އާސެނަލްގެ ކެޕްޓަން ރޮބިން ވެން ޕާސީ އޭސީ މިލާނާއި ގުޅުމަކީ ނާދިރު ކަމެއް ކަމަށް އެކުލަބުގެ ޗީފް އެގްޒެކެޓިވް އޮފިސާ (ސީއީއޯ) ބުނެފި އެވެ.

ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި އާސެނަލް އިން މިލާނަށް ގިނަ އުނދަގޫތަކަކެއް ކުރި މަތި ކުރުވި އެވެ. ފުރަތަމަ ލެގުގައި މިލާނުން އާސެނަލްގެ މައްޗަށް ފަސޭހަކަމާއެކު މޮޅުވިއިރު، ދެވަނަ ލެގުގައި މޮޅުވީ އާސެނަލް އެވެ. ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލަށް ދަތުރު ކުރެވުނީ އެއް ލަނޑުގެ ތަފާތަކުން ނެވެ.

"ވެންޕާސީ އަކީ ވަރަށް މޮޅު ކުޅުންތެރިއެއް. އޭނާ މިކުލަބަށް ގެނައުމަކީ އަހަރެންގެ ހުވަފެނެއް. ނަމަވެސް އެހުވަފެން ހަގީގަތަކަށް ވެދާނެ ކަމުގެ އެއްވެސް އުންމީދެއް ނެތް. ވެންޕާސީ އަކީ ނުރައްކާތެރި ފޯވާޑެއް ކަން މިހާރު ގިނަ ކުލަބުތަކަކަށް އެނގޭނެ. އެހެންވީމާ ގިނަ ކުލަބުތަކަކުން ވެންޕާސީ ހޯދުމަށް މަސައްކަތް ކުރާނެ." ގަލިއާނީ ބުންޏެވެ.

ހޮލެންޑުގެ ގައުމީ ޓީމަށް ވެސް ކުޅެމުންދާ ވެން ޕާސީ އަކީ އެގައުމުގެ ފެޔަނޫޑް ކުލަބުން 2004 ވަނަ އަހަރު 2.75 މިލިޔަން ޕައުންޑަށް އާސެނަލް އަށް ބަދަލުވި ކުޅުންތެރިއެކެވެ. މިވަގުތު ވެންޕާސީ އޮތީ ޕްރެމިއާ ލީގުގެ ލަނޑު ލިސްޓުގެ އެންމެ ކުރީގަ އެވެ.