23 Jan 2022, 12:48
ޔޫތު ޗެމްޕިއަންޝިޕްގެ އެންމެ ކާމިޔާބު ކުލަބަކީ އީގަލްސްއެވެ. މި މުބާރާތަކީ އެ ޓީމަށް ވަރަށް މުހިންމު މުބާރާތެކެވެ. އަބަދުވެސް ވަރަށް އިސްކަމެއް އެ ޓީމުން ޔޫތު މުބާރާތަށް ދެއެވެ.
އެންމެފަހުން 2019ވަނަ އަހަރު ބޭއްްވި 21 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ވެސް ކާމިޔާބު ކުރީ އެ ޓީމުންނެވެ. އެ ފަހަރު އީގަލްސްއިން މުބާރާތް ކާމިޔާބު ކުރީ ސައްތައިންސައްތަ މޮޅާއެކުގައެވެ. ދެން އީގަލްސް އިން މި މުބާރާތް ކާމިޔާބުކޮށްފައިވަނީ 2014، 2016 އަދި 2017 ވަނަ އަހަރުއެވެ.
2017ވަނަ އަހަރުގެ ޔޫތު ޗެމްޕިއަންޝިޕްގެ ތައްޓާއެކު އީގަލްސްގެ ކުޅުންތެރިން - ސަންފޮޓޯ/ މުހައްމަދު އަފްރާހް
މި އަހަރުގެ ޔޫތު ޗެމްޕިއަންޝިޕް ބާއްވަނީ 21 އަހަރުން ދަށަށެވެ. މި އަހަރުގެ މުބާރާތަށް ވެސް ޓީމުތަކުން ތައްޔާރުވަމުން އަންނައިރު އީގަލްސްއިން ވެސް އަންނަނީ ފަރިތަކުރުންތައް ކުރަމުންނެވެ.
އީގަލްސްގެ ޔޫތު ޓީމުގެ އެސިސްޓެންޓް ކޯޗު މުހައްމަދު އަމްޖަދު "ސަން"އަށް ބުނީ އީގަލްސްގެ ސީނިއާ ޓީމުގެ ގިނަ ކުޅުންތެރިންނަކީ ޔޫތު މުބާރާތް ކުޅެވޭ ކުޅުންތެރިން ކަމަށެވެ. އަދި 19 އަހަރުން ދަށުގެ ޓީމަށް ކުޅުންތެރިން ނަގަން ބޭއްވި ޓްރަޔަލްތަކުން ވެސް ސީނިއާ ޓީމަށް ކުޅުންތެރިން ނަގައިފައިވާނެކަން އޭނާ ފާހަގަ ކުރިއެވެ.
"ދިހަ ވަރަކަށް ކުޅުންތެރިން އެބަތިބި ސީނިއާ ސްކޮޑުގައި އަންޑަ ނައިންޓީންގެ،" އަމްޖަދު ބުންޏެވެ.
އީގަލްސްގެ ފަރިތަކުރުންތައް 25 ކުޅުންތެރިންގެ ސްކޮޑަކާއެކު އަންނަނީ ކުރަމުންނެވެ. އަމްޖަދު ބުނި ގޮތުގައި މިހާރު ސްކޮޑު އޮތީ ފައިނަލު ވެފައެވެ. އަދި އަތޮޅުތެރެއިން ބައެއް ކުޅުންތެރިން ޓީމާ ގުޅޭނެ ކަމަށް އޭނާ ބުންޏެވެ.

އީގަލްސްގެ އެސިސްޓެންޓް ކޯޗު މުހައްމަދު އަމްޖަދު -- ސަން ފޮޓޯ/
އީގަލްސްގެ ޔޫތު ޓީމަށް ކުޅުންތެރިން ނެގީ މުޅި ރާއްޖެއަށް ހުޅުވާލައިގެން އެ ކްލަބުން ބޭއްވި ޓްރަޔަލްއެއްގެ ތެރެއިންނެވެ.
އަތޮޅުތެރޭން ބައެއް ކުޅުންތެރިން ޓީމާ ގުޅޭއިރު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެކޮމަޑޭޝަން ކަމުގައި އަމްޖަދު ފާހަގަކުރިއެވެ. ޔޫތު ޓީމުގެ މާ ގިނަ ކުޅުންތެރިންނަށް އެކޮމަޑޭޝަން ބްލޮކުގައި ނުތިބެވޭކަމުގައި އޭނާ ބުންޏެވެ.
އަމްޖަދު ބުނީ މި އަހަރުގެ މުބާރާތަށް ވެސް އޮތް އަމާޒަކީ ތަށި ކާމިޔާބު ކުރުން ކަމަށެވެ. ނަމަވެސް މުބާރާތުގައި ކުޅޭނީ އީގަލްސްގެ ފެންވަރު ދަނެގެން އެހެން ޓީމުތަކަށް އިހްތިރާމް ކޮށްގެން ކަމަށް އޭނާ ބުންޏެވެ.
މުބާރާތަށް އީގަލްސްއިން ނުކުންނައިރު އެ ޓީމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ސީނިއާ ޓީމަށް ވެސް ކުޅޭ، ޒައިން ޒަފަރަށް އަނިޔާގެ ސަބަބުން ނުކުޅެވުމެވެ. ތޭވީސް އަހަރުން ދަށުގެ ގައުމީ ޓީމުގައި ވެސް ހިމެނި މޮޅު ކުޅުމެއް ދައްކަމުން އަންނަ ޒައިން މި ވަގުތު އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރި ނަމަވެސް ހަފްތާއެއްގެ ތެރޭގައި ޓީމާ ގުޅޭނެކަމުގެ އުއްމީދު އެބައޮތްކަމުގައި އަމްޖަދު ބުންޏެވެ.

އުމުރުން 16 އަހަރުގައި އީގަލްސްގެ ސީނިއާ ޓީމުން ވިދާލި ޒައިން ޒަފަރު -- ފޮޓޯ/ އެފްއޭއެމް
އީގަލްސް ޔޫތު ޓީމުގެ ކުޅުންތެރިޔާ، މުހައްމަދު ފާލިލް ބުނީ ފުރަތަމަ މެޗަށް މިހާރު ކުރިއަށް ދަނީ އެންމެ ފަހުގެ ތައްޔާރީތައް ކަމަށެވެ. އަދި އަމާޒަކީ ތަށި ނެގުންކަމަށް އޭނާ ބުންޏެވެ.
އީގަލްސްގެ ޔޫތު ޓީމުގެ ކުޅުންތެރިޔާ މުހައްމަދު ފާލިލް "ސަން"އަށް އިންޓަވިއު ދެނީ -- ސަން ފޮޓޯ
"އަސްލު އެންމެން ވެސް ވަރަށް ޕްރައުޑްވޭ އީގަލްސް ޓީމަށް ކުޅެން. ވަރަށް ގިނަ ކުޅުންތެރިން އެހެން ޓީމުތަކުގައި ތިބެފައި ވެސް އައިސްފި. ދެން އެންމެން ވެސް ގަބޫލު ކުރާ ގޮތުގައި އީގަލްސްއަކީ ވަރަށް ޓޮޕްގައި އިންނަ ޓީމެއް ޔޫތުގައި ވެސް،" ފާލިލް ބުންޏެވެ.
މާދަމާ ހަވީރު ޔޫތު ޗެމްޕިއަންޝިޕް ފެށުމަށް ހަމަޖެހިފައިވާއިރު ފުރަތަމަ މެޗުގައި އީގަލްސް ނުކުންނާނީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)އާ ދެކޮޅަށެވެ.