10 Mar 2012, 16:54
ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގައި އަންހެނުންގެ ދައުރު ފުޅާކޮށް ކުރިއެރުންތަށް ހޯދައިދިނުމަށް މަސައްކަތް ކޮށްފައިނުވާތީ އެކަމާ ހިތާމަ ކުރަށްވާ ކަމަށް ޕީޕީއެމުން މިއަދު ބުނެފި އެވެ.
ޕީޕިއެމްގެ ކައުންސިލްމެންބަރު އަދި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ދުންޔާ މައުމޫން ޕީޕީއެމްގެ އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވާ ވިދާޅުވީ ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުގެ ތިން އަހަރު އަންހެނުންގެ ހައްގުތައް ކުރިއެރުވުމަށް އެދެވޭ މަސައްކަތްތަކެއް ކޮށްފައި ނުވާކަމަށާއި އަންހެނުންނަށް ހާއްސަކޮށްފައިވާ މިނިސްޓްރީ، ވާ ޖެންޑާ މިނިސްޓްރީވެސް އުވާލެއްވި ކަމަށެވެ.
"އަޅުގަނޑު ހިތާމަ ކުރަން ރައީސް ނަޝީދުގެ ދައުރުގައި އަންހެނުންގެ ދައުރު ފުޅާކުރުމަށް އެކަށީގެންވާ ކުރިއެރުމެއް ފެނިފައި ނުވާތީ. ވަކިން ހުރި ވުޒާރާއެއް ޖެންޑާ މިނސްޓްރީވެސް[ރައީސްނަޝީދުގެ ވެރިކަމުގައި] އުވާލެވިގެން ދިޔައީ ދެން އޭގެ އިތުރަށް އަންހެނުންގެ ދައުރު ފުޅާވެ ހަރުދަނާ ވެގެން ދިޔަތަނެއް ނުފެނޭ،" ދުންޔާ ވިދާޅުވި އެވެ.
މިއަހަރުގެ އަންހެނުން ދުވަހު ރައީސުލްޖުމުހިރިއްޔާ މުހައްމަދު ވަހީދު ދެއްވި ހިތާބުގައި އެ މަނިކުފާނުގައި މަސައްކަތުގައި އަންހެނުންގެ ހައްގުތަކަށް އިސްކަން ދެއްވާނެ ކަމަށް ކަމަށް ވިދާޅުވެފައިވާތީ އާއި މަޖިލިހުގެ މިވަގުތު އޮތް ގެވެށި އަނިޔާގެ ބިލްގެ މަސައްކަތް އަވަސް ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައިވާތީ އެކަމަށް މަރުހަބާ ކިޔާކަމައްވެސް ދުންޏާ ވިދާޅުވި އެވެ.
އަދި ވިދާޅުވީ ގެވެށި އަނިޔާ ހުއްޓުވުމުގެ ބިލް މަޖިލިހަށް ހުށަހެޅި ފަހުން ދެއަހަރު ވެފައިވާއިރު އެބިލްގެ މަސައްކަތް ނުނިމި ލަސްވާތީ އެކަމާ ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށެވެ.
ދުންޔާ ވަނީ އެމެރިކާއިން ދޭ "ހިތްވަރުގަދަ އަންހެނާ" ގެ އެވޯޑް ރާއްޖޭގެ ކުރީގެ ޖެންޑަ މިނިސްޓަރު އަނީސާ އަހުމަދަށްލިބުމުން އެކަމަނާއަށް މަރުހަބާ ކިޔާފަ އެވެ.
"އިންޓަނޭޝަނަލް ވިމަން ފޯ ކަރޭޖް" ގެ ނަމުގައި އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ދޭ މި އެވޯޑު އަނީސާއަށް ދިނީ، މިދިޔަ ބުރާސްފަތިދުވަހު ފާހަގަކުރި މި އަހަރުގެ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ނިއުޔޯކްގައި ބޭއްވި ރަސްމިއްޔާތުގައި އެމެރިކާގެ ހާރިޖީ ވަޒީރު ހިލަރީ ކްލިންޓަނާއި ރައީސް ބަރަކް އޮބާމާގެ އަނބިކަނބަލުން މިޝޭލް އޮބާމާ އެވެ.