10 Mar 2012, 14:38
ސިޔާސީ ޕާޓީތަކުގެ އެއްވުމުގައި ކުޑަކުދިން ބައިވެރިކުރުމަކީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުވާދު ތައުފީގް ސަން އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި މިއަދު ވިދާޅުވީ ސިޔާސީ ޕާޓީތަކުން އިންތިޒާމުކުރާ އެކިއެކި އެއްވުންތަކުގައި 18 އަހަރުން ދަށުގެ ކުޑަކުދިން ބައިވެރިކޮށްގެން ސިޔާސީ އެއްވުންތައް ބާއްވަމުންދާ ކަމުގެ މައުލޫމާތު ކޮމިޝަނަށް ލިބެމުން އަންނަ ކަމަށާއި އެފަދަ އެއްވުންތަކުގައި ކުޑަކުދިން ބައިވެރިކުރުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށާއި އެކަމާ ވަރަށް ބޮޑަށް ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ސިޔާސީ ހަރަކާތްތަކުގައި ކުޑަކުދިން ބައިވެރިކުރުމަކީ އަޅުގަނޑުމެން ވަރަށް ކަން ބޮޑުވާކަމެއް. އަނެއްކާ އެފަދަ އެއްވުންތައް އިންތިޒާމް ކުރާފަރާތްތަކުން ކުޑަކުދިން ބައިވެރިވާ ނަމަ އެކަން ހުއްޓުވަން ވެސް ވާނެ. ކުޑަކުދިން ބައިވެރިވާން އަޔަސް ޕާޓީތަކުން އެކުދިން ބައިވެރިކޮށްގެން ނުވާނެ. އެ ވަރިހަމަ ހިނގާލުމެއް ކަމަށް ވިޔަސް. އަދި ތަނަކަށް އަރާ ވާހަކަ ދެއްކުން ކަމަށް ވިޔަސް. އެއްވެސް ކަމެއްގައި ކުޑަކުދިން ބައިވެރިކޮށްގެން ނުވާނެ،" ފުވާދު ވިދާޅުވި އެވެ.
ފުވާދު ވިދާޅުވީ ސިޔާސީ ފަރާތްތަކުން ހިންގާ އެކިއެކި ހަރަކާތްތަކުގައި ކުޑަކުދިން ބައިވެރިކުރުމުގެ ޝަކުވާ ލިބުމުން، ކުޑަކުދިން ސިޔާސީ އެއްވުންތަކުގައި ބައިވެރި ނުކުރުމަށް، ކުޑަކުދިން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިކުރުވާ ޕާޓީތަކަށް އެންގެވުމުގެ އިތުރުން އެފަދަ ކަންކަން ނުކުރުމަށް އެ ކޮމިޝަނުން ނަސޭހަތްތެރިވުމުގެ ގޮތުން ނޫސްބަޔާންތައް ވެސް ނެރެފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުގެ ގާނޫނުގައިވާ ގޮތުން އެފަދަ ކަންކަން ބެލުމުގައި އެކޮމިޝަނަށް އޮންނަނީ ވަރަށް ކުޑަ ބާރެއް ކަމަށާއި އެބާރު ލިބިފައިވާ ގޮތުގެ މަތިން ކޮމިޝަނުން ބަލަން ޖެހޭ ކަންކަން ބަލައި މިހާތަނަށް ވެސް އެކި ބަޔާންތައް ނެރެ އެފަދަ ފަރާތްތަތަކަށް އަންގަން ޖެހޭ އެންގުންތައް އަންގާފައިވާނެ ކަމަށެވެ.
ފުވާދު ވިދާޅުވީ ކުޑަކުދިން އެކި އެކި ސިޔާސީ އެއްވުންތަކުގައި ބައިވެރިކުރާ ކަމުގެ މައުލޫމާތުތައް ފޯނުކޮށްފައި އެކޮމިޝަނަށް ހުށައެޅި ނަމަވެސް ލިޔުމުން އެހާ ތަފްސީލްކޮށް އެކަމާ ގުޅޭ މައުލުމާތު ފޮނުވާފައި ނުވާކަމަށެވެ.
"އަޅުގަނޑުމެން ކޮންމެ ފަރާތަކުން ވެސް މިއެދެނީ އެފަދަ ހަރަކާތްތަކުގައި ކުޑަކުދިން ބައިވެރިކުރާ ނަމަ އެކަން އެނގޭ ބޭފުޅުން ލިޔުމުން ވީހާ ވެސް ތަފްސީލްކޮށް އެމައުލޫމާތުތައް ފޮނުއްވައިދިނުމަށް،" ފުވާދު ވިދާޅުވި އެވެ.
އެމްޑީޕީ އިން އިއްޔެ އއ. އުކުޅަހުގައި ކުރި މުޒާހަރާއެއްގައި ގިނަ އަދެއްގެ ކުޑަކުދިން ބައިވެރިކުރި މަންޒަރުދައްކުވައިދޭ ފޮޓޯތަކެއް ސަންއަށް ވަނީ ލިބިފަ އެވެ. އުކުޅަހުން ވާހަކަ ދެއްކި މީހަކު ބުނީ އެމްޑީޕީން އެރަށުގައި ކުރި މުޒާހަރާގައި ގިނަ އަދެއްގެ ކުޑަކުދިން ބައިވެރި ކުރިކަމަށެވެ.
މިދިޔަ ފެބުރުއަރީ މަހުގެ ހަތް ވަނަ ދުވަހު، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ފަހުން އެމްޑީޕީން ކުރަމުން އަންނަ މުޒާހަގެ މައިދާން ކަމަށްވާ ރާޅުގަނޑު ސަރަހައްދުގައި ބޭއްވި ކުޑަކުދިންގެ ހަވީރުގައި، ކުދިން ބޭނުންކޮށްގެން ސިޔާސީ ނާޖާއިޒު ފައިދާއެއް ހޯދަން މަސައްކަތްކޮށްފައިވާ ކަމަށް ބުނެ ޗައިލްޑް އެބިއުސިން ޕްރިވެންޝަން ސޮސައިޓީ (ކެޕްސް) އިން އެކަން ވަނީ ކުށްވެރިކޮށްފަ އެވެ.
އެކަމާ ގުޅޭ މައުލޫމާތު ހޯދާލުމަށް އެމްޑީޕީގެ ސްޕޯކުސް ޕާސަން އިންތިޔާޒް ފަހުމިއާ ގުޅާލުމުން އެބޭފުޅާ ފޯނު ނުގަންވާތީ އެކަމާ ގުޅޭ މައުލުމަތު ވަނީ ލިބޭ ގޮތް ނުވެފަ އެވެ.