14:30


ކޮރަޕްޝަނުގެ މައްސަލަތަކެއް ތަހުގީގުކޮށް، އެކަމާ ގުޅޭ ހޯދުންތައް ޝާއިއުކުރުމުގެ މަސައްކަތްކުރަމުންދިޔަ ގްރީސްގެ ނޫސްވެރިޔަކު އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނިއްޖެ އެވެ.


ގްރީސްގެ ވެރިރަށް އެތަންސްގެ ތެމާ އެފް.އެމް ރޭޑިއޯ ސްޓޭޝަންގެ ނިއުސް ޑިޕާޓްމަންޓުގެ އިސްވެރިޔަށް ހުންނެވި އުމުރުން 37 އަހަރުގެ ސޮކްރާޓިސް ގިއޮލިއާސް އަށް ބަޑީގެ ހަމަލާތަކެއްދީ އިއްޔެ މަރާލާފައިވަނީ އޭނާ ދިރިއުޅޭ ގެ ކައިރިން ކަމަށް ފުލުހުން ބުނެ އެވެ. މި ހަމަލާގެ ދީފައިވަނީ ގްރީސްގައި މީހުން މަރާ އުޅޭ ޕްރޮފެޝަނަލް ގޭންގަކުން ކަމަށް ވެސް ފުލުހުން ތުހުމަތުކުރެ އެވެ. އެގޮތުން ސެކިއުރިޓީ ޔުނިފޯމުގައި ތިބި ދެތިން ހަނގުރާމަވެރިޔަކު ސޮކްރާޓިސަށް ގުޅުމަށްފަހު، އޮޅުވާލައިގެން އޭނޭ މަގުމައްޗަށް ނެރެ، ބަޑިޖަހާ މަރާލީ ކަމަށް ފުލުހުން ބުނެ އެވެ.


ފުލުހުން ބުނިގޮތުގައި، އޭނާގެ ހަށިގަނޑަށް 15 ފަހަރު ބަޑިޖަހާފައިވެ އެވެ. މި ހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލާފައިނުވާއިރު، ބަލިސްޓިކް ޓެސްޓު ތަކަކަށްފަހު ފުލުހުން ބުނެފައިވަނީ، މި ހަމަލާ ދިން ކަމަށް ބެލެވެނީ އެފަދަ ހަތިޔާރު ބޭނުންކޮށްގެން މީގެ ކުރިންވެސް ހަމަލާތައް ދީފައިވާ އެގައުމުގެ ލެފްޓިސްޓް ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ސެކްޓް އޮފް ރިވޮލިއުޝަނަރީސުން ކަމަށެވެ.


އިންވެސްޓިގޭޓިވް ޖާނަލިޒަމްގެ ދާއިރާއިން މަޝްއޫރުވެފައިވާ ސޮކްރާޓިސާއެކު މަސައްކަތްކުރާ މީހުން ބުނި ގޮތުގައި، އޭނާ މަރާލާފައި މިވަނީ ކޮރަޕްޝަނުގެ މައްސަލައެއް ތަހުގީގުކުރުމަށްފަހު، އޭނާގެ ހޯދުންތައް ޝާއިއުކުރުމަށް މަސައްކަތްކުރަމުން ދިޔަ ދަނޑިވަޅެއްގަ އެވެ. އެހެންކަމުން ސޮކްރާޓިސް މަރާލާފައިވަނީ އޭނާގެ އަނގަބަންދުކުރުމުގެ ބޭނުމުގައި ކަމަށްވެސް އެމީހުން ބުނެ އެވެ.


މިއީ ފާއިތުވި 20 އަހަރު ތެރޭގައި ގްރީސްގައި ނޫސްވެރިޔަކު މަރާލި ފުރަތަމަ ފަހަރެވެ.