ކޮވިޑް ކޭސްތަކެއް ރަށުގެ މުޖުތަމައުން ފެނުމާއެކު ކުޅުދުއްފުށި ސިޓީ ހިމެނޭހެން ހަތް ރަށެއް މިއަދު މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

ޖުމްލަ 23 ރަށެއް މިވަގުތު މޮނީޓަރިންގެ ހާލުތަގައިވާކަމަށް ހެލްތު ޕްރޮޓެޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ބުނެފައެވެ.

މޮނީޓަރިންއަށް މިއަދު ލީ ރަށްތަކަކީ:

  • ބ. ގޮއިދޫ

  • ޅ. ކުރެންދޫ
  • ހދ. ކުޅުދުއްފުށި
  • ލ. ދަނބިދޫ
  • ލ. ހިތަދޫ
  • ށ. ކަނޑީތީމު
  • ވ. ކެޔޮދޫ
    ކުޅުދުއްފުށި ސިޓީ މޮނީޓަރިންއަށް މިއަދު ލާފައިވާއިރު އެ ރަށުން މިހާރު 181 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. މި ވަގުތު އެ ސިޓީގައި އެކްޓިވް ކޭސްގެ ގޮތުގައި ތިބީ 24 މީހެކެވެ.

ރަށުގެ 93 ޕެސެންޓުގެ މީހުން ކޮވިޑް-19ގެ ވެކްސިން ފުރިހަމަ ކޮށްފައިވުމުން ރަށަށް އަރާފޭބުމަށް ދަތިކަމެއް ނޫޅޭކަމަށް ކުޅުދުއްފުށި ސީޓީ ކައުންސިލްގެ މެންބަރު މުހައްމަދު ދައޫދު ވިދާޅުވިއެވެ.

"މިރަށަކީ މި ހިސާބުގެ ހުރިހާ ރަށަކުން ޑޮކްޓަރަށް ދެއްކުމަށާއި އެހެނިހެން ބޭނުންތަކަށް އަންނަ ރަށެއް. ރަށަށް އަންނަ ހުރިހާ މީހުން ވެސް ރަށަށް އައުމުގެ ކުރިން ހޮސްޕިޓަލަށް މެއިލްކުރައްވައި އެ މެއިލްގެ ކޮޕީ ކައުންސިލްގެ އެމެޖެންސީ އޮޕަރޭޝަން ސެންޓަރަށް ފޮނުވަން ޖެހޭނެ،" ދައޫދު ވިދާޅުވިއެވެ.

މީގެ އިތުރުން ޅ. ކުރެންދޫ މޮނީޓަރިންގެ ހާލަތަށް މިއަދު ލާފައިވާއިރު އެރަށުގައި މިވަގުތު 35 އެކްޓިވް ކޭސް އުޅޭކަމަށް އެ ރަށު ކައުންސިލްގެ ނައިބު ރައީސް އިބްރާހިމް މުފީދު ވިދާޅުވިއެވެ.

"މިވަގުތު 35 ކޭސް ރަށުގަ އުޅެނީ. މިހާރު އަޅުގަނޑުމެން މިދަނީ އަޅާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މަަޝްވަރާ ކުރަމުން. މިރޭ ރަށުގެ ޓާސްކް ފޯހާ އެކު ބާއްވާ ބައްދަލުވުމަކަށް ފަހު އަޅާނެ ފިޔަވަޅުތައް އެނގޭނީ،" މުފީދު ވިދާޅިުވިއެވެ.

މޮނިޓަރިންގެ ހާލަތުގައިވާ އިތުރު ރަށްތަށް:

  • ހއ. އިހަވަންދޫ

  • ހއ. ދިއްދޫ
  • ހދ. ނެއްލައިދޫ
  • ހދ. ނޮޅިވަރަމްފަރު
  • ހދ. ހަނިމާދޫ
  • ރ. އުނގޫފާރު
  • ބ. ދަރަވަންދޫ
  • ބ. އޭދަފުށި
  • ކ. ގުރައިދޫ
  • ކ. މާފުށި
  • ދ. ބަނޑިދޫ
  • ތ. ގުރައިދޫ
  • ލ. ގަން
  • ލ. ފޮނަދޫ
  • ގދ. ގައްދޫ

މިދިޔަ ހަފްތާގެ ތެރޭގައި ރާއްޖޭގެ ކޮވިޑްގެ ނަންބަރުތައް ވަނީ ވަރަށް ބޮޑަށް މައްޗަށް ޖެހިލާފައެވެ.

އަތޮޅު ތެރެއިން މި ބައްޔަށް ޕޮޒިޓިވް ވާ މީހުންގެ އަދަދުވެސް ދަނީ އިތުރުވަމުންނެވެ. އެގޮތުން އިއްޔެ އެކަނި ވެސް 680 މީހުން ވަނީ އަތޮޅު ތެރެއިން ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.

ކޮވިޑުގެ ނަންބަރުތައް އިތުރުވަމުން އަންނާތީ އެޗްޕީއޭއިން ވަނީ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. އެގޮތުން މާލެއިން ރަށްރަށް ފުރާނަމަ 72 ގަޑިއިރު ނުވާ ނެގަޓިވް ޕީސީއާރް ޓެސްޓެއް އޮންނަން ޖެހޭނެ ކަމަށް ވަނީ ކަނޑައަޅާފައެވެ.