ފެއްސާއި ރަތާއި ހުދުގެ ފަޚްރުވެރި ދިދައިގެ ހިޔަލުގައި ވަކި ޕާޓީއަކަށް، ވަކި ކުލައަކަށް ބެލުމެއްނެތި ޤައުމުގެ މުސްތަޤްބަލަށް ހުރިހާ އެންމެން އަތުގުޅާލައިގެން މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަޙީދު އެދި ވަޑައިގެންފި އެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަމަށް އެދިވަޑައިގަތީ، މިއަދު މެންދުރު ފަހު ށ. މާއުނގޫދު އަށް ވަޑައިގެން، މާއުނގޫދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ދިވެހިރާއްޖޭގައި ޢަމަލީގޮތުން މަސައްކަތް ކުރައްވަމުން ގެންދަވާ ހުރިހާ ސިޔާސީ ޕާޓީތަކެއް، މިއަދުގެ ސަރުކާރުގައި ބައިވެރިވެވަޑައިގަންނަވާ ކަމަށް ވިދާޅުވެ، އެމްޑީޕީވެސް މި ސަރުކާރާ އެކީގައި އަތުގުޅާލާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ޤައުމު ކުރިއަށް ގެންގޮސް، ބޭނުންވާ މަޤްޞަދު ޙާޞިލް ކުރެވޭނީ، އެކީގައި މަސައްކަތް ކޮށްގެން ކަމަށެވެ. އަދި ޕާޓީތަކަކަށް ބައިބައިކޮށްލައިގެން، އެއްބަޔަކު ވެރިކަމަށް އައިސްގެން، ދެންތިބި އެންމެން އެކަހެރިކޮށްލައިގެން، ޤައުމު ކުރިއަށް ގެންދެވޭކަށް ނޯންނާނެ ކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި، ކޮންމެ ބަޔަކު ވެރިކަމުގައި ތިބި ނަމަވެސް، އެންމެން ބައިވެރިކޮށްގެން މަސައްކަތް ކޮށްގެން، އަޅުގަނޑުމެން ކުރިއަށްދާން އެބަޖެހޭ ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިއަދު ޤައުމަށް އައިސްފައިވާ ހެޔޮ ބަދަލާ އެކު ޤައުމުގެ ނައު، އަމާން ބަނދަރަކަށް ގެންދެވޭތޯ ބައްލަވާ ކަމަށާއި އިސްލާމްދީނުގެ އުޞޫލުތަކަށް އިޙްތިރާމްކޮށް، ޤާނޫނު އަސާސީ ދަމަހައްޓައި، ދިވެހިރާއްޖޭގެ ޤާނޫނުތަކަށް ޙުރްމަތްތެރިކޮށްހިތައި، ޤަޥާޢިދުތަކަށް ބޯލަނބައި ޤައުމު ހެޔޮ މަގެއްގައި ކުރިއަށް ގެންދިޔުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގައި ޑިމޮކްރަސީ ޤާއިމް ކުރުމަށްޓަކައި އާ ޤާނޫނު އަސާސީއެއް ފާސްކޮށް، 2008 ވަނަ އަހަރު ވެރިކަން ބަދަލުކުރީ، ދިވެހި ޤައުމު ކުރިއަށްވުރެ ރަނގަޅު މިޞްރާބެއްގައި ޑިމޮކްރަސީއާ ދިމާއަށް ދަތުރުކުރުމަށް ޓަކައިކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ. އެހެން ނަމަވެސް، މިވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި، އަޅުގަނޑުމެންނަށް ފެނިގެންދިޔައީ، ޑިމޮކްރަސީގެ މަގުން ދިވެހި ޤައުމު ކައްސާލައި، އެހެން ދިމާއަކަށް މިޞްރާބުޖަހަން ފެށިތަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އަދި ޑިމޮކްރެޓިކް އުޞޫލުތަކާ ޚިލާފަށް ރައްޔިތުންގެ ޙައްޤުތަކަށާއި ފަރުދީ މިނިވަން ކަމަށް އެއްވެސް ބެލުމެއްނެތި، ސަރުކާރު ހިންގަވަން ތިއްބެވި ބައެއް ބޭފުޅުން، ޤައުމުގެ މިޞްރާބު ކަސިޔާރުކޮށްލެއްވީ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.