10 Mar 2012, 14:54
ރައްޔިތުންގެ ސަލާމަތާއި އަމަންއަމާންކަން ބެލެހެއްޓުމުގައި ސަރުކާރު ފަހަތަކަށް ނުޖެހޭނެ ކަމަށާއި ކަންކަން ކުރައްވާނީ އިސްލާމްދީނާއި ގާނޫނު އަސާސީއާ އެއްގޮތަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް ވަހީދުގެ ށ. ދަތުރުފުޅުގައި އެއަތޮޅު ކޮމަންޑޫއަށް ވަޑައިގެން ރައްޔިތުންނާ ރައީސް ވިދާޅުވީ ގާނޫނު އަސާސީގެ ދަށުން ރައްޔިތުން އެމަނިކުފާނަށް ދެއްވި ވޯޓުގެ ދަށުން އަދާ ކުރަން ޖެހޭ އެންމެހާ މަސްއޫލިއްޔަތު އަދާ ކުރައްވާނެ ކަމަށެވެ.
"ޤާނޫނުއަސާސީގެ ދަށުން އަދި ރައްޔިތުން އަޅުގަނޑަށްވެސް ދެއްވި ވޯޓުގެ ދަށުން އަޅުގަނޑު އަދާކުރަންޖެހޭ މަސްއޫލިއްޔަތު، ވަރަށް ސާބިތުކަމާއެކީގައި އަޅުގަނޑު އަދާކުރަމުން ގެންދާނެ ވާހަކަ، ތިޔަބޭފުޅުންނަށް ދަންނަވަން"، ރައީސް ވިދާޅުވި އެވެ.
ރައީސް ވަހީދު ވިދާޅުވީ ރާއްޖޭގެ ވެރިކަމަށް އައި ބަދަލަކީ ރަައްޔިތުން ކަންބޮޑުވާ ވަރަށް ގިނަ ކަންކަން ހުރުމުގެ ސަބަބުން ކުއްލި ގޮތަކަށް އައި ބަދަލެއް ކަމަށާއި އެކަންކަމާ ރައްޔިތުން ނުރުހުންފާޅުކުރީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޢަމަލު ކުރައްވަމުން ގެންދެވި ގޮތުން ކަމަށެވެ. ހާއްސަކޮށް އިސްލާމްދީނަށް ފުރައްސާރަ ކުރުންފަދަ ކަންތައްތަކެއް ކުރަމުން ގެންދިޔުމުގެ ސަބަބުން ރައްޔިތުންތިބީ ވަރަށް ބޮޑަށް ހިތް ނުތަނަވަސްވެފައި ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން، އިސްލާމްދީނުގެ އަސާސްތަކާ ޚިލާފަކަށް، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާ ޚިލާފަކަށް، ދިވެހިރާއްޖޭގެ ޤާނޫނުތަކާ ޚިލާފަކަށް އަޅުގަނޑު ހަމަ އެއްވެސް ކަމެއް ނުކުރާނަން"، ރައީސް ވިދާޅުވި އެވެ.