އަންނަ އާދީއްތަ ދުވަހު ރ. އަލިފުށީގައި ކުޅޭ ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލަށް އެ ރަށް ތައްޔާރު ވެއްޖެއެވެ.

މިއީ މާލޭން ބޭރުގައި ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތައްޓަށް ކުޅޭ މުބާރާތް ބާއްވާ ފުރަތަމަ ފަހަރެވެ.

އަލިފުށީ ކައުންސިލްގެ ރައީސް އާދަމް އިމްރާން މިއަދު "ސަން"އަށް ވިދާޅުވީ ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލަށް މުޅި އަލިފުށި ތައްޔާރުވެފައިވާ ކަމަށެވެ. އަދި މިހާރު ވަމުން އަންނަނީ އެންމެ ފަހުގެ ތައްޔާރީތައް ކަމަށް އޭނާ ވިދާޅުވިއެވެ.

"މެޗާ ގުޅިގެން ކުރަން ހުރި ކަންތައްތައް ގާތްގަނޑަކަށް ނިމުމަކަށް މިއައީ،" އިމްރާން ވިދާޅުވިއެވެ.

މީގެ އިތުރުން އިމްރާން ވިދާޅުވީ އެ ރަށުގައި ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލް ބޭއްވުމަކީ އަލިފުއްޓަށް ލިބޭ ފަހުރެއް ކަމަށެވެ.

ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލަށް ދަތުރު ކޮށްފައިވަނީ ކްލަބް ވެލެންސިއާ އާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބެވެ.

ފައިނަލުގައި ކުޅޭ ދެ ޓީމަށް މަރުހަބާ ކިޔަން އަލިފުށީގައި އާދީއްތަ ދުވަހު ސަގާފީ ހަރަކާތްތަކެއް ކުރިއަށްގެންދާނެއެވެ. އަދި އެ ރަށުގެ ބަނދަރުގައި އަލިފުށީގެ ނަން ލިޔެފައިވާ ބޯޑު ކައިރީގައި ޕްރެޒިޑެންޓްސް ކަޕް ތަށީގެ ރެފްލިކާއެއް ވަނީ ބަހައްޓާފައެވެ.

ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޒަމާނުއްސުރެ ކުޅިވަރުގެ ހުރިހާ ކަމެއްް ވެސް ހިންގާނީ ހަމައެކަނި މާލޭގައި އޮތްއޮތުން ބަދަލުކޮށް މުޅި ރާއްޖެއަށް ފަތުރަމުން އަންނަ ކަމަށެވެ.

މީގެ އިތުރުން، ފުޓުބޯޅަ ކުޅުން ހުއްޓާލިކަން މި މަހު އިއުލާންކުރި އަލިފުއްޓަށް ނިސްބަތްވާ ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު މުހައްމަދު ރަޝީދު (ހޮކޭ)ގެ ޝަރަފުގައި ވެސް ހާއްސަ އިވެންޓެއް އެ ދުވަހު އޮންނާނެއެވެ.