10 Mar 2012, 19:02
މިފަހަރުގެ އޭއެފްސީ ޗެލެންޖްކަޕް ބާއްވާ ގައުމުކަމުގައިވާ ނޭޕާލާ ދެކޮޅަށް މިއަދު ކުޅުނު މެޗުގައި މުހައްމަދު ރަޝީދު (ހޮކޭ) ކާމިޔާބު ކޮށްދިން ލަނޑާއެކު މަރުގެ މެޗުން ރާއްޖެ ސަލާމަތް ވެއްޖެ އެވެ.
ކަތަމަންޑޫގެ ދަރަސަތު ރަންގަސަލާ ސްޓޭޑިއަމްގައި ރާއްޖެ ގަޑިން މިއަދު ހަވީރު 4:15 ގައި ކުޅުނު މިމެޗުގައި ރާއްޖެއިން ނޭޕާލްކޮޅަށް ޖެހި ލަނޑު މެޗުގެ ދެ ވަނަ ހާފުގެ 51 ވަނަ މިނެޓުގައި ހޮކޭ ކާމިޔާބު ކުރީ އިދިކޮޅު ނޭޕާލްގެ ޑިފެންޑަރުން ކާރިން ނައްޓާލުމަށް ފަހު ގޯލްގެ ތިރީ ކަނަށް އަމާޒް ކޮށްލި ބޯޅަ އަކުންނެވެ.
މިއަދުގެ މެޗުން ނޭޕާލް ބަލިވުމުން އެ ޓީމްވެފައި ވަނީ ޕޮއިންޓެއް ނުލިބި، މުބާރާތުން އެންމެ ފުރަތަމަ އަލްވަދާއުކީ ޓީމަށެވެ. އަދި މިއަދުގެ މެޗުން މޮޅުވި ރާއްޖެއަށް ތިން ޕޮއިންޓް ކަށަވަރު ވިއިރު، މިގްރޫޕްގެ އެއް ވަނަގައި އޮތީ ފަލަސްތީނާއި ތުރުކުމެނިސްތާނެވެ. މި ދެޓީމަށް ގްރޫޕްގެ އެއްވަނަ ލިބިފައި ވަނީ ކުޅުނު ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗުން ދެ ޓީމް ވެސް މޮޅުވެ، މިއަދު މެންދުރު މި ދެޓީމް ކުޅުނު މެޗުން ލަނޑެއް ނުޖެހި އެއްވަރުވެ، މިހާތަނަށް އެ ދެޓީމަށް ލިބިފައިވާ ހަތަރު ޕޮއިންޓާ އެކުއެވެ.
ރާއްޖޭގެ މުހިންމު ދެ ކުޅުންތެރިން ކަމަށްވާ އިބްރާހިމް ފަޒީލް (އޮއްޕޮ) އާއި އަހުމަދު ތޯރިގް (ޓޮމް) ނުލައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުނުއިރު، ގިނަ އިރު ބޯޅަ ހިފަހައްޓާ ރަނގަޅަށް ކުޅެމުން އައީ ނޭޕާލުންނެވެ. އެހެން ނަމަވެސް މެޗުގެ ދެ ވަނަ ހާފުގައި ރާއްޖެއިން ދެއްކި މޮޅު ކުޅުމުގެ ނަތީޖާއާ އެކު މެޗުގެ ލީޑް ރާއްޖެއިން ނެގުމުން ނޭޕާލްގެ ކުޅުން ފްރެޝަރަށް ވެއްޓުނުކަން ފާހަގަވި އެވެ.
ދެ ގްރޫޕަކަށް ބަހާލުމަށްފަހު، ގްރޫޕް އޭ ފަޅިން ރާއްޖެ މިފަހަރުގެ މުބާރާތުގައި ވާދަކުރާއިރު، ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އަންނަ ހޯމަ ދުވަހު ރާއްޖެ ނިކުންނާނީ ފަލަސްތީނާ ދެކޮޅަށެވެ. އެދުވަހުގެ މެޗުން ރާއްޖެ މޮޅުވެއްޖެ ނަމަ، މުބާރާތުގެ ސެމީ ފައިނަލަށް ދިއުމުގެ ފުރުސަތު ރާއްޖެއަށް ވަނީ ފަހިވެފަ އެވެ.
ރާއްޖޭގެ ވިކްޓަރީ ސްޕޯޓްސް ކުލަބްގެ ޒުވާން ކުޅުންތެރިޔާ ކާމިޔާބުކުރި ލަނޑުން ރާއްޖެ މިއަދު މޮޅުވިއިރު، ރާއްޖޭގެ ގޯލް ބަލަހައްޓަމުންއައި އިމްރާން މުހައްމަދު މިއަދު މެޗުގައި ވަނީ މޮޅުކުޅުމެއް ދައްކާ، ދިވެހިން ބޭނުންވާ ގޮތް ދިވެހިންނަށް ހޯދާދީފަ އެވެ.
މިމުބާރަތުގައި މާދަމާ ގްރޫޕް ބީގެ ދެމެޗެއް ކުޅުމަށް ހަމަޖެހިފައި ވާއިރު، ފުރަތަމަ މެޗުގައި ބައްދަލުކުރާ ދެޓީމަކީ ތަޖިކިސްތާނާއި އެންމެ ފަހުގެ ޗެމްޕިއަން އުތުރު ކޮރެޔާ އެވެ. އަދި މާދަމާގެ ދެވަނަ މެޗުގައި ބައްދަލުކުރާ ދެ ޓީމަކީ ޕިލިޕީންސްއާއި އެންމެ ފަހުގެ ސާފް ޗެމްޕިއަންގެ ތަށި ކާމިޔާބު ކުރި ސަރަހައްދުގެ އެންމެ ބޮޑު ގައުމު ކަމުގައިވާ އިންޑިޔާއާ އެވެ.