ އެއްބަފާ ދެ ކޮއްކޮއިންނަށް ސީދާ ހަމަލާދިންކަމުގެ ތުހުމަތު ކުރެވުނީ ނާދީ އާއި ނިޔާމުގެ މައްޗަށް ކަމަށެވެ. އަދި ވިދާޅުވީ މުއްދީން ހައްޔަރުކުރީ އެކަމަށް މަގުފަހި ކޮށްދިން ކަމުގެ ތުހުމަތުގައި ކަމަށެވެ.
"އެ ހަމާލާދިނުމަށްފަހު އެ ތިން މީހުންވެސް ފިލީ. ނަމަވެސް ގއ. ވިލިނގިލިން މިރޭ މިރަށަށް އައި ގާގްގަނޑަކަށް ދިހަ ވަރަކަށް ފުލުހުންގެ ޓީމަކުން ވަނީ އެ ތިން މީހުން ހައްޔަރުކޮށްފަ،" މުހައްމަދު ސޯލިހު ވިދާޅުވި އެވެ.
މަންޒަރު ދުށް މީހުން ބުނީ އިއްސެއަށް ހަމަލާދިނީ ރަށު ކައުންސިލްގެ ރައީސްގެ ގޭގެ ކުރިމަތިން ކަމަށެވެ.
ފުލުހުން ބުނީ އިއްސޭ އަށް ހަމަލާ ދިނީ ނިޔާމު އާއި ނާދީ ދުއްވަމުން ދިޔަ ސައިކަލު މާބާރުދުއްވާތީ ހުއްޓުވާ ނަސޭހަތްދޭން އުޅުމުން ނުކިޔަމަންތެރިކަން ދެއްކުމަށް ފަހު ކަމަށެވެ. އަދި އޭނާގެ ދެކޮއްކޮޔަށް ހަމަލާދިނީ އޭގެ އިރުކޮޅެއް ފަހުން ކަމައްވެސް ފުލުހުން ބުންޏެވެ.
ގުރޫޕަކުން ހަމަލާދިނީ އިއްސެއާއި އެއް ބަފާ ދެ ކޮއްކޮ، ދިލް ބަހާރުގޭ އަހުސަން އަބްދުﷲ 24، އާއި މިދިޔަ އަހަރު ގްރޭޑް 10 އެއް ނިންމި އަހުމަދު އަފްސަލް 19، އަށެވެ.
އޭގެތެރެއިން ބަޑަށް ވަޅިހަރާފައިވާ އަހުސަންގެ ހާލު ސީރިއަސް އެވެ. އޭނާ ވަނީ ގދ. ތިނަދޫ ރީޖަނަލް ހޮސްޕިޓަލަށް އިތުރުފަރުވާއަށް ގެންގޮސްފަ އެވެ. ބޯ ފަޅައިލި އަފްސަލުގެ ބޮލުން ތިން އިންޗި އެއްހާތަން ފަޅާލައިވާއިރު އޭނާގެ ހާލު ސީރިއަސް ނޫންކަމަށް ސިއްހީ މަރުކަޒުން ބުންޏެވެ. އޭނާއަށްވެސް އަންނަނީ ތިނަދޫ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.
ފުލުހުން ބުނީ އެކަމާއި ގުޅިގެން މިހާރު އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.