22 Jan 2022, 17:15
ދިހަ އަހަރު ދުވަހުގެ މެދުކެނޑުމަކަށް ފަހު، ށ. ފޯކައިދޫން ގޯތި ދޫކުރުމަށް އިއުލާނުކޮށްފިއެވެ.
ފޯކައިދޫ ކައުންސިލުން އިއްޔެ ކުރި އިއުލާނެއްގައި ވާގޮތުން ދޫކުރުމަށް ހަމަޖެހިފައިވަނީ 2000 އަކަފޫޓޫގެ 120 ގޯއްޗެވެ.
އެ ރަށު ކައުންސިލުގެ ރައީސް އަހްމަދު އާސިފް "ސަން"އަށް ވިދާޅުވީ 10 އަހަރު ފަހުން ގޯތި ދިނުމަށް ތައްޔާރުވަމުން އަންނަ އިރު ގޯތި ބޭނުންވާ ގިނަ ބަޔަކު އެބަތިބި ކަމަށެވެ.
"ކޮންމެ އަހަރަކު ވެސް ގޯތި ބޭނުންވާ މީހުންގެ އަދަދު އިތުރުވަމުން ދެއްތޯ އަންނާނީ އެހެން ވީމަ މިހާރު ހަމަ މި އިއުލާނު ކުރީ ޑިމާންޑާ އެކަށޭނަ ވަރެއް،" އާސިފް ވިދާޅުވިއެވެ.
އުންސިލުގެ ރައީސް ވިދާޅުވީ ރަށުން ގޯތި ދޫކުރުން ވާނީ ރަށުގެ ޒުވާނުންނަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމަކަށް ކަމަށެވެ.
"ޒުވާނުން ވެސް ކައުންސިލުގައި ހަމަ ތަކުރާރުކޮށް އެދެމުން އައިކަމެއް އެއީ ގޯތިދޫކުރުމަކީ، އެހެންވީމަ ޒުވާނުންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭ ކަމަކަށް ވާނެ އެކަން ފުރިހަމަވުމަކީ،" އޭނާ ވިދާޅުވިއެވެ.
ޖުމްލަ 69 ހެކްޓަރުގެ ބޮޑުމިން ހުންނަ ފޯކައިދޫގައި 1800އަށް ވުރެ، ގިނަ މީހުން ރަޖިސްޓްރީވެފައި އެބަ ތިއްބެވެ.
ގިނަ ދުވަސްތަކަކަށްފަހު، ފޯކައިދޫން ގޯތި ދިނުމަށް ނިންމާފައިވާއިރު، އެ ރަށް ނިސްބަތްވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން އަންނަނީ ބޯމަތިވަމުންނެވެ. މި ދުވަސްވަރަކީ އެ ދާއިރާގައި ސަރުކާރުގެ ގިނަ މަޝްރޫއުތަކެއް ހިންގަމުންދާ ދުވަސްވަރެކެވެ.