ބޮޑު ތަކުރުފާނު މަގުން އައިޖީއެމްއެޗާ ދިމާލަށް އާދަޔާ ހިލާފަށް ބޮޑަށް މިއަދު އުދައަރައިފި އެވެ.

ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ، މީޓްރޮލޮޖިކަލް ސެންޓަރު ބުނީ މިއަދު މެންދުރުން ފެށިގެން އުދައަރަމުން އަންނަނީ ބޮޑު ތަކުރުފާނު މަގުގެ ހުޅަނގު އުތުރަށް ކަމަށާއި އުދައެރީ ދިޔަ ވަރު ބޮޑުވެގެން ކަމަށް ބެލެވޭ ކަމަށެވެ. އަދި ބުނީ މެދުރާއްޖެތެރެއަށް ވައިޖެހޭ މިންވަރު މިހާރު ބާރުވެފައި ކަމަށެވެ.

"އެއީ ވަކި ހާއްސަކަމެއްގެ ސަބަބުން ވީކަމެއް ނޫން،" މީޓްރޮލޮޖިކަލްގެ އޮފިޝަލަކު ވިދާޅުވި އެވެ.

އެމްއެންޑީއެފުން ބުނީ އެ ސަރަހައްދަށް އުދައަރައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި ނަމަވެސް އެއްވެސް ތަނަކަށް އަދި އެއްޗަކައްވެސް ގެއްލުންވެފައި ނުވާ ކަމަށެވެ.

މޫސުން ގޯސް ދުވަސްދުވަހަށް އާންމުކޮށް އުދައަރާ އެ ސަރަހައްދުގައި ހުރި މަންޒަރުދުށް މީހަކު ބުނީ އުދައެރި ވަގުތު ލޮނުގަނޑު ވެސްޓްޕާކް ރެސްޓޯރެންޓާ ހިސާބަށް ފެތުރިގެން ދިޔަ ކަމަށެވެ.