ފޮތްތަކުގައި ލިޔެފައި ހުންނަ ކީރިތި ގުރުއާނުގެ އާޔަތްތަކުގައި ކުށްހުރިތޯ ބަލަން އިސްލާމިކް މިނިސްޓްރީން ހާއްސަ ކޮމިޓީއެއް އެކުލަވަައިލައިފިއެވެ.

އެ މިނިސްޓްރީގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ އެ ކޮމިޓީގައި ގިނަވާނީ ގުރުއާން ހިތުދަސް އިލްމުވެރިން ކަމަށެވެ. އަދި އެ ކޮމިޓީއަށް ހުށަހެޅޭ ހުރިހާ ފޮތެެއް ވެސް އެ ކޮމިޓީން ބަލާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިކޮމެޓީގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ:

  • އަލްޙާފިޡް ޑރ. މުޙައްމަދު ޢިޔާޟް ޢަބްދުއްލަޠީފް (ކޮމެޓީގެ ޗެއަރ)

  • އައްޝައިޚް އަލްޙާފިޡް މުޙައްމަދު ލަޠީފް (ކޮމެޓީގެ ވައިސް ޗެއަރ)
  • އައްޝައިޚް ނަޞްރުﷲ ޢަލީ
  • އައްޝައިޚް އަލްޙާފިޡް އިބްރާހީމް ރަޝީދު ޙަސަން
  • އައްޝައިޚް އަލްޙާފިޡް އަޙްމަދު ޝަފީޤް
  • އައްޝައިޚް އަލްޙާފިޡް ޢަލީ ނަޖީބް
  • އަލްޙާފިޡް ޢަބްދުﷲ މަސްޢޫދު

މި ކޮމިޓީއާ އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު މިއަދު ވަނީ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި މިނިސްޓަރު ވަނީ ކޮމިޓީގެ މަސައްކަތްތައް ކުރިއަށް ދާނެ ގޮތާމެދު މަޝްވަރާ ކުރައްވާފައެވެ.

މީޑިއާ އޮފިޝަލް އިތުރަށް ވިދާޅުވީ ގުރުއާނުގެ އާޔަތްތައް ހުންނަ ހުރިހާ ފޮތެއް ވެސް ފުރަތަމަ މިނިސްޓްރީއަށް ހުށަހަޅާން ޖެހޭނެ ކަމަށެވެ. އަދި ފޮތް ނެރެވޭނީ މިނިސްޓްރީން ބެލުމަށްފަހު ކަމަށް އޭނާ ވިދާޅުވިއެވެ.

މި ކޮމެޓީ އުފެއްދުމުގެ މަގުސަދަކީ ރާއްޖޭގައި ތައްޔާރުކޮށް ޗާޕްކުރެވޭ ފޮތްތަކުގައި ލިޔެފައި ހުންނަ ކީރިތި ޤުރްއާންގެ އާޔަތްތަކުގައި ކުށް ހުރުމާ ގުޅިގެން އެކަމަށް ހައްލެއް ގެނައުން ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މިދިޔަ އަހަރު ތެރޭގައި ވެސް ސުކޫލު ކުދިންނަށް ކިޔަވައިދޭ ބައެއް ފޮތްތަކުން ގުރުއާނުގެ އާޔަތްތަކުގައި މައްސަލަތައް ވަނީ ފާހަގަ ކުރެވިފައެވެ.