20 Jan 2022, 10:45
ޓްރީ ޓޮޕް ހޮސްޕިޓަލުން ކްރެނިއޮޓޮމީ އަދި އިންޓަކުރޭނިއަލް ޓިއުމަރު ނުވަތަ ސިކުނޑީގެ ޓިއުމަރު ނައްތާލުމުގެ އޮޕަރޭޝަނެއް ކާމިޔާބު ކަމާއެކު ނިންމައިލައިފިއެވެ.
ކްރޭނިއޯޓޮމީއަކީ ބޮލުގެ ނާށިގަނޑުން ބައެއް ނެގުމަށްފަހު ޓިއުމަރު ނައްތާލުމަށް ކުރެވޭ އޮޕަރޭޝަނެކެވެ.
އެ ހޮސްޕިޓަލުގެ ނާރުގެ އޮޕަރޭޝަން ޑިޕާޓްމަންޓުން ކުރި މި އޮޕަރޭޝަން ކޮށްފައިވަނީ ސިކުނޑީގެ ޓިއުމަރަށް ފަރުވާ ކުރަމުންދާ 66 އަހަރުގެ މީހަކަށެވެ.
މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ ނާރުގެ އޮޕަރޭޝަންތަކަށް ހާއްސަ ޑޮކްޓަރު، ޑރ. ހުއާން ލޮރީޑޯ، ހޭނައްތާ ޑޮކްޓަރު، ޑރ. އައިމިނަތު ފިއުނާ އާއި ހޭނައްތާ ޓެކްނިޝަން ވިސްވަޖިތް އުދޭކުމާރު، އަދި މެޑިކަލް އޮފިސަރު، ޑރ. ގާސިމް ނިމާލްއެވެ. އަމަލީ އެހީތެރިކަން ފޯރުކޮށްދީފައިވަނީ ޓެކްނިކަލް ސްޓާފުންނާއި ނަރުހުންގެ ޓީމެކެވެ.
މި އޮޕަރޭޝަން ކުރެއްވި ޑރ. ހުއާން ލޮރީޑޯއަކީ މި ދާއިރާގައި ގިނަގުނަ ތަޖުރިބާތަކެއް ލިބިފައިވާ، ނާރުގެ އޮޕަރޭޝަންތަކަށް ޙާއްސަ ޑޮކްޓަރެކެވެ. ޑރ. ހުއާން ފާހަގަ ކޮށްލެވެނީ ތަފާތު ނާރުގެ ބަލިތައް ދެނެގަނެ، ވީހާ ވެސް ކުޑަކޮށް ފަޅާލައިގެން ކާމިޔާބު ބޮޑެތި އޮޕަރޭޝަންތައް ކުރުމަށެވެ.
އޭނާ ވަނީ ސްޕެއިންގެ ހޮސްޕިޓާލެސް ސެން ރޯގުގެ ނާރުގެ އޮޕަރޭޝަން ޑިވިޒަންގެ އިސްވެރިޔާގެ މަގާމާއި، ކެނެރީ އައިލެންޑްސްގެ އައި.ސީ.އެން-އިންސްޓިޓިއުޓޯ ކެނޭރިއޯ ޑި ނިއުރޯސިރިއުޖިއާގެ ޑިރެކްޓަރުގެ މަގާމުފަދަ، އިސް މަގާމުތައް ފުރުއްވަވާއެވެ. އަދި ޒިއުރިކް ސްވިޓްޒަލޭންޑުގައި މައިކްރޯސާރޖަރީ، ލަންޑް ޔުނިވާރސިޓީގައި ނިއުރޯ-އިންޓެންސިވް ކެއަރ، ހަވާޑް ޔުނިވަރސިޓީ އަދި މެލްބޯންގައި ނިއުރޯ ސާޖަރީ، އަދި ޑެލަސްގައި ވެސްކިއުލޯ އިން ޑރ. ހުއާން އެތަކެއް ވިޒިޓިންގް ފެލޯޝިޕް ކްރެޑިޓް ހޯއްދަވާފައިވެއެވެ.
"މި އޮޕަރޭޝަން ގޮސްފައިވަނީ ވަރަށް ކާމިޔާބުކޮށްކަން، އަޅުގަނޑުމެން ވަރަށް އުފަލާއެކު ފާހަގަކޮށްލަން،" ޑރ. ހުއާން ވިދާޅުވެފައިވެއެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުގެ ނާރުގެބަލިތަކުގެ ހާއްސަ އަދި ނާރުގެ އޮޕަރޭޝަންތަކަށް ޙާއްސަ ޑިޕާޓްމަންޓް ހިންގަމުން ގެންދަވަނީ ވަރަށްވެސް ކުޅަދާނަ، ގާބިލު އަދި ނާރުގެ އޮޕަރޭޝަންތަކުގައި އެތަކެއް އަހަރުތަކެއްގެ ތަޖުރިބާ ލިބިފައިވާ ކޮންސަލްޓަންޓް ޑޮކްޓަރުންނެވެ. ޓްރީ ޓޮޕް ހޮސްޕިޓަލުގެ އަމާޒަކީ ބައިނަލްއަގުވާމީ ފެންވަރުގެ ސިއްހީ ހިދުމަތްތައް، ވާދަވެރި އަގުތަކެއްގައި ދިވެހިރާއްޖޭގައި ފޯރުކޮށްދިނުމުގައި ދެމިތިބުމެވެ.