އިހުމާލުވުމުގެ ސަބަބުން ކުޑަކުދިންގެ ފުރާނަ ގެއްލުމާއި އެކި ވަރުގެ އަނިޔާ ލިބުމުގެ ހާދިސާތައް އިތުރުވެފައިވާ ކަމަށް ބުނެ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެ ކޮމިޝަނުން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނަނީ އެކި ފަރާތްތަކުން ކުޑަކުދިންނަށް އިހުމާލުވުމުގެ ސަބަބުން އެ ކުދިންނަށް އަނިޔާވެ ފުރާނައަށް ވެސް ގެއްލުން ވަމުންދާ ކަމަށާއި އެފަދަ ހާދިސާތައް މަދުކުރެވޭނީ ދައުލަތުގެ ހުރިހާ މުއައްސަސާއަކުން ގުޅިގެން މަސައްކަތް ކޮށްގެން ކަމަށެވެ.

"މި ކަންތައްތައް ހައްލުކުރުމަށް ޤާނޫނީ އަދި އިދާރީ އޮނިގަނޑު ހަރުދަނާކޮށް، މިއޮނިގަނޑު ތަންފީޒުކުރުމާއެކު މިކަންކަމާ މެދު ކުޑަކުދިން ތަރުބިއްޔަތުކޮށް ރައްކާތެރިކުރުމުގެ ޒިންމާ އުފުލާ ފަރާތްތަކާއި އަދި މުޖްތަމަޢުގެ ހޭލުންތެރިކަން އިތުރުކުރުމަށް ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރުމަށް ދައުލަތަށް ގޮވާލަމެވެ،" އެޗްއާރުސީއެމްގެ ބަޔާނުގައިވެ އެވެ.

ކުޑަކުދިންނާ މެދު އިހުމާލުވުން އިތުރުވުމާއެކު ކުޑަކުދިންނަށް ނޭދެވޭ އަސަރު ފޯރާ އެހެން ގިނަ ކަންތައްތަކެއް މުޖުތަމަޢުގައި ޢާންމުވާން ފަށާފައިވާ ކަމައްވެސް އެޗްއާރުސީއެމްއިން ބުންޏެވެ. އެ ގޮތުން ސުކޫލްގެ މާހައުލަކީ ވެސް ކުދިންނަށް ރައްކާތެރިކަމާއެކު ތައުލީމު ހާސިލްކުރެވޭނެ މާހައުލަކަށް ވާންޖެހޭ ކަމަށާއި ކޮންމެ ކުޑަކުއްޖަކަށް ވެސް ތައުލީމް ހާސިލްކުރުމުގެ ހައްގު ލިބިދޭން ޖެހޭނެ ކަމަށް ބުނެފައި ވެއެވެ.

ކުޑަކުދިންނަށް އިހުމާލުވުން އިތުރުވެގެން އެޗްއާރުސީއެމް ކަންބޮޑުވި އިރު ފަހަކަށް އައިސް ކުޑަކުދިން މަރުވުމުގެ ހާދިސާތައް ވަނީ އިތުރުވެފަ އެވެ. އެގޮތުން މިދިޔަ މަހު ވަނީ ގެއެއްގެ ތިން ވަނަ ބުރިން ވެއްޓި ކުޑަކުއްޖަކު މަރުވެފަ އެވެ. މީގެ ހަފްތާއެއްހާ ދުވަސް ކުރިން މާމިގިލީގައި ކުޑަކުއްޖަކު ވަނީ މަސްޓޭންކަކަށް ވެއްޓި މަރުވެފަ އެވެ. އަދި ގައްދޫގައި ވެސް އިއްޔެ ވަނީ ގެބިގެން ކުޑަކުއްޖަކު މަރުވެފަ އެވެ. މީގެ އިތުރުން ސިޔާސީ ހަރަކާތްތަކަށް ކުޑަދިން ނެރޭ މައްސަލަ ވެސް ވަނީ ބޮޑު މައްސަލައަކަށްވެފަ އެވެ.