ގއ. ގެމަނަފުށީގައި ފުލުހަކަށް ބަޔަކު ހަމަލާ ދިނުމަށްފަހު އެ ފުލުސް މީހާގެ އެއް ކޮއްކޮއްކޮގެ ބަނޑަށް ވަޅި ހަރައި އެހެން ކޮއްކޮއެއްގެ ބޯ ފަޅާލައިފި އެވެ. ހަމަލާއަށް ފަހު ފުލުސް މީހާގެ ދެ ކޮއްކޮ ވަނީ ސީރީއަސް ހާލަތުގަ އެވެ.

ފުލުހުން ބުނީ އެ ރަށުގައި ގާއިމުވެގެން ތިބޭ ދެ ފުލުހުންގެ ތެރޭގައި ހިމެނޭ އެރަށަށް އުފަން އިސްމާއިލް ޝަފީގު (އިއްސޭ) އަށް ބަޔަކު ހަމަލާ ދިނީ އެ ރަށުގައި މީހަކު ބާރު ސްޕީޑްގައި ދުއްވި ސައިކަލެއް ހުއްޓުވުމުން އެކަމާ ނުރުހިގެން ކަމަށެވެ. އަދި ބުނީ ފުރަތަމަ ހަމަލާ ދިނީ ޝަފީގަށް ކަމަށާއި އޭގެ ފަހުން އޭނާއާ އެއް ބަފާ ދެ ކޮއްކޮއިން ކަމަށްވާ އެ ރަށު، ދިލް ބަހާރުގޭ އަހުސަން އަބްދުﷲ 24، އާއި އަހުމަދު އަފްސަލް 19، އަށް ހަމަލާ ދިނީ ދިލްބަހާރު ގެއަށް ވަދެ ވަޅިން ކަމަށެވެ.

ފުލުހުން އަދި ބުނީ ސައިކަލް ހުއްޓުވަން އުޅުނީ އެސައިކަލުގައި ބާރު ސްޕީޑުގައި ނުރައްކާތެރި ގޮތަށް ރަށުތެރޭގައި ދުއްވާތީ ރަށުގެ ރައްޔިތުންގެ ތެރެއިން ބަޔަކު މިއަދު ހަވީރުން ފެށިގެން ފުލުހުންނަށް ޝަކުވާ ހުށަހަޅަމުންދިއުމުގެ ސަބަބުން އެކަން އެގޮތަށް ނުކުރުމަށް ނަސޭހަތްތެރިވުމުގެ ގޮތުންނެވެ. އަދި ސައިކަލް ހުއްޓުވުމުން ހަމަލާ ދިނީ ނުކިޔަމަންތެރިކަން ދެއްކުމަށްފަހު ކަމަށެވެ.

"ފުލުހަށް ހަމަލާ ދިނުމަށް ފަހު އެގެއަށް ގޮސް އޭނާގެ އެއްބަފާ ދެ ކޮއްކޮއިންނަށް ހަމަލާ ދިނީ. އެކެއްގެ ބަނޑަށް ވަޅި ހަރާލީ. އަނެއްކެއްގެ ބޮލުގައި އެއްޗަކުން ޖަހާ ފަޅާލީ،" ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.

ފުލުހުންގެ ސަބް އިންސްޕެކްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ ފުލުހަށާއި ފުލުސް މީހާގެ ދެ ކޮއްކޮއިންނަށް ހަމަލާ ދިން މީހުން ފިލާފައިވާ ކަމަށާއި އެމީހުން ހޯދައި މައްސަލައިގެ ތަހުގީގު މިހާރު ފަށާފައިވާ ކަމަށެވެ. އެރަށުގެ ބައެއް މީހުން ބުނި ގޮތުގައި 10 ވަރަކަށް ފުލުހުން މިހާރު ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

ގެމަނަފުށީ ކައުންސިލްގެ ރައީސް އާސިމް މުހައްމަދު މިރޭ ސަން އޮންލައިނަށް ވިދާޅުވީ ގެމަނަފުށީ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުސް މީހާއަށް ހަމަލާ ދިނީ މިރޭ 7:30 އެހާކަށްހާއިރު މަގުމަތިން ކަމަށާއި އެ ހަމަލާ ދިނީ ގްރޫޕަކުން ކަމަށެވެ. އަދި ފުލުސް މީހާގެ ދެ ކޮއްކޮއިންނަށް ހަމަލާ ދިނީ ފުލުސް މީހާގެ އާއިލާގެ ބައެއް މީހުން އެ ހަމަލާދިން މީހުން ހޯދަން ނުކުތުމުން ދެ ފަރާތުގެ މީހުންގެ ދެމެދުގައި ހިނގި މާރާމާރީއެއްގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ފުލުސްމީހާގެ އެއް ކޮއްކޮގެ ބޯފަޅާލައި އަނެއް ކޮއްކޮގެ ބަނޑަށް ވަޅީހެރީ،" ކައުންސިލްގެ ރައީސް ވިދާޅުވި އެވެ. "ފުލުސް މީހާއަށް ހަމަލާ ދިނީމަ އޭނާގެ އާއިލާ މީހުން މިދިޔައީ ހަމަލާ ދިން މީހުން ހޯދަން. އެ ދިއުމުގެ ތެރޭގައި ހިނގި މާރާމާރީގައި ފުލުސް މީހާގެ އާއިލާގެ މީހެއްގެ ބޯފަޅާލައި އެހެން ކޮއްކޮއެއް ބަނޑަށް ވަޅިހަރާލި،"

ކައުންސިލުގެ މެންބަރު މުހައްމަދު ސޯލިހު ވިދާޅުވީ މި ހަމަލާގައި ފުލުސް މީހާއަށް ހަމަލާ ދިނީ ކައުންސިލްގެ ރައީސް ދިރިއުޅުއްވާ ގޭގެ ކުރިމަތިން ކަމަށާއި އަނެއް ދެ މީހުންނަށް ހަމަލާ ދިނީ އެރަށުގެ އެހެން ގެއެއްގެ ތެރޭގައި ކަމަށެވެ. އޭނާ އަދި ވިދާޅުވި މި ހަމަލާ ދިން މީހުން ފިލި ނަމަވެސް އެއީ ކޮން ބައެއްކަން އެނގޭ ކަމަށެވެ. ގެމަނަ ފުށިން ވާހަކަ ދެއްކި ބައެއް މީހުން ބުނި ގޮތުގައި ފުލުސް މީހާގެ ދެ ކޮއްކޮއިންނަށް ހަމަލާ ދީފައި ވަނީ އެ ރަށުގެ އެހެން ގެއެއްގެ ތެރޭގައި ކަމަށެވެ.

މި އަދު ދިން ހަމަލާގާއި ބޮޑަށް ޒަހަމްވެ ހާލު ސީރިއަސް ވެފައި ވަނީ ބަނޑަށް ވަޅި ހަރައިލި އަހުސަނެވެ. ބޯ ފަޅައިލި އަފްސަލުގެ ހާލު އެހާ ސީރިއަސް އެއް ނޫނެވެ. އޭނާގެ ބޮލުން ފަސް އިންޗި ވަރުގެ ތަނެއް ފަޅާލައި ފުނަށް ޒަހަމް ކޮށްލާފައި ވެއެވެ. އޭނާއަކީ މިދިއަހަރު އަހަރު ސްކޫލް ނިންމި ކުއްޖެކެވެ.

އެރަށު ސިއްހީ މަރުކަޒުން ބުނީ ތިން މީހުންގެ ތެރެއިން ބަނޑަށް ވަޅި ހަރާލާފައިވާ އަހުސަންގެ ހާލު ސީރިއަސް ވުމުން ގދ. ތިނަދޫއަށް ފުރުވާލެވޭތޯ މިހާރު މަސައްކަތް ކުރާ ކަމަށެވެ.

"މި ހާދިސާއަށް ފަހު ރައްޔިތުން ތިބީ އަތިރިމަތީގައި. އެއީ ފުލުސް ލޯންޗް ނައިސްގެން ތިނަދޫއަށް ނުގެންދެވިގެން،" ހާހަކަށްވުރެ ގިނަ މީހުން ދިރިއުޅޭ އެރަށު މީހަކު ބުންޏެވެ.

މިއަދު ގެ ހަމަލާއަށް ފަހު ފިލާފައިވާ މީހުންގެ ތެރެއިން އެކަކަކީ މީގެ ކުރިން ވެސް ގެމަނަފުށީ ޕޮލިސް ސްޓޭޝަންތެރެއިން ޝަފީގަށް ހަމަލާ ދީފައިވާ މީހެއްކަމަށް ގެމަނަފުށިން ވާހަކަދެއްކި ބައެއް މީހުން ބުންޏެވެ.

ފަހަކަށް އައިސް ފުލުހުންނާއި ސިފައިންނަށް ހަމަލާދިނުން ވަނީ އިތުރުވެފަ އެވެ. އެގޮތުން ފެބުރުއަރީ އަށެއްގައި އައްޑޫގައި ތިބޭ ފުލުހުންނަށް ހަމަލާދީ އައްޑޫގައި ހުރި ޕޮލިސް ސްޓޭޝަންތައް ވަނީ އަންދާލައި ލޫޓުވާފަ އެވެ. މިދިޔަ ހަފްތާ މާލޭގެ ބައެއް ވިލީ ފުލުސްތަކުގެ ބިއްލޫރިތައް ތަޅާލައި ބައެއް ފުލުހުންނަށްވެސް ވަނީ ހަމަލާދީފަ އެވެ. އަދި މަޖީދީ މަގުގައި ދެ ފުލުހަކު ދެއްވަމުން ދިޔަ ސައިކަލެއްގައިވެސް ވަނީ ހުޅުޖަހާ އަންދާލައިފަ އެވެ.