10 Mar 2012, 15:58
ކުރިކެޓް ބޯޑު އޮފް މޯލްޑިވްސްގެ ހިންގާ ކޮމެޓީގެ ދައުރު މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ހަމަވާތީ، އެ ބޯޑު އާ ދައުރަކަށް އިންތިހާބު ކުރުމަށް ބާއްވާ އިންތިހާބު އަންނަ މަހު ބޭއްވުމަށް ނިންމައި، އެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލައިފި އެވެ.
ކުރިކެޓް ބޯޑުގެ އިންތިހާބު ބޭއްވުމަށް ނިންމާފައި ވަނީ އަންނަ މަހުގެ އެއް ވަނަ ދުވަހު އެވެ.
ކުރިކެޓް ބޯޑުން އާންމުކޮށްފައިވާ އިއުލާނެއްގައި ވާގޮތުން ހިންގާ ކޮމެޓީއަށް ކުރިމަތި ލުމަށް އެދޭ ފަރާތްތަކަށް އެކަމަށް ކަނޑައަޅާފައިވާ އެޕްލިކޭޝަން ފޯމު ދޫކުރުމާއި ބަލއިގަތުން މާދަމާއިން ފެށިގެން މިމަހުގެ 25 ވަނަ ދުވަހާ ހަމައަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އިންތިހާބަށް ކުރިމަތި ލުމަށް ބޭނުންވާ އެޕްލިކޭޝަން ފޯމު ކުރިކެޓު ބޯޑުންނާއި އެ ބޯޑުގެ ރަސްމީ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށް އެ އިއުލާންގައި ބުނެފައިވެ އެވެ.
ކްރިކެޓް ބޯޑުގެ ހިންގާ ގަވާއިދުގެ 18 ވަނަ މާއްދާގައިވާ ގޮތުގެމަތިން ކޮމެޓީއަށް އިންތިހާބު ކުރެވޭ މަގާމްތަކަކީ ރައީސް އާއި ނައިބު ރައީސް، ފުރިހަމަ މެންބަރުން (ކުލަބްތަކުގެ) ތެރެއިން އިންތިހާބު ކުރެވޭ ހަތަރު މެންބަރުންނާއި އެސޯސިއޭޓް މެންބަރުންގެ (ސްކޫލްތަކުގެ) ތެރެއިން އިންތިހާބު ކުރެވޭ ދެ މެންބަރުން އަދި ފަރުދީ މެންބަރުންގެ ތެރެއިން އިންތިހާބު ކުރާ އެއް މެންބަރެވެ.