ބަލިތަކުން ޝިފާއަށް އެދި ކުރަންވީ ދުޢާ ތަކުންގެ ތެރެއިން އެއް ދުޢާއަކީ

"أَنِّي مَسَّنِيَ الضُّرُّ وَأَنتَ أَرْحَمُ الرَّاحِمِينَ މާނައަކީ ހަމަކަށަވަރުން މި އަޅާއަށް ދަތިކަމާއި އުދަގޫ މެދުވެރިވެއްޖެއެވެ. އަދި އިބަރަސްކަލާނގެއީ ރަހުމަތް ލައްވާ އެންމެ ރަހީމްވަންތަ ރަސްކަލާނގެއެވެ.- ސޫރަތް އަންބިޔާއު 21:83

***

ސަމަރު އަލާޔާ ގާތުގައިބުނީ އެކަމާއި ހިތާމަނުކުރުމަށެވެ. ހަފްތާއެއްފަހުން ސަމަރުގެ މަންމަ އިސްތިއުފާ ދޭނެއެވެ. މަންމައަށް ލިބުނު ނަސީބަކީ ޔޫކޭއަށް ދެވުންކަމަށާއި އޭގެ ސަބަބުން އަލާޔާއަށް އަލުން ވަޒީފާ ލިބި އަލާޔާގެ ދުޢާ އިޖާބަވާނެކަމުގައި ސަމަރު ބުންޏެވެ.

"އިންޝާﷲ...." އަލާޔާ ސަމަރުގެ ގައިގާ ކުޑަކޮށް ބައްދައިލިއެވެ.

އާ ސީއީއޯ އައިކަން އެނގުމާއެކު އަލާޔާ ބައްދަލުކުރަން ދިޔުމުން ލިބުނު ޝޮކުގައި ލޯ ފުންމައިނުލީ ކިރިޔާއެވެ. ބޮޑު ގޮނޑީގައި އިން ޒުވާނާ މާސްކު އަޅައިގެން އިނަސް ވަގުތުން އެއީ ކާކުކަން ދެނެގަނެވިއްޖެއެވެ. އެ ނަފުސާނީ ބަލިމީހާއާއި ޖެހި އޭނަގެ ވަޒީފާ ގެއްލުނު "ބަލިމީހާ"އެވެ. އާދޭސްކުރަން މި އާދެވުނީވެސް ހަމަ މަލާމާތްކޮށް ހީ ހެދި ޒުވާނާއަށެވެ. ފުރިހަމަ ސޫޓުގައި ސްމާޓްކަމާއެކު ޝަޚުސް ވަރުގަދަކަމުން ބައެއް ބަލިކަށި ހިތްތައް ތުރުތުރުލައިގަންނާނެއެވެ. އަލާޔާ ވެސް ސިހުނުވަރުންނާއި ބިރުގަތްވަރުން ހަގީގަތުގައި ހަތްބޯ ރާއްސެއް ކުރިމަތިން ދައްކައިލިޔަސް އެވަރުނުވާނެއޭ ހިތަށް އެރިއެވެ.

"ޕެލްވިކް ފްލޯރ މަސްތައް ވަރުގަދަ ކުރަންޖެހެނީ މިފަދަ ހާލަތްތަކާއި ކުރިމަތިލުމަށްކަން ޔަގީން. ........." އަމިއްލަ ނަފުސަށް ބުނެލެވުނެވެ. ނަމަވެސް އަލާޔާގެ ނަފުސް ހަމަޔަކަށް އަޅުވައިލުމަށްފަހު މާފަށް އެދެން އަނގަ ހުޅުވައިލިތަނާ އެ ޒުވާނާ ސަލާމް ގޮވައިލުމާއެކު އެހިސާބުން އަލާޔާއަށް އެންމެ ފަޅި ސިކުންތުކޮޅަކަށްވެސް ނުހުރެވުނެވެ. އެ އަޑު ނުކުންނަނީ ހަމަ މި ޒުވާނާގެ "އަޑުފޮށި"ން ހެއްޔޭ ހިތަށް އެރިއެވެ.

"އެއްފަހަރާ ކިބިއްސަކާއި އެކު ކެއްސައިގަނެވުނީ. އެއްފަހަރާ ދެކަން އެއްކޮށް ވާކަމެއް ކުރިއަކުން ނުދަންނަން. ބަޓް......އައި ޖަސް......ޑިޑް.." އަލާޔާއަށް ހޭންފެށުނުގޮތަށް ނުހުއްޓެވުނެވެ.

"ހިލޭރިއަސް.....އޯ ގޯޑް އަލާޔާ މޮޔަވީތަ؟ އައިމް އެޝޭމްޑް އޮފް ޔޫ....ސީރިޔަސްލީ.." އަލާޔާގެ އެތެރެއިން ހަޅޭއްލަވައިގަތީ އޭނަގެ ރޫޙެވެ. ފުރާނައަށްވެސް އުދަގޫވެގެން މި ބަސްނާހާ ހަށިގަނޑު ދޫކޮށްދާން ތެޅިފޮޅިގަތީއެވެ. "އަލާޔާ.ތި މަލާމާތްކުރަނީ ކޮން ފަރާތަކަށްތަ؟ ސްޓޮޕް އިޓް ސްޓުޕިޑް. ހިސާބަށްވުރެ މޮޔަ ބޮލަށް އެރިގެން ތިއުޅެނީ. ބިރެއްނުގަނޭތަ. އަމިއްލަ ނަފުސް ބެހެން ދޫކޮށްނުލާ ހަމަޔަކަށް އަޅުވަބަލަ....."

އަލާޔާގެ ހުނުން އެއްފަހަރުން ހުއްޓިއްޖެއެވެ. އަމިއްލަ ކުށާއިއެކު ލަދުވެތިކަމުގެ އިހުސާސްކުރެވުނެވެ. އެކަމަކު އޭނަގެ ހިތުގެ ނިޔަތް ދެނެވޮޑިގެންވަނީ ހެއްދެވި ފަރާތެވެ. މަލާމާތްކުރުމުގެ ނިޔަތެއްނެތެވެ. އެ ޒުވާނާއަކީ ރީތި މީހެކެވެ. މައްސަލައަކީ އަޑެވެ. އެ ތަފާތު އަޑަކީ އޭނައަށް ދެއްވި ނިއުމަތެއް ނޫންހެއްޔެވެ؟ އެހެން މީހުން ހެއްވާލުމުގެ ގާބިލުކަން ހުރުމަކީ ޝަރަފެކެވެ. ނަމަވެސް އަލާޔާގެ އަމިއްލަ ނަފުސް ކުށުގެ ކަނޑަކަށް ގެނބެވި ހައިޖާނެއްގައި ހައްޔަރުވިއެވެ. ކުށުގެ އިހުސާސް ކުރެވުމަކީ ލިބޭ ރަހުމަތެއްކަމުގައިވަނީ އެހެންވެއެވެ.

އަލާޔާ އެކަމަށް ތައުބާވެ އެފަދަ ކުށެއް ތަކުރާރުނުކުރަން ހިތަށް އެރުވިތަނާ އަނެއްކާ އެ ޒުވާނާ އެއްޗެކޭ ބުނެލިއެވެ.

"އަޅުގަނޑުގެ ސަބަބުން ވަޒީފާ ދޫކޮށްދާން ޖެހުނު ބޭފުޅާ ދެއްތޯ.."

"ލައްބަ....ހެހެ. އަޅުގަނޑު......އެކްސްކިއުޒްމީ....." އަލާޔާ ކަރުކެހިލިއެވެ. ހަމަޖެހެން މަސައްކަތްކުރިއެވެ.

"ބައި ދަ ވޭ. އަޅުގަނޑަށް ކިޔަނީ މުހައްމަދު ސަލްމާން....."

"ނައިސް ޓު މީޓް ޔޫ......" އަލާޔާ ހުނުން މައިތިރި ކުރުމުގައި އެންމެ ފަހުން ކާމިޔާބު ހޯދައިފިއެވެ.

"އަޅުގަނޑުގެ ވަޒީފާގެ ގޮތުން އެތައް ބަޔަކާއި ކުރިމަތިލާން ޖެހުމުން މިކަން ނުވާނެއޭވެސް ހިތަށް އެރި. ނަފްސާނީ ޑޮކްޓަރަކަށް ދެއްކީވެސް އޭނަގެ ލަފާ ހޯދަން. ހޯދައިލުމުން އެނގުނީ މީހާގެ އިލްމާއި ހުނަރު އަދި ގާބިލުކަމަކީ މީހާގެ އަޑާއި ގުޅިފައިވާ ކަމެއް ނޫންކަމާއި އެހެން މީހުންގެ މަލާމާތާއި ފުރައްސާރައިގެ ކުރިމަތީގައި ބަލިކަށިވެގެން ނުވާނެކަން. އަލާޔާއަށް އަޅުގަނޑުގެ އަޑު އިވުމުން އެއީ ފަނީ އެއްޗެއް ކަމުގައި ވެގެން ހިނގައިދާނެ. ހެވިދާނެ. އެކަމާއި ހިތް ބުރައެއް ނުކުރަން. އިންފެކްޓް މިހާރު އެކަމުން ލިބެނީ ހިތްހަމަޖެހުމެއް. އަލާޔާ އެކަމާއިމެދު ވިސްނައިލީމަ މިހެން މިބުުނީ ކީއްވެކަން ދެނެގަނެވޭނެ. އަލާޔާ ކުރިން އަންނަގޮތަށް ވަޒީފާއަށް އަންނަންވީ......"

އަލާޔާއަށް ލިބުނީ ޝޮކެކެވެ. އިންސާނުންގެ ތެރޭ މިހާ ރަގަޅު މީހުންވެސް އުޅޭ ބާވައެވެ. ސަލްމާނު އޭނަގެ މޫނުމަތީގައި ތަފާލެއް ޖެހިނަމަވެސް މިގޮތަށް އަނގަ ހުޅުވިފައި އިނދެ ނުތެދުވެވުނީސްކަން ނޭގެއެވެ.

"ސަރ.. ޔޫ އާ ކިޑިން މީރައިޓް؟"

"އަހަރެން އެގޮތަށް މުވައްޒަފުންނާއި ސަމާސާކޮށެއް ނޫޅެން. "ސަލްމާނުގެ ތުންފަތަށް ލުއި ހިނިތުންވުމެއްވެރިވިއެވެ. އަލާޔާއަށް ފާހަގަކުރެވުނީ އޭނަގެ ލޮލުގައި ހުރި ތޫނު ފިލިކަމާއި ހިތްހެޔޮކަމެވެ. އައިމަލް އަދި ހައިޝަމްއާއިވެސް ތަފާތު ތަސްވީރެކެވެ.

"ތެންކިއު ސޯ މަޗް ސަރ.."އަލާޔާގެ ހިތުގައި ސަލްމާނަށްޓަކާ ބަޔާން ނުކުރެވޭފަދަ އިހުތިރާމާއި ގަދަރެއް ދެވިއްޖެއެވެ.

***

އިރުއޮއްސެމުން ދިޔަ އިރު އުޑުމަތީގައި ހުޅުދާންކޮށްލާފައިވާހެން ހީވެއެވެ. އިސާހިތަކު އެގަދަ އަނދިރިކަން އެ ރީތިކުލަތައް ފޮރުވައިލާ ދުނިޔެ ކަޅުސާލެއްގައި ނިވާކޮށްލާނެއެވެ. ފަޒާގައި ހަރުލާފައިވަނީ ކަނޑުގެ ރާޅުތައް ދޮންވެލިގަނޑުގައި ބީހިފައިވާ ނާނާގެ އަޑެވެ.

އަލާޔާ ސަމަރު އާއި ރަދްވާ އައިސްކްރީމް ކާން އިށީދެލައިގެން ތިބީ ކެފޭއެއްގެ މަތީ ބައިގައެވެ. އިރުއޮއްސޭ ގަޑިއަށް އެ މަންޒަރު ދެކެލުމަށާއި ސަމަރު ފުރާތީ އައިސްކްރީމް ދޭންވެގެންނެވެ.ތިން ކުދިންގެ މިޒާޖާއި އުޅުމުގައި ހުރި ތަފާތުތައެއް އެއްކައިރިކޮށްލާފައި ހިތަށް ނާރާފަދަ ގޮތަކަށް އެކުވެރިންނަށް ވެވިއްޖެއެވެ. ތިން އެކުވެރިންގެ އެއްގޮތްކަމަކީ އައިމަލް އެކުދިންގެ "ދުޝްމަން" ކަމުގައިވުމެވެ. އެންމެނަށް ކެހިދީފައި ހިތާއި ކުޅެލާފައި ދިޔުމެވެ. އަދި އަލާޔާއަށް ދިނީ އެހެން މީހުންނަށްވުރެ ބޮޑު ހިތާމައެކެވެ. ހުރި ހަމަ އެކަނި ދަރިފުޅު ގެންދިޔައީއެވެ. ސަމަރުގެ ގައިގާ ހިފާފައިވާ ފޮނިކެނޑުން އަދިވެސް އެއްކޮށް ފިލައިގެންނުދެއެވެ.އެކުވެރިން ގާތު ދައްކަމުން ދިޔައީ ދޮންބައްޕައަކަށްވާން އުޅޭ މީހާގެ މުއްސަދިކަމާއި އެމީހުން ޔޫކޭގައި ދިރިއުޅޭނެ އުފާވެރި ދިރިއުޅުމެވެ.

މައުޟޫ ބަދަލުކޮށްލީ އަލާޔާއެވެ.

"ތި ދާ ތަނަކުން އައިމަލްއާއި ބައްދަލުވެއްޖެއްޔާ ތި ސުވަރުގެ ޖަހަންނަމަށް ނުވާނެތަ؟ އައިމަލް ޔޫކޭއަށް ހަނާ ގޮވައިގެން ދިޔަފަހުން އެތަން ރީތި މުސީބާތަކަށް ވެއްޖެ.. އެޓްލީސްޓް މަގޭ ނަޒަރުގައި...ހޫމް އަދި އެބައޮތޭ އެއް ވާހަކަ..." އަލާޔާ ކިޔައިދޭން ފެށީ އޭނައާއި އާ ސީއީއޯގެ ބައްދަލުވުމެވެ.

" އޭނަ ޑޮކްޓަރ ރޫމުން ދިމާވީމަ ހީކުރެވުނީ ޔޯ އޭޖް ކަމަށް ދޯ.....ހީޒް ތާޓީ އަސްލު. މާސްޓާރސް ހަދާފައި ހުރި މީހެއް. ރީތި އަންބަކާއި ދެ ކުދިން އެބަތިބި. ހަމަ ޕާފެކްޓް ފެމިލީއެއް........" ރަދްވާ ބުނެދިނެވެ.

"އެމީހެއްގެ އެތެރެފުށް ރީތި ވެއްޖެއްޔާ އެނިމުނީ. އޭނަގެ ކުރިމައްޗަށްގޮސް ހީގަތީމަ ދެން ކިހިނެއްވާނެ؟ މަގޭ ބޮލަށް ޑެވިލް ދެ ފައި ބާނައިގެން އެރި އިނދެ ގިލިގިލި ކޮށްޓީއޭ. ދެން ކޮންކަމަކާއި އެގޮތަށް މަތަ ނުވެގެން ހެވެން ވީކީ..އެކަމަކު އެ އިނޮސެންޓް ބޯއި ފޮގިވް ކުރިތަން ފެނުނީމަ އިންސްޕަޔާވެގެން ގޮސް ހުރި ތަނުގައި ހުރެ އެސްޓޯރީ އެންމެނާއި ޝެއާކުރަން ބޭނުންވި. ކޮންފަދަ ސަޅި ޕާސެނެލިޓީއެއް. ސަމަރު މަންމަ ނަމަ........ސޮރީ ސަމަރު ލަވް. ބުނާކަށް ނޫން އުޅުނީ. އެކަމަކު ޔޯ މަމްއަށް މީހަކު ޖޯކެއް ޖަހައިފިއްޔާ އުލު ބައިންދާނެ. ....... " އަލާޔާ އައިސްކްރީމް ތަށިން ފަހަރަކު ސަމުސަލެއް ކަމުން ދަހިކޮށް ލޮވެލައެވެ. ސަމަރު އެކަމާއި ކަންބޮޑުވިއެވެ. އެންމެން ގެ ތެރޭގައިވެސް އަލާޔާ ޖެހިލުމެއްނުވެ ގޭ މޭޒު ދޮށުގައިކާހެން އެބަ ކާލައެވެ.

ކުރިމަތީގައި ތިބި ޒުވާން ދެ ފިރިހެނުންގެ ނަޒަރު އަލާޔާއަށް ހުއްޓުނުއިރުވެސް އަލާޔާ ހިތަށް އެއްޗެއް އެރިކަމެއް ނޭގެއެވެ. ސަމަރުއާއި ރަދްވާ އެއްފައި މައްޗަށް އަނެއް ފައި ލައިގެން އެހެން މީހުންގެ ސަމާލުކަމާއި ތައުރީފު ހޯދަން މަސައްކަތްކުރިއިރު އަލާޔާއަށް ބަޔަކު ތިބިކަމުގެ އިހުސާސެއްވެސް ނުވިއެވެ.

"ސައިކެޓްރިސްޓަށް ދައްކަން އައުމުން ޖަޖް ކުރެވުނީތީ ދެރަވޭ. ކޮންމެ މީހެއްގެ ސްޓޯރީއެއް އޮންނާނެ. އެވްރީވަން އިޒް ޑިފެރެންޓް ދޯ...." އަލާޔާ ތަށި ހުސްކޮށްލުމަށްފަހު ފެންތަށްޓެއް ދަމައިލިއެވެ.

"ޝީޝާއާއި ދުފާދަޅު ހޯދަން ރެކިދައްތަގާތަށް ދާންވީ. މިކަހަލަ ފެންސީތަންތަނަށްވުރެ އެ ޖަގަހަ ހުރިހާގޮތަކުން މާ އަރާމު.މިއިން ދުފުމުގެ ހަގީގީ ރާހަތެއް ނުލިބޭ.."އަލާޔާ ހެދިބިލެތްގަނޑުން ބޮޑުގަނޑެއް އަނގަޔަށް ކޮށްޕާލައިފިއެވެ.އަނެއް މޭޒުގައިވާ ޒުވާނުންގެ ނަޒަރު އެދިމާލަށް ހުރިކަން އެނގުމުން ތަންކޮޅެއް ފިރިހެން އަޑަކުން ވާހަކަދެއްކިއެވެ."ހެލޯ ބޯއިސް. ދީނުގައި ތިހެން އުޅެން ނޯވޭ. ނަޒަރު ތިރިކުރަން އަންގަވާފައިވަނީ ކޮންމެވެސް ބޭނުމަކު. ދެން ދައްތަމެން މުސްކުޅިންނަށް ތިހެން ކަޅި އެޅީމަ ކަމަކުނުދޭ. އަހަރެމެންގެ ބޮޑެތި އަންހެންދަރިންވެސް އެބަތިއްބޭ ކޮއިފުޅުމެންނޭ......."

ސަމަރު އަނގަ ހޭވުނެވެ.

"އަލާޔާ....." ރަދްވާވެސް އަލާޔާގެ ފަޔަށް އެތިފަހަރެއް ވީއްލާލައިފިއެވެ." މި އަލާޔާ ދުވަހަކު އިސްލާހު ނުވާނެ."

***

"މަންމި މިސްވޭ...." ހަނާ ވާހަކަދައްކަން ހުއްޓާ ކުއްލިއަކަށް ފޯނު އަތުލައިގަތީ އައިމަލް ފިޔަވާ ދެވަނަ މީހެއްނޫނެވެ. އައިމަލްގެ ސޫރަ ސްކްރީން ފުރާލައިފިއެވެ." ހަނާ ގާތަށް އަންނަންވީނު...................."

އަލާޔާ އައި ރުޅީގައި ނިޔަފަތި އަޅައިލެވުނީ ސްކްރީނުގައެވެ. އައިމަލްގެ ސޫރަ ފެނުނަސް އަލިފާން ނުވާވަރެއް ނޫނެވެ. އަނެއްކާ އޭނަގެ ދަރިފުޅު މަންމަ މަތިން ހަނދާންވާންފެށީ މި އައިމަލްގެ އަނިޔާތަކާއި ކުރިމަތިލާން ޖެހިގެންހެއްޔެވެ؟ އައިމަލް ހަނާއާއެކު ވާކަން އެނގުމުން ހިތަށް ރުޅިވެރިކަމާއެކު ބިރުވެރިކަންވެސް ވަދެ ހިތް ނުތަނަވަސްކުރުވިގޮތުން މޫނުމަތިން އެކަން ފައުޅުވިއެވެ.

"ޑޯންޓް ބީ ސްޓުޕިޑް. އެތައް މޭލެއްގެ ދުރުގައި މިތިބީ."

"ހަނާއަށް ފޯނު ދީ.. ނޫނީ ހަނާގެ ބައްޕަ ކިޔާ މީހާއާއި ވާހަކަދެއްކިޔަދީ....."

"ތަންކޮޅެއް ރީތިކޮށް ވާހަކަދައްކަން ދަސްކޮށްބަލަ..ނޫނީ އެންގަރ މެނޭޖްމެންޓް ކޯހެއް ހަދައިލަންވީނު. ފަހުންވެސް އޭގެ ރަގަޅު އަސަރުކޮށްފާނެ..."އައިމަލްގެ އަޑު ގައި މަޑުމައިތިރިކަމެއްވިއެވެ.

އޯ.....ހާދަ ރީތި ގެއެކޭ. ފްރެންޑް ގެ ގެތަ؟ ނޫނީ....ކޮންމެވެސް ތަނަކުން ދެކުނު ހަނދާނެއް އެބަވޭ..އެދިމާލަށް ކެމެރާ ޖައްސަބަލަ. ޕޫލާއި ދިމާލަށް.........." އަލާޔާ ކުއްލިއަކަށް އެހެން ކުލައެއް ދައްކައިލިއެވެ. ނަފްރަތާއި ރުޅިވެރިކަން ދައްކައިގެން ހާލަތެއް ބަދަލެއްނުކުރެވޭނެއެވެ. ކެތްތެރިވާން އެބަޖެހެއެވެ.

ހަގީގަތުގައި މިގެއަކީ އޭނަ ކޮންމެވެސް ތަނަކުން ދެކުނު ގެއަކަށް ވުމުން އެގެ ބޮޑަށް ބަލައިލުމުގެ ޝައުގު އުފެދުނީއެވެ.

އައިމަލް ފޯނު ކަނޑާލައިފިއެވެ.

"އިޑިއަޓް.."އަލާޔާ ތުން ތަޅުވައިލިއެވެ.

ކުއްލިއަކަށް އަލާޔާއަށް އެގެ ފެނުނީ ކޮންތަނަކުން ކަން ޔަގީންވިއެވެ. ނޫނެކެވެ. އެހެނެއްނުވާނެއެވެ. ނަމަވެސް މިއީ އަޖައިބެއްފަދަ އިއްތިފާގެކެވެ. މިއީ ހަމަ ހައިޝަމްގެ ގެ ހެއްޔެވެ؟

***

ސަލްމާނު މުވައްޒަފުންނާއި ބައްދަލުކުރި ފުރަތަމަ ދުވަހު ކޮންފެރެންސް ހޯލުތެރޭގައިވެސް ހެވުނު މީހުން ތިއްބެވެ. ނަމަވެސް އޭނަގެ މިޒާޖުގެ ރަގަޅުކަމާއި ދެއްކި ވާހަކަތަކުން ހިތްތަކުން ޖާގަ ހޯދިއެވެ. އެދުވަހު އަލާޔާ އޮފީހަށް ހާޟިރުވާން އެދުމުން ކަންބޮޑުވިއެވެ. ސަލްމާނުގެ ހިތުގައި އޮތީ ކޮންކަމެއް ބާވައޭ ސުވާލު އުފެދުނެވެ. ފިރިހެނުންގެ ހިތް ދުވަހަކުވެސް ނުފުރޭނެއެވެ. އޭނައާއި ގަޔާވީހެއްޔެވެ؟ އެތަނަށް ވަދެ ސަލްމާނުގެ މަގުސަދު އެނގުމުން ކުށް ހީއެއް ކުރެވުނީތީ އަލާޔާ ހިތާމަކުރިއެވެ. މާތް އިންސާނަކާއިމެދު ދުވަހަކު ހިތް ކިލަބު ނުކުރަން ނިންމިއެވެ.

ސަލްމާނު ބުނީ އޭނައަށް އަލާޔާއާއިމެދު ކަންތައް ހިނގިގޮތް އެނގި އެކަމާއި ހިތާމަކުރާ ކަމަށާއި ހަނާ ހޯދުމުގައި އެހީތެރިވެދޭން އެދުނު ކޮންމެ ކަމެއް ކޮށްދޭނެކަމުގައެވެ. ޗުއްޓީއެއްކަމުގައި ވިޔަސް ހެވެވެ. އަމިއްލަ ދަރިޔަކާއި ވަކިވުމަށްވުރެ މަންމައަށް ފުން އަސަރު ކުރުވާނެ އެހެން ކަމެއް އޭނަގެ ޚިޔާލަށް ނުގެނެވޭކަމުގައި ބުނުމުން އަލާޔާގެ ލޯ ތެމޭގޮތްވިއެވެ.އޭނަގެ މުވައްޒަފުންނަށް ދިމާވާ އެފަދަ ހާލަތްތައް ދެނެގަނެ އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވީއެވެ.

އަލާޔާ އެދުނީ އަނބުރާ ދައްކާގޮތަށް ފައިސާގެ އެހީއަކަށެވެ.

"ސަރ..ދުވަހަކު މި އިހުސާންތެރިކަން ހަނދާން ނައްތައެއްނުލާނަން. އެހެން މީހުންގެ ބަލިކަށިކަމާއި އިހުސާސްތައް ދެނެގަތުމަކީ ކޮންމެ ވެރިއެއްގައި ހުންނަ ސިފައެއްނޫން.. ޔޫ އާ ދަ ބެސްޓް..............." އަލާޔާ ހިނިތުންވެލިއެވެ.

"ކޮންމެހެން މާތްވެގެނެއްނޫން. އެންމެ ރަގަޅު މީހާއަށް ވީމައެއްވެސް ނޫން. ދިރިއުޅުމުގައި ދިމާވާ ހާދިސާތަކުން ވަރަށް ގިނަ ފިލާވަޅުތައް ލިބޭނެ. އެންމެނަކީވެސް އެއް ތަނެއްގައި މަސައްކަތްކުރާ މީހުންނަށްވުމުން އިހުސާސްތައް ދެނެގަތުމުން ވޯކް ކުރަން ފަސޭހަވާނެ. އަދި މުވައްޒަފުން މޯޓިވޭޓްކުރުމަކީވެސް މަސައްކަތަށް ލިބޭނެ ކުރިއެރުމެއް. ބައިވަރު ސަބަބުތަކާއިހެދި އަލާޔާއަށް އެހީތެރިވެދިނީ....." ސަލްމާނު ހިތްހެޔޮ ހިނިތުންވުމެއް ދިނެވެ.

***

އަލާޔާ ރަދްވާ ގާތު އެދުނީ އޭނަ އެނބުރި އަންނަންދެން މަންމައާއި ބައްޕަ ރަގަޅަށް ބަލާ ދިނުމަށެވެ. އޭނަ ދުވަސްކޮޅަކުން އެނބުރި އަންނާނެކަމުގައެވެ. ޔޫކޭ ދަތުރު އިހަށް ސިއްރުކޮށްދޭންވެސް އޭނަ އެދުނެވެ.

"އެ ލޫތުވެސް މަށާއި އަޅައިގެންފަ ހެން ހީވޭ..ދެން ހާދަ ފޫއްސެއްވެއޭ. މަގޭ ޓައިޕެއް ނޫނޭ ބުނެފައި ދައްޗޭ.."

"ޓްރަސްޓް މީ. އޭނަ އަންހެނުން ދެކެ ފޫހިވޭ. ލަނޑެއް ލިބިފައި ހުރީމަ އެކަހަލަ ކަމަކާއި ނޫޅޭނެ. ހާސްނުވޭ. އެކަމަކު ފިރިހެނެއް ހުރީމަ ތަންކޮޅެއް ރައްކާތެރިކަން އިހުސާސްވާނެ. ރަދޫ ގިނައިން އުޅޭނީ ޑިއުޓީގައިތާ. ކުޑަކޮށް ކެތްކޮށްލާ..ނޫނީ ދެން އަހަރެން އަނބުރާ އަންނަ އިރަކަށް ކައިވެނީގެ ވަލީމާ ނޫން ކަމެއް ނޭގޭ އޮންނާނީ...."

ރަދްވާ ހަޅޭއްލަވައިގެންފާ އަލާޔާގެ ގައިގާ ބޮނޑިއެއް އެޅިއެވެ.

***

ކަޅު އަބާޔާއެއް ލައިގެން މާސްކު އަޅައިގެން ހުރި އަލާޔާ ޓާމިނަލްއަށް ވަދެގެންގޮސް އިށީނީ ސަމަރުމެން ތިބި ގޮނޑިބަރީގެ ފަހަތުގައެވެ. އޭނަ ސަމަރުއަށް ވައިބާ ކުރަމުން ދިޔައީ ނިކަން މަޖާވެފައެވެ. ސަބޫރުގެ ކޮންމެ އަމަލަކުންވެސް އޭނަގެ އުފާވެރިކަން ފައުޅުކޮށްދެއެވެ. އެކުދިންގެ މަންމަ ސޫފިއާނާ ހެދުން އަޅާފައި ހުރިގޮތާއި މޭކަޕުން ދަރިންނަށްވުރެ ޒުވާންކަމަށް ދައްކައެވެ. އޭނަ އެގަޑީގައިވެސް އިނީ ވާން އުޅޭ ފިރިމީހާއަށް ގުޅައިގެންނެވެ. އެ އުމުރުގައިވެސް އިޝްގީކަމުގެ ކޮޅެއް ނެތެވެ.

"އަހަރެން މި މީހުންނާއެކީ އެއް ފްލައިޓެއްގައި ޔޫކޭއަށް ދިޔުމުން އެންމެންނަށް ޝޮކެއް ލިބި ސޫފިޔާނާ މެޑަމް ކައިވެނީގެ މާލަމުން ގެންގޮސް އައިސީޔޫއަށް ލާން ނުޖެހުނިއްޔާ ރަގަޅު. ސަލާރު ހުރި ތަނަކަށް އަހަރެންގެ ހިޔަނި އެޅެންވެސް ބޭނުންނުވާއިރު އެންމެންގެ މަންޒިލަކީ އެކައްޗެއްކަން މަށަށް ޔަގީންވެއްޖެ. އައި ކާންޓް ވެއިޓް. ހަނާ އާއި ސަލާރު. މާޒިން މަހާ.....މައި ލަވްސް." އަލާޔާއަށް އަތުކުރީގައިވާ ގަޑިއަށް ބަލައިލެވުނެވެ. ހިތް އަވަސްވެގެންގޮސް ބައެއް ފަހަރު ހަށިގަނޑަށްވުރެ ކުރިން ހިތާއި ރޫހު ގޮސް ހަނާމެންނާއެކު އުޅެން ފަށައިފިއެވެ. އޭނައަށްވެސް އަދިވެސް މި ހަގީގަތް ބަލައިގަންނަން އުދަގުލެވެ. ހުވަފެނެއްގައި އުޅެވޭފަދައެވެ.

ފްލައިޓް ތެރޭގައިވެސް އަލާޔާ އިނީ ސަމަރުމެންގެ ފަހަތުގައި ހުރި ސީޓުގައެވެ.

"ސަމަރު......." އަލާޔާ އެންމެ ފަހުން ގޮވައިލިއެވެ. ސީޓުމަތިން އަތް ގެންގޮސް ބޮލުގައި މަޑުމަޑުން ކޮށްޓައިލުމުން ސަމަރު ތޫލިކޮށް ހަޅޭއްލަވައިގަތް އަޑު އިވުނެވެ. ދެވަނަ މިނިޓްގައި އެއަށްވުރެ ހަޅޭކުގެ އަޑު ގަދަވިއެވެ. ފްލައިޓް ކޮޅިގަނޑެއްގައި ޖެހެން އެނގުނީވެސް އެވަގުތުވިއްޔާއެވެ.

"އަޅެ ފްލައިޓް ވެއްޓެނީތަ ސަމަރު ސްކްރީމް ކުރަނީ؟ މަގޭ ކަންފަތު ތޫރި ފަޅައިގެން ހިގައްޖެ......."އަލާޔާ ތަންކޮޅެއް ބާރަށް ކިޔައިލިއެވެ. އޭނަގެ ގާތުގައި ތިބި އަރަބި ދެމަފިރިން ތިބީ ހިނި އައިސްފައެވެ. އަލާޔާ ކިޔާ އެއްޗެއް ނޭގުނަސް އެކުއްޖާ "ގޯނާ" ކުރާ ދަތުރުވެރިންނަކީ ދަންނަ ބަޔެއްކަމަށް އަމަލުން ވިސްނައިގަނެވުނެވެ. ބަލާބެލުމަށް ކޮންމެ ބަޔަކަށްވެސް ހީވާނީ އެއްކޮށް ދަތުރުކުރާ މުސާފިރުންކަމުގައެވެ. އަލާޔާއަކީ އެދެމަފިރިންގެ ދަރިފުޅުކަމުގައެވެ.

"އެއިވުނީ އަލާޔާގެ އަޑެއްނޫންތަ؟"ސަބޫރު ބިރުން ހުރެ ބާރަކަށް އެހިއެވެ.

"އަލާޔާގެ ގޯސްޓް...." އަލާޔާ ފަހަތުން ޖަވާބު ދިނެވެ.

"އަޑު އިވުނުތަ؟" ސަމަރު އެހިއެވެ."މަންމާ....އަލާޔާގެ އަޑުން މީހަކު ވާހަކަ އެބަދައްކާ.........................."

"ތިއީ ސަމަރުއަށް ހީވިގޮތް. މަންމައަކަށް ނީވޭ.."ސޫފިއާނާ ލެޕް ހުޅުވާލައިގެން ކޮންމެވެސް އެއްޗެއް ބަލަން ގެއްލިފައި އިނުމުން އެ އަޑުތަކަށް ސަމާލުކަމެއްނުދެއެވެ. ކުއްލިއަކަށް ފްލައިޓް ތަޅުވައިގަތުމުން އަލާޔާއަށް މަޖާވިއިރު ސަމަރުއާއި ސަބޫރު އަނެއްކާ ރޮއިގަތެވެ.

"ސަލާރު އިންނަމަ އަދި މަޖާވާނެ.."

"ވަޓް؟" ސަމަރުގެ މޭގަނޑުވެސް އަނގަޔަށް އައެވެ.

ނުނިމޭ