20 Jan 2022, 10:23
ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިސްކިތެއް ބިނާކުރަން ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އިއްޔެ ސޮއިކުރި މި އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރައްވާފައިވަނީ، މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދެވެ.
މި މިސްކިތް ފަރުމާކޮށްފައިވަނީ އެޗްޑީސީންނެވެ. އަދި މި މިސްކިތް ބިނާކުރުމުގެ މަސައްކަތް ކުރާނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިންނެވެ.
މިއީ 30،655 އަކަފޫޓުގެ ބިމެއްގައި، މިސްކިތުގެ އެތެރޭގައި 1400 މީހުންގެ ޖާގައިގެ އަދި ކޯޓްޔާޑާ ލައިގެން 3000 މީހުންގެ ޖާގައަށްވާ ގޮތަށް ފަރުމާކުރެވިފައިވާ މިސްކިތެއް ކަމަށް އެޗްޑީސީން ބުނެއެވެ. މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ދިމާވާ މައްސަލަތަކަށް ބަލާ، މި މިސްކިތް
ފަރުމާކުރުމުގައި އިސްކަން ދެވިފައިވަނީ މިސްކިތުގެ ޖާގަ ބޮޑުކޮށް މީހުންނަށް ލުއިފަސޭހަވާނެ ގޮތްތަކަށް ވިސްނާފައި ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

އެގޮތުން، މިސްކިތުގެ ކޯޓްޔާޑް ފަރުމާކުރެވިފައިވަނީ ބޮޑު ޖަމާޢަތެއްގައި މީހުންނަށް އިށީނދެވޭ ކަހަލަގޮތަކަށް ކަމަށް އެޗްޑީީސީން ބުނެއެވެ. އަދި މީގެ އިތުރުން 139 ސައިކަލު
ޕާކް ކުރުމުގެ ޖާގަ ވެސް މި މިސްކިތް ބިނާކުރާއިރު ދެވޭނެއެވެ.
މި މިސްކިތް ހުންނާނީ ހިޔާ ފްލެޓް ސަރަހައްދުގައި ކަމަށާއި މި މިސްކިތް ބިނާކުރުމުން ވަރަށް ގިނަ ލުއިފަސޭހަތަކެއް އާންމު ރައްޔިތުންނަށް ލިބޭނެކަމަށް އެޗްޑީސީން ބުނެއެވެ.
އޭގެތެރޭގައި، ނަމާދުކޮށް ނިމުމުން މިސްކިތުން ފައިބަން ދިމާވާ ދަތިތަކަށް ހައްލެއް ލިބި އަދި ރަމަޟާން މަހުގައި،
މިސްކިތަށް އަރާފޭބުމުގައި ތޮއްޖެހުން ކުޑަވެ ނަމާދުކުރަން ފަސޭހަ ވާނެކަމަށް އެ ކުންފުނިން ބުނެއެވެ.
މި މިސްކިތަކީ ހުޅުމާލޭގެ ބިނާތަކުގެ ތެރެއިން ތަފާތު
ފަންނުވެރިކަން ފެނިގެންދާނެ މިސްކިތަކަށްވާނެ ކަމަށް ވެސް އެޗްޑީސީން ބުނެއެވެ.