އިސްލާމްއާބާދު (މާޗް 10) : ޕާކިސްތާނުގެ ބޮޑުވަޒީރު ޔޫސުފް ރަޒާ ގީލާނީ، އެޤައުމުގެ ޖާސޫސީ އިދާރާގެ ވެރިއަކަށް އައު ބޭފުޅަކު ޢައްޔަން ކުރައްވައިފިއެވެ.

ގީލާނީ މިމަޤާމަށް ޢައްޔަން ކުރެއްވީ ޕާކިސްތާން ސިފައިންގެ ސީނިއަރ ޖެނެރަލެއް ކަމަށްވާ ޒަހީރުލްއިސްލާމް އެވެ. ޖެނެރަލް ޒަހީރަކީ ޕާކިސްތާނުގެ އެންމެ ބޮޑު ސިޓީ ކަމަށްވާ ކަރާޗީ ޕްރޮވިންސްގައި މަރުކަޒުކޮށްފައިވާ ސިފައިންގެ ކޮމާންޑްގެ ވެރިއެއްގެ ގޮތުގައި ދިގުމުއްދަތަކަށް ޚިދްމަތް ކުރައްވާފައިވާ ޢަސްކަރީ ތަޖްރިބާކާރެކެވެ.

ޕާކިސްތާނުގެ ނުފޫޒުގަދަ ޖާސޫސީ އިދާރާގެ ވެރިއަކަށް 2008 ވަނައަހަރުން ފެށިގެން މިހާތަނަށް ހުންނެވީ ޖެނެރަލް އަޙްމަދު ޝޫޖާޢު ބާޝާއެވެ. ޖެނެރަލް ބާޝާގެ ދުވަސްވަރު ޕާކިސްތާނާއި އެމެރިކާގެ ޖާސޫސީ ގުޅުންތައް ގޯސްވެގެން ގޮސްފައިވާތީ އޭނާގެ ބަދަލުގައި މިމަޤާމަށް އައު ބޭފުޅަކު ޢައްޔަންކުރުމުގެ ބޭނުމަކީ ދެޤައުމުގެ ގުޅުންތައް ރަނގަނޅުކުރުމަށް މަގުފަހިކުރުން ކަމަށް މުރާސިލުން ބުނެއެވެ.

ޕާކިސްތާނާއި އެމެރިކާގެ ޖާސޫސީ އަދި ޢަސްކަރީ ގުޅުންތައް ގޯސްވެގެންދިޔައީ އަލްޤާޢިދާގެ ވެރިޔާ އުސާމާބިން ލާދިން އިސްލާމް އާބާދުގެ ކައިރީގައިވާ އަބޫތު އާބާދުގައި ފިއްލަވައިގެން އެތަށް އަހަރެއް ވަންދެން އުޅުއްވަނިކޮށް މިދިޔަ އަހަރުގެ މޭމަހުގެ 2 ވަނަ ދުވަހު އަވަހާރަކޮށްލިކަން އެމެރިކާ ސިފައިން އިޢްލާން ކުރުމާގުޅިގެންނެވެ.

މީގެއިތުރުން އެމެރިކާގެ ޙަމަލާތަކެއްގައި މިދިޔަ އަހަރުގެ ފަހުކޮޅު ޕާކިސްތާން ސިފައިންގެ 24 މީހަކު މަރުވުމާއި ބިންލާދިން އަވަރާކޮށްލުމަށް ކަމަށްބުނެ ޕާކިސްތާނުގެ ހުއްދައަކާނުލާ އެމެރިކާ ސިފައިން ޕާކިސްތާނަށްވަދެ ޢަސްކަރީ އޮޕަރޭޝަނެއް ހިންގާފައިވުމަކީވެސް ދެޤައުމުގެ ގުޅުންތައް ގޯސްވެގެންދިޔަ ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

ބިންލާދިން ރައްކާތެރިކަމާއެކު ޕާކިސްތާނުގައި ފަސްވަރަކަށް އަހަރު ދިރިއުޅުއްވާފައިވަނީ އެޤައުމުގެ ޖާސޫސީ އިދާރާއަށް އެނގިގެން އެއިދާރާގެ އެހީތެރިކަމާއެކުގައި ކަމަށް އެމެރިކާ ދެކެއެވެ. -- ރޮއިޓާސް