22 Jan 2022, 12:21
މަންޒިލާއި ހަމައަށް ދެވުނުއިރު، އިރަމް އިނީ ބޯއަނބުރާގޮތްވެފައެވެ. ތަނެއްގައި އޮށޯވެލަން ބޭނުންވެފައި ހުރިވަރުން، އޭނާއަށް ފުރަތަމަވެސް ސުވާލުކުރެވުނީ ކޮޓަރި ހުރީ ކިހާ ހިސާބެއްގައިތޯއެވެ. އިރަމްގެ ސުވާލާއިއެކު، ފޮށިތަކާއި ހަވާލުވާން އައިސްހުރި މުވައްޒަފު ސިއްރުން ހިނިތުންވެލިއެވެ. އައިޒަކްވެސް ލާނެތްގޮތަކަށް ބަލައިލިތަން ފެނުމުން، އިރަމް ލަދުން ހަލާކުނުވީ ކިރިޔާއެވެ. އޭނާއަށް ބުނެވުނު އެއްޗެއް ރޭކައިލީ ދެނެވެ.
ކޮޓަރިއަށް ވަންގޮތަށް، އަތުގައި އޮތް ޓައީ އާއި ކޯޓު އެނދުމަތީގައި ބާއްވާފައި، އައިޒަކް އޭނާގެ ގަމީހުގެ ގޮށްތައް ނައްޓުވަން ފެށިއެވެ. ދެލޯ ބޮޑުވެ، މުޅި މީހާ ގަނޑުވިގޮތަށް އިރަމް ހުރީ، ހިނގައިގަންނަންވެސް ނޭނގިފައެވެ.
********
ގަމީސް ހަށިގަނޑުން ވަކިކޮށްލައި، އެނދުމައްޗަށް އެއްލުމަށްފަހު، އައިޒަކް އިރަމް އާއި ދިމާއަށް އެނބުރުނެވެ. އައިޒަކްގެ އެންމެ އަމަލެއްގެ ސަބަބުން، އިރަމްގެ މުޅި ހަށިގަނޑުގައި ދަތުރުކޮށްލީ ފިނި ރާޅެކެވެ. ހާމައަށް ފެންނަން ހުރި ކަސްރަތީ ހަށިގަނޑު ފެނި، އިރަމްގެ ހިތް ހުއްޓުނު ކަހަލައެވެ. އެފަދަ ފިރިހެންވަންތަކަމެއް އޭނާގެ ހަމަލޮލަށް ފެނުނު އެއީ ފުރަތަމަ ފަހަރެވެ. ކަޅިޖަހާވެސް ނުލައި، އައިޒަކްގެ ތަނަވަސް ހަށިގަނޑަށް ބަލަން އިރަމްއަށް ހުރެވުނެވެ.
އިރަމްގެ ހިތުގެ ހާލު އެނގުމުން، އައިޒަކްގެ ތުންފަތަށް ވެރިވީ ލުއި ހިނިތުންވުމެކެވެ. ލަސް ފިޔަވަޅުތަކެއްގައި އޭނާ އިރަމްއާއި ދިމާއަށް ހިނގައިގަތެވެ.
"އޯ ނޯ... ކީއްކުރަން އެ އުޅެނީ؟... މިތަނުން ދުއްވައިގަންނަންވީބާ؟... ފާހާނާއަށް ވަންނަންވީ..." އައިޒަކް ކައިރިވަމުންދިޔަ ވަރަކަށް، އިރަމް ހާސްވެގެން ހިތާއިހިތުން ވާހަކަ ދައްކަން ފެށިއެވެ.
ކޮޓަރިއަށް ވަދެ، ރަނގަޅަށް ހަމަވެސް ޖެހިނުލައި، އައިޒަކް އެއުޅެނީ ކީއްކުރަން ހެއްޔެވެ؟ ދިގު ދަތުރެއްކޮށްފައި، އަރާމުކޮށްލަންވެސް އޭނާ ބޭނުން ނުވަނީ ހެއްޔެވެ؟ އައިޒަކްގެ ކޮންމެ އަމަލަކުން، އިރަމްގެ ހިތުގައި އެތައް ވަސްވާސްތަކެއް އުފެދެމުން ދިޔައެވެ. ދުއްވައިގަންނަން ހިތަށް އެރިނަމަވެސް އިރަމްއަށް ޖެހެވުނީ ފަހަތަށެވެ. ކޮޓަރި ދޮރުގައި ޖެހިފައި މަތަވުމުން އިރަމް ދެލޯ މަރައި ބާރުކޮށްލިއެވެ.
ކުޑަ އިރުކޮޅެއް ފާއިތުވެގެން ދިޔައިރުވެސް އައިޒަކްގެ ހަބަރެއް ނުވިއެވެ. އިރަމް ލޯ ހުޅުވައިލީ، އައިޒަކް އޭނާގެ ކައިރީގައި ނެތްކަން ޔަގީންވުމުންނެވެ. ތުވާލި ކޮނޑުމައްޗަށް އެއްލައިގެން، ތަންކޮޅެއް ދުރުގައި އައިޒަކް ހުއްޓެވެ. ލަދުގަންނުވައިލާފަދަ ނަޒަރަކުން އޭނާ ހުރީ، އިރަމްގެ ދެލޮލަށް ބަލާށެވެ.
"ހާދަ ގޯސް އިމޭޖްކުރާ ކުއްޖެކޭ..." ފާހާނާ އާއި ދިމާއަށް ހިނގައިގަންނަމުން އައިޒަކް ޖަހައިލީ ލުއި ހިނިގަނޑެކެވެ.
އިރަމްގެ ދަތްތަކަށް ބާރުވިއެވެ. އައިޒަކް ގަސްދުގައި އޭނާ ތަޅުވައިލީއެވެ.
"އަބަދުވެސް ލަނޑު ލިބެނީ އަހަރެންގެ މޮޔަކަމުން..." އިރަމްއަށް ބޮލުގައި ދެއަތުން ހިފަހައްޓައިލެވުނެވެ.
އޭނާއަށް ހަމަނޭވާއެއް ލެވުނީ، އައިޒަކް ގޮސް ފާހާނާއަށް ވަދެ، ދޮރު ލައްޕައިލުމުންނެވެ.
އިރަމް ގޮސް، ފޮށި ހުޅުވައިލުމާއިއެކު އޭނާއަށް ލިބުނީ މާޔޫސްކަމެވެ. ކަންތައްވީ އިރަމް ހީކުރި ގޮތަށެވެ. ޝާލިން އަޅާފައި ހުރީ، އައިޒަކްގެ ކުރިމަތީގައި އޭނާއަށް ލާންކެރޭ ގޮތަކަށް ހުރި ހެދުންތަކެއް ނޫނެވެ. ހިތާއި ހިތުން ޝާލިން އާއި ދިމާއަށް އެއްޗެހި ކިޔަމުންދިޔަ އިރަމްގެ ލޮލުގައި އަތްކުރު ޓީޝާޓަކާއި ކަކުލާއި ހަމައަށް އަރާވަރުގެ ކުރު ހަރުވާޅުކޮޅެއް އަޅައިގަތެވެ.
"މި ލާނީ ހަމައެކަނި މޫދަށް ދާއިރު އެކަނި.... ޕޫލަށް އެރޭއިރު ނުލާތި..." ޓީޝާޓުގައި ތަތްކޮށްލާފައިވާ ނޯޓުކޮޅު ކިޔާލުމާއިއެކު، އިރަމްއަށް ތުން ފިއްތައިލެވުނެވެ. ވަގުތުން ކަރުދާސްކޮޅު ބޮނޑިކޮށްލާފައި ފޮށީގެ ކަނަކަށް ލިއެވެ.
"ހުރެބަލަ މާލެ ގޮއްސަ..." ޝާލިންއާއި ދޭތެރޭ ކަންތައް ކުރާނެގޮތް އިރަމްގެ ހިތުގައި ރާވައިލިއެވެ.
އައިޒަކް ފެންވަރައިގެން ނުކުތީ، އިރަމް އޭނާގެ ރީތިވާ ސާމާނާއި، ފޮށީގައި ހުރި ބައެއް ތަކެތި ނަގައި މޭޒުމަތީގައި ތަރުތީބުކުރަން ހުއްޓައެވެ. ހަމައެކަނި ތުވާލިކޮޅު އުނަގަނޑުގައި އައްސާލައިގެން ހުރިއިރު، އައިޒަކްގެ ތަނަވަސް ހަށިގަނޑު ހުރީ ހާމައަށް ފެންނާށެވެ. ބޮލުގެ އިސްތަށިގަނޑު ތެމިފައިވާއިރު، ފަހުރުވެރިކަމާއިއެކު އޭނާގެ ހަށިގަނޑުގައި ފެންތިކިތައް ބަބުޅަމުންދިޔައެވެ. ބައެއް ފެންތިކިތައް އެ ހަށިގަނޑުގައި ބީހިލާފައި ތިރިއަށް ގޮސް، ތުވާއްޔަށް ހިނދިގެން ދަނީ، ބަލަން ހުންނަ މީހެއްގެ ހިތް ކަތިލާލާހައި ފުރިހަމައަށެވެ.
އައިޒަކް ނުކުތުމާއިއެކު ދުވި މީރުވަހުން، އިރަމްގެ ސިކުނޑި ތާޒާކުރުވިއެވެ. އޭނާ އަވަހަށް ފާހާނާއަށް ދާން ހަދައިގެން ދެފައި އޮޅޭގޮތް ނުވީ ކިރިޔާއެވެ. އައިޒަކް ހިފަހައްޓަން އުޅުނު ނަމަވެސް، އިރަމް ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ފާހާނާއަށް ވަދެ، ދޮރު ލައްޕައި، ތަޅުލިއެވެ.
"މޮޔަ އަންހެންކުއްޖާ..." އައިޒަކް ހުރީ ހިނިއައިސްފައެވެ.
ބޮލުގެ އިސްތަށިގަނޑު ހިއްކަމުން އޭނާ ގޮސް ކުޑަދޮރުގެ ކައިރީގައި ހުއްޓުނެވެ. ދޮރު ހުޅުވައިލުމާއިއެކު ޖެހުނު ފިނިފިނި ވައިރޯޅީގެ ސަބަބުން އައިޒަކްގެ ގައިގައި ހުރި ލޯލިތައް ކޮޅަށްޖެހުނެވެ. އޭނާ ދެލޯ މަރައިލީ، އިހުސާސްކުރެވެމުންދިޔަ އަރާމުކަމެއްގެ ސަބަބުންނެވެ. އައިޒަކްގެ މޫނުން ފެންނަމުން ދިޔައީ ހަމަޖެހުމުގެ އަސަރެވެ. ދޭތެރެއަކުން ދެލޯ ހުޅުވައި ފާހާނާ އާއި ދިމާއަށް ބަލައިލައެވެ. އިރަމް އަވަހަށް އެތަނުން ނުނުކުންނާނެކަން އޭނާއަށް އެނގެއެވެ.
ދޮރުގައި ލެނގިލައިގެން ހުރި އިރަމްގެ ނޭވާ ހަމައަކަށް އެޅުނީ، އެތައް އިރެއް ފަހުންނެވެ. އައިޒަކް އުޅޭ ގޮތަކުން އޭނާގެ ހިތް ހުއްޓިދާ ފަދައެވެ. އެކަނި އުޅެން އާދަވެފައިވާ އިރަމް، އައިޒަކާއިއެކު ކެތްކުރާނީ ކިހިނެއް ހެއްޔެވެ؟ އެކުދިކުދި ގޯނާތަކަށް އޭނާ ދުވަހަކު އާދަނުވާނެކަމަށް އިރަމްގެ ހިތް ބުންޏެވެ.
"ކެމެރާ..." ކުއްލިއަކަށް ހިތަށް އެރި އެއްޗަކުން އިރަމް ތެޅިގަތެވެ.
ފާހާނާގެ ވަށައިގެން އިރަމް ނަޒަރު ހިންގަން ފެށިއެވެ. މޫނު ދޮންނަ ތައްޓާއި އިސްކޫރުތަކުގެ އިތުރުން، މޫނުބަލާ ލޯގަނޑަން ދަންދެން އޭނާ ވަކިވަކީން ބެލިއެވެ.
އިރަމް ފެންވަރާ ނިންމައިގެން ފާހާނާއިން ނުކުތުމުގެ ކުރިން، ދޮރު ކުޑަކުޑަކޮށް ހުޅުވައި ބޭރު ބަލައިލިއެވެ. ކޮޓަރިތެރޭގައިވީ، ފަނޑު އަލިކަމެކެވެ. އައިޒަކް ނިދީ ހެއްޔެވެ؟ އިރަމް ލަސްވުމުން އޭގެ މާނަ އޭނާއަށް ވިސްނުނީ ހެއްޔެވެ؟ ލިބުނު ހަމަޖެހުމުގައި އިރަމް ދޫކޮށްލީ ފުން ނޭވާއެކެވެ. ދެފައިގެ ކޮޅު ޖައްސައިގެން ހުރެ، އޭނާ ފާހާނާއިން ނުކުތެވެ.
އިރަމް ލައިގެން ހުރި އަތްކުރު ޓީޝާޓު ހުރީ، އޭނާގެ ގައިގައި ރީކޮށް ހިފާލާފައެވެ. އިސްތަށިގަނޑުގައި ތުވާލި އޮޅާލައިގެން ހުރިއިރު، ކަކުލާއި ހަމައަށް ހުރި ހަރުވާޅުކޮޅުގެ ސަބަބުން އޭނާގެ ދެފައިން ބޮޑުބައެއްވެސް އޮތީ ހާމައަށް ފެންނާށެވެ. ކޮޓަރިތެރެއަށް އިރަމްއަށް އަޅައިލެވުނީ ދެތިން ފިޔަވަޅެވެ.
"ފާހާނާގަ ހާދަ ގިނައިރުވާ ކުއްޖެކޭ..." އައިޒަކްގެ އަޑު އައީ، އިރަމްގެ ފަހަތުން އޭނާގެ ކަންފަތް ކައިރިންނެވެ.
އިރަމް ސިހިފައި ތޫލި އަޑަކުން ހަޅޭއްލަވައިގަތެވެ. އައިޒަކް އަވަސް ހަރަކާތާއިއެކު، އިރަމްގެ އަނގަމަތީގައި އަތް އެޅިއެވެ. އަނެއް އަތުން އިރަމްގެ ހިނދިފައިވާ ބަނޑުގައި އަތް އަޅުވައި ގެންގޮސް، އޭނާގެ ގައިގައި އެކުއްޖާގެ ހަށިގަނޑު ޖައްސައިލިއެވެ. އިރަމް ވަގުތުން ހިމޭންވިއެވެ. އައިޒަކްގެ އެ ގާތްކަމުގެ ސަބަބުން، އޭނާއަށް ގުޑިލާންވެސް ނުކެރުނެވެ.
"ނިދާފަ ތިބި އެންމެން ހޭލައްވާލަންތަ ތިއުޅެނީ؟..." އިރަމްގެ ކޮނޑުގައި ދަތްދޮޅި ޖައްސައިލަމުން، އައިޒަކް ލާނެތް ރާގަކަށް ބުންޏެވެ.
އޭނާ މަޑުމަޑުން އިރަމްގެ އަނގަމަތިން އަތް ނެގިއެވެ. އެވަރުންވެސް، އިރަމްގެ ބަނޑުން އަތް ދޫކޮށެއްނުލައެވެ. ހުޅުވާފައިވާ ކުޑަދޮރުން ކޮޓަރިތެރެއަށް ވަންނަމުންދިޔަ ތާޒާ ވައިރޯޅިތަކުގެ ސަބަބުން ފިނިވެފައި ހުރި އިރަމްއަށް އައިޒަކްގެ އެ ގާތްކަމުގެ ސަބަބުން އަރާމުވިއެވެ.
"މިރޭ އަހަރެން ބޭނުމެއް ނޫން އެހާ އަވަހަށް ނިދާކަށް... ކޮން ކަމެއް ކުރާނީ؟..." އައިޒަކް އަހައިލިއެވެ.
އިރަމްގެ ހިތް ތެޅިގަތެވެ. ހާސްވެގެން ނިތްކުރިމަތިން ދާހިއްލާލިއެވެ. އައިޒަކް އެ ސުވާލުކުރީ ކޮން ކަމަކަށް އަމާޒުކޮށްފައި ހެއްޔެވެ؟ އަނެއްކާވެސް އިރަމް ތަޅުވައިލުމުގެ މަގުސަދުގައި ހެއްޔެވެ؟
"ބޭރަށް ގޮސްލާނަން؟...." އައިޒަކް ސުވާލުކުރިއެވެ.
ލޯތްބާއި އޯގާތެރިކަން އެކުލެވޭ އެ އަޑު ކަންފަތުގައި ޖެހުމުން، ދެކޮޅު ހަދާކަށް އިރަމްގެ ނަފުސު އެއްބަހެއް ނުވިއެވެ. އިރަމް ބޯ ޖަހައިލުމުން، އައިޒަކް މަޑުމަޑުން ދުރަށްޖެހުނެވެ.
"ރެޑީވެލައިގެން ނުކުމޭ... މިތާ ބޭރުގަ މަޑުކޮށްލާނަން..." އިރަމްގެ އިސްތަށިގަނޑުގައި އަތް ހިންގައިލަމުން އައިޒަކް ބުނީ ނުހަނު ލޯބިންނެވެ.
އިރަމް ތައްޔާރުވެލައިގެން ނުކުތްއިރު، އައިޒަކް ހުރީ ފޯނެއްގައެވެ. ހީހީފައި ވާހަކަ ދައްކަމުންދިޔަ ތަން ބަލަން ހުރިއިރު، އިރަމްގެ ހިތަށް އުނދަގޫވިއެވެ. ދަންވަރުގެ އެވަގުތުގައި އައިޒަކް ވާހަކަ ދައްކާނީ ކާކާ ހެއްޔެވެ؟ އެ މޫނުން އެހާ އުފާވެރިކަން ފެންނަމުންދަނީ ކީއްވެ ހެއްޔެވެ؟
"މިސް..." އައިޒަކް އެހާ ހިސާބަށް ބުނިތަނާ އިރަމް ފެނުމުން ހުއްޓައިލިއެވެ.
އޭނާ ވަގުތުން ފޯނު ކަނޑާލާފައި ޖީބަށް ލިއެވެ. އެއަށްފަހު، އިރަމްގެ އަތުގައި ހިފައިލިއެވެ. އިނގިލިތައް ގުޅި ލާމެހެން ނެގީ ހިނދުކޮޅެކެވެ. އަތިރިމަތީގެ ހުދު ފަސްގަނޑުގައި ދެމީހުން ހިނގަމުންދިޔައިރު، އެކަކުވެސް އަނގައިން ނުބުނެއެވެ. ދެމީހުންގެ މެދުގައިވި ހަމަހިމޭންކަން، އެތައް ވާހަކަތަކެއް ބުނެދޭ ކަހަލައެވެ. ރާޅުފަށުގައި ބަހައްޓާފައިވާ ގޮނޑިތަކުން ގޮނޑިއެއްގައި އައިޒަކް އޮށޯވެލިއެވެ. ކައިރީގައި ހުރި ގޮނޑީގައި އިށީނުމަށް އޭނާ އިރަމްގެ ކައިރިން އެދުނެވެ. ދެކޮޅުހެދުމެއްނެތި އިރަމް އިށީނެވެ. ކޮޓަރިއަށް ވަނުމަށްވުރެ އިރަމްއަށް އެގޮތްވެސް މާ ރަނގަޅެވެ.
"ހާދަ ރީތި ހަނދުވަރުދޭ ރެއެކޭ..." އައިޒަކްގެ ނަޒަރު ހުއްޓިފައިވީ އުޑަށެވެ.
އިރަމްގެ ނަޒަރު އުޑުމައްޗަށް ހުއްޓުމާއިއެކު ހައިރާންވެފައި އައިޒަކަށް ބަލައިލިއެވެ. އުޑުމަތީގައި ރަސްކަން ކުރަމުން ދިޔައީ ކަޅު ބޯ ވިލާތަކެވެ. ހަނދުގެ ކުޑަވެސް ހިލަމެއް ނެތެވެ. އިރަމް ހައިރާންވެފައި އައިޒަކްގެ މޫނަށް ބަލައިލިއެވެ. އޭނާ އިނީ އިރަމްއަށް ވާގޮތް ބަލާށެވެ.
"އަހަރެން މިބުނީ ބިންމަތީގަ އިން ހަނދުގެ ވާހަކަ..." އިރަމްއަށް އިޝާރާތްކުރަމުން އައިޒަކް ބުންޏެވެ. "އަހަރެންގެ ކުރިމަތީގަ މީނީ އެންމެ ލޯބި ކުއްޖާ..."
އައިޒަކް ކޮންކަހަލަ ސަމާސާއެއް ކުރާ ދުވަހެއް ހެއްޔެވެ؟ އަބަދު ކުދި ގޯނާތައް ކޮށްފައި، ބަހުންވެސް އިރަމް ލަދުގަންނުވައިލަން މަސައްކަތް ކުރަނީ ހެއްޔެވެ؟ ކޮންމެ ގޮތަކުން ވިޔަސް، އައިޒަކްގެ އެ ޖުމްލައިން އިރަމްގެ ހިތަށް ތަފާތު ގޮތެއް ވެގެން ދިޔައެވެ. ނޭނގޭ އުފާވެރިކަމެއް ލިބުނު ކަހަލައެވެ. އިރަމް އެނބުރުނީ އަނެއް ފަރާތަށެވެ. އޭރު އޭނާގެ ތުންފުގައިވީ ލުއި ހިނިތުންވުމެކެވެ. އެ ހިނިތުންވުން އައިޒަކަށް ފެންނަން އޭނާ ބޭނުންނުވީއެވެ.
ޖެހެމުންދިޔަ ފިނި ރޯޅި އާއި، މާހައުލުގެ ހިތްގައިމުކަމުގެ ސަބަބުން އިރަމްގެ ދެލޮލަށް ނިދި ސަވާރުވާކަށް ގިނައިރެއް ނުނެގިއެވެ. ނިދިފައި އޮއްވައި އިރަމްއަށް ހޭލެވުނީ، އޭނާގެ މޫނަށް ހޫނު ނޭވާގެ އަސަރުކުރުމުންނެވެ. ހޭލެވުނު ނަމަވެސް، ދެލޯ ހުޅުވައިލާކަށް އިރަމްއަކަށް ނުކެރުނެވެ.
ލުއި ފަތެއް އުފުލައިލާހެން އިރަމް އޭނާގެ އަތްދަނޑި މައްޗަށް އުފުލާލައިގެން އައިޒަކް އެއްގަމާއި ދިމާއަށް ހިނގައިގަތެވެ. އިރަމް ނިދާފައި އޮތުމުން ހޭލައްވައިލަން އޭނާގެ ޒަމީރު ދެކޮޅުހެދީއެވެ. އޭނާ ހިނގަމުން ދިޔައީވެސް، އިރަމްއަށް ހޭލެވިދާނެތީ، ބަލައިގެން މަޑުމަޑުންނެވެ.
އެނދުމަތީގައި އިރަމް ބާއްވައިލުމަށްފަހު، ގައިމަތީގައި ރަޖާ އަޅައިދީފައި އައިޒަކް ގޮސް އިރަމްގެ ކައިރީގައި އޮށޯތެވެ. އިރަމްގެ އޮމާން މޫނަށް ބަލަން އޭނާ އިރުކޮޅަކު އޮތެވެ. ކިތަންމެ ވަރަކަށް ބެލިޔަސް، ބަލާ ފޫހިނުވާފަދަ ރީތިކަމެއް އިރަމްއަށް ލިބިފައިވިއެވެ. އައިޒަކަށް މާގިނައިރު، އިރަމް އާއި ދުރުގައި ނޯވެވުނެވެ. މަޑުމަޑުން އިރަމްގެ ކައިރިއަށް ޖެހިލިއެވެ.
ދެލޯ މަރައިގެން އޮތްނަމަވެސް، އައިޒަކްގެ ގާތްކަން އިރަމްއަށް އިހުސާސްކުރެވެމުން ދިޔައެވެ. އައިޒަކްގެ ހޫނު ނޭވާގެ އިހުސާސް ކުރެވުމާއިއެކު، އިރަމްއަށް އޭނާ ލައިގެން އޮތް ޓީޝާޓުގައި ހިފައި ބާރުކޮށްލެވުނެވެ. އޭރު އޭނާގެ ހިތުގެ ތެޅުން އިތުރުވެއްޖެއެވެ.
އިރަމްގެ ކޮލުގައި ތުންފަތް ޖައްސައިލުމާއިއެކު، އައިޒަކަށް ދެލޯ މަރައިލެވުނީ ކުރެވުނު ފޮނި އިހުސާސެއްގެ ސަބަބުންނެވެ.
(ނުނިމޭ)