ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލުން ކުރި ސިކުނޑީގެ އޮޕަރޭޝަނެއް ކާމިޔާބު ކަމާއެކު ނިންމާލައިފިއެެވެ.

އެ ހޮސްޕިޓަލުން ބުނީ އެއީ ބޮލުގެ ނާށިގަނޑުން ބައެއް ނަގައިގެން ސިކުނޑީގެ ޓިއުމަރެއް ނައްތާލުމަށް ކުރި އޮޕަރޭޝަނެއް ކަމަށެވެ. އަދި އެ އޮޕަރޭޝަން ކޮށްފައިވަނީ 66 އަހަރުގެ މީހަކަށް ކަމަށް ވެސް ޓްރީޓޮޕުން ބުންޏެވެ.

ޓްރީޓޮޕް ހޮސްޕިޓަލުގެ ނާރުގެ އޮޕަރޭޝަން ޑިޕާޓްމަންޓުން ކުރި އެ އޮޕަރޭޝަން ކުރީ އެ ދާއިރާގެ ސްޕެޝިއަލިސްޓެއް ކަމުގައިވާ ޑރ. ހުއާން ލޮރީޑޯއެވެ.

ޑރ. ހުއާންގެ އިތުރުން މި ޓީމުގައި ހިމެނެނީ ހޭނައްތާ ޑޮކްޓަރު ޑރ. އާމިނަތު ފިއުނާއާއި، ހޭނައްތާ ޓެކްނީޝަން ވިސްވަޖިތު އުދޭކުމާރު އަދި މެޑިކަލް އޮފިސަރު ޑރ. ގާސިމް ނިމާލެވެ. މީގެ އިތުރުން ވެސް ހުނަރުވެރި ޓެކްނިކަލް ސްޓާފުންނާއި ނަރުހުންގެ ޓީމެއް ވަނީ މި ޓީމާއެކު ހަރަކާތްތެރިވެފައެވެ.

ޑރ. ހުއާނަކީ ނާރުގެ ތަފާތު ބަލިތައް ދެނެގަނެ، ވީހާވެސް ކުޑަކޮށް ފަޅާލައިގެން ބޮޑެތި އޮޕަރޭޝަންތަކެއް ކޮށްފައިވާ ތަޖުރިބާކާރު ޑޮކްޓަރެކެވެ.

އޭނާ މީގެކުރިން ވަނީ ސްޕެއިނުގެ ހޮސްޕިޓާލެސް ސެން ރޯގުގެ ނާރުގެ އޮޕަރޭޝަން ޑިވިޝަންގެ އިސްވެރިޔާގެ މަގާމާއި، ކެނެރީ އައިލެންޑްސްގެ ނިއުރޯސާޖަރީ އިންސްޓިޓިއުޓެއްގެ ޑިރެކްޓަރުގެ މަގާމު ވެސް އަދާކުރައްވާފައި ކަމަށެވެ.

އަދި ހާވާޑް ޔުނިވާސިޓީ ފަދަ، ދުނިޔޭގެ މަޝްހޫރު އެތައް ޔުނިވާސިޓީ އަކުން ފެލޯޝިޕް ކްރެޑިޓްވެސް ހޯއްދަވާފައިވެއެވެ.

ޓްރީޓޮޕަކީ ޒަމާނީ ވަސީލަތްތަކާއެކު ގިނަ ހިދުމަތްތަކެއް ދެމުން އަންނަ ހޮސްޕިޓަލެކެވެ. މީގެ ކުރިން ވެސް އެ ހޮސްޕިޓަލުން ވަނީ މިފަދަ ގިނަ އޮޕަރޭޝަންތަކެއް ކާމިޔާބު ކަމާއެކު ނިންމާލާފައެވެ.