ކުޅިވަރު ހަރަކާތްތަކުގައި ބުރުގާ (ހިޖާބް) އެޅުން މަނާކުރަން ފްރާންސްގެ ސެނެޓުން ފާސްކޮށްފިއެވެ.

ކުޅިވަރު ހަރަކާތްތަކުގައި ނިއުޓްރަލް މިންގަނޑެއް ހިފަހައްޓަން ޖެހޭ ކަމަށް ބުނެ ފްރާންސުގެ ސެނެޓުން މި ބިލު ފާސްކުރީ 160 މެމްބަރުންގެ ތެރެއިން 143 މެމްބަރުންގެ ވޯޓުގެ މެޖޯރިޓީ އަކުންނެވެ.

ފްރާންސުގެ ސެނެޓަރުން ވިދާޅުވި ގޮތުގައި ކޮންމެ މީހަކަށްވެސް ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން އޮންނާނެ ކަމަށާއި ނަމަވެސް ވަކި ދީނަކަށް ނިސްބަތްވާކަން އެނގޭ ގޮތަކަށް އުޅުމުން ދުރުހެލިވާން ޖެހެއެވެ.

"ބުރުގާ އެޅުން މަނާ ނުކުރަންޏާ ދީނީ ވަކި ޝިއާރުތަކެއް ޕްރޮމޯޓްކުރާ ޖަމާޢަތްތައް އުފަންވެދާނެ" ސެނެޓުގެ ބިލުގައިވެއެވެ.

މުސްލިމް އެތުލީޓުންނާ ދެކޮޅަށް ފްރާންސުން ހަރުކަށި އުސޫލުތައް ހަދަމުން އަންނައިރު، އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ އޮފިޝަލް މެޗުތަކުގައި ބުރުގާ އަޅައިގެން ނުކުޅެވޭނެކަމަށް އަންގާފައެވެ.

ފްރާންސުގެ ސެނެޓުން މި ބިލު ފާސްކުރި ކަމުގައިވިޔަސް އެ ގައުމުގެ ނޭޝަނަލް އެސެމްބްލީން މި ބިލު ފާސްނުކުރަނީސް ގާނޫނެއްގެ ގޮތުގައި އަމަލެއް ނުކުރެވޭނެއެވެ.

އިސްލާމްދީނާއި މުސްލިމުންނާ ދެކޮޅަށް ފަރަންސޭސިވިލާތުން އަންނަނީ ގިނަ ގާނޫނުތައް ހަދަމުންނެވެ. ޔޫރަޕުގައިވެސް ފްރާންސަށްވުރެ ފާޅުކަން ބޮޑުގޮތެއްގައި މުސްލިމުންނާ ދެކޮޅު ގާނޫނުތައް ހަދާ ގައުމެއް ނޯވެއެވެ.