ވޮޝިންޓަން (19 ޖަނަވަރީ 2022) : ޔުކްރޭންގެ ސަރަހައްދީ ރޮނގު ކައިރިއަށް ރަޝިއާގެ އެތައް ހާސް ސިފައިން ބަރުހަތިޔާރާއެކު ޖަމާކޮށްފައިވާތީ ކޮންމެ ވަގުތަކުވެސް ރަޝިއާއިން ޔުކްރޭނަށް އަރައިގެންފާނެ ކަމަށް ބުނެ އެމެރިކާ ހަރުކަށި އިންޒާރެއް ދީފިއެވެ.

ރަޝިއާގެ ނުރައްކާ ޔުކްރޭންއަށާއި ޔޫރަޕަށް ބޮޑުކަމަށް ވިދާޅުވެ ރަޝިއާއަކީ ބިރެއްގެ ގޮތުގައި ސިފަކުރައްވަމުން ވައިޓް ހައުސްގެ ތަރުޖަމާނު ޖެން ސެކީ ވިދާޅުވީ ކޮންމެ ވަގުތަކުވެސް ރަޝިއާ ޔުކްރޭނަށް އަރައިގެންފާނެ ކަމަށް އެމެރިކާ ދެކޭކަމަށާ ޔުކްރޭންގެ ސަރަހައްދީ ރޮނގު އޮތީ އިންތިހާއަށް ނުރައްކާތެރި ހާލަތެއްގައި ކަމަށެވެ.

ރަޝިޔާ ބުނަމުން ދަނީ ޔުކްރޭނަށް އަރައިގަތުމުގެ އެއްވެސް ވިސްނުމެއް ނެތްކަމަށާ ޔުކްރޭނާއި ރަޝިޔާ ގުޅޭ ސަރަހައްދީ ރޮނގުގެ ކައިރިއަށް ސިފައިން ބަރުހަތިޔާރާއެކު ޖަމާކޮށްފައިވަނީ ނޭޓޯގެ މެންބަރަކަށް ޔުކްރޭން ހަދަންއުޅޭތީ ރަޝިއާގެ އަމިއްލަ ނަފްސުގެ ދިފާއުގައި ކަމުގައެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެންކޮންމެ ވަގުތަކުވެސް ރަޝިއާ، ޔުކްރޭނަށް އަރައިގެންފާނެ ކަމަށް ބުނެ އެމެރިކާގެ މަސްއޫލުވެރިން އިންޒާރުތައް ދެއްވަމުން ގެންދަވަނީ އަސްކަރީ ބޭނުމުގެ ނަމުގައި ކޮންގްރެސްއިން ފައިސާ ހޯދުމުގެ ސިޔާސީ ރޭވުމުގެ ދަށުންކަމަށް ރަޝިއާގެ މަސްއޫލުވެރިއަކުވަނީ ތުހުމަތު ކުރައްވާފައެވެ.

މިގޮތަށް ހޯދާ ފައިސާގެ ފައިދާކުރާނީ އެމެރިކާގެ ސިޔާސީ ފަރާތްތަކާ ގުޅިފައިވާ އެެމެރިކާގެ ކުންފުނިތަކަށް ކަމަށާ މިއީ އެ މަގްސަދުގައި އެމެރިކާގެ ސިޔާސީ ބޭފުޅުން ކުޅުއްވާ ކުޅިއެއްކަމަށް ރަޝިއާގެ މަސްއޫލުވެރިއާވަނީ ތުހުމަތު ކުރައްވައެވެ.

ޔުކްރޭންއާއި ރަޝިއާގެ ސަރަހައްދީ ރޮނގުގެ ރަޝިއާ ފަޅީގައި ރަޝިއާގެ ލައްކައަކަށް ވުރެ ގިނަ ސިފައިން ބަރުހަތިޔާރާއެކު އެބަތިއްބެވެ. އެ މީހުން ތިބެނީ ޔުކްރޭން ނޭޓޯގެ މެންބަރަކަށް ހަދަން މަސައްކަތްކުރާތީ އަމިއްލަ ނަފްސުގެ ދިފާއުގައި ކަމަށާ ޔުކްރޭނަށް ނޭޓޯގެ މެންބަރުކަން ނުދޭނެކަމުގެ ގެރެންޓީ ދީފިނަމަ ސަރަހައްދީ ރޮނގުން ސިފައިން ބާލާނެކަމަށް ރަޝިއާ ބުނެއެވެ.

ރަޝިއާގެ ރައީސް ވްލަޑިމީރު ޕޫޓިން

މިމައްސަލަ ހައްލުކުރުމަށް ރަޝިއާއި އެމެރިކާގެ ރައީސުން ވާޗުއަލްކޮށް ދާދިފަހުން ބޭއްވި ސަމިޓް ބައްދަލުވުންވަނީ ކޮޅެއްގައި ނުޖެހި ނާކާމިޔާބުވެފައެވެ. މި ސަމިޓް ނާކާމިޔާބުވީ ޔުކްރޭނަށް ނޭޓޯގެ މެންބަރުކަން ނުދޭނެކަމުގެ ގެރެންޓީ ދިނުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ދެކޮޅު ހެއްދެވުމުންނެވެ.

އަނެއްކޮޅުން އެމެރިކާއަށް ތާއީދުކުރާ ޔުކްރޭންގެ ސަރުކާރުންވެސްވަނީ ނޭޓޯގެ މެންބަރަކަށް ވުމަކީ އެގައުމުގެ ހައްގެއްކަމަށާ ރަޝިއާ ކަންބޮޑުވާތީ އެހައްގުން ޔުކްރޭން މަހްރޫމް ނުކުރެވޭނެ ކަމަށް ބުނެފައެވެ. ރަޝިއާ ބުނާގޮތުން ޔުކްރޭނަށް ނޭޓޯގެ މެންބަރުކަން ދިނުމަކީ ރަޝިއާގެ ސަރަހައްދީ ރޮނގަށް ނޭޓޯގެ ބާރުތައް ޖަމާކުރާނެ ކަމެކެވެ.

އެކަމާދެކޮޅަށް އަމިއްލަ ނަފްސުގެ ދިފާއުގައި ރަޝިއާއާއި ޔުކްރޭން ގުޅޭ ސަރަހައްދީ ރޮނގުގެ ރަޝިއާ ފަޅީގައި ސިފައިންނާއި ބަރުހަތިޔާރު ރުކުރުވާލުމަކީ ރަޝިއާގެވެސް ހައްގެއްކަމަށް ރަޝިއާ ދެކެއެވެ. ޔުކްރޭނާއި އެމެރިކާ އާއި ޔޫރަޕް ކަންބޮޑުވާތީ މިހައްގު ދޫކޮށް ނުލެވޭނެކަމަށް ވެސް ރަޝިއާ ބުނެއެވެ.

ޔުކްރޭންގެ ސަރަހައްދީ ރޮނގުގެ ކައިރިއަށް ޖަމާކޮށްފައިވާ ރަޝިއާ ސިފައިން

އެމެރިކާގެ ދިފާއީ ވުޒާރާ (ޕެންޓަގަން) ސޯސްތަކާ ހަވާލާދީ އެމެރިކާގެ ބައެއް ނޫސްތައް ބުނާގޮތުން ޕެންޓަގަން އިން ގެންދަނީ ރަޝިއާ، ކޮންމެ ވަގުތެއްގައިވެސް ޔުކްރޭނަށް އަރައިގެންފާނެކަމަށް ބަލައިގެން ޔުކްރޭނަށް އަސްކަރީގޮތުން އެހީވެވިދާނެ ގޮތްތަކާމެދު މަޝްވަރާ ކުރަމުންނެވެ. މިގޮތުން ރަޝިޔާގެ ބިޔަ ލަޝްކަރުތަކާ ކުރިމަތިލުމަށް ބޭނުންވާ ޒަމާނީ ހަތިޔާރުގެ ގާބިލްކަން ޔުކްރޭން ސިފައިންނަށް ހޯދައިދިނުމަށް ބޭނުންވާ ފައިސާ ކޮންގްރެސްއިން ހޯދުމަށް ރައީސް ޖޯބައިޑެންގެ ސަރުކާރުން ގެންދަނީ މަސައްކަތް ކުރަމުންނެވެ.

މިގޮތަށް ލިބޭ ފައިސާއިން ހަތިޔާރު ގަންނާނީ އެމެރިކާގެ ހަތިޔާރު އުފައްދާ ކުންފުނިތަކުންނެވެ. ހަތިޔާރު ގަނެ ޔުކްރޭނަށް ފޯރުކޮށްދެވޭނީ ރަޝިއާ ގެ ނުރައްކާ ޔުކްރޭނަށް އޮތްމިންވަރު ކޮންގްރެސް އަށް ވިސްނައިދީގެންނެވެ. މިކަން ކޮންގްރެސް އަށް ވިސްނައި ދިނުމަށް ބޭނުންވާ ޖާސޫސީ އެތަށް ރިޕޯޓެއް އެމެރިކާގެ ޖާސޫސީ އިދާރާތަކުން ތައްޔާރުކޮށް ކޮންގްރެސް އަށް ވަނީ ހުށަހަޅާފައެވެ.

ކޮންގްރެސް އިން ހުއްދަ ލިބޭ ފައިސާއިން ޔުކްރޭނަށް ހަތިޔާރު ފޯރުކޮށްދިނުމުގެ ވިޔަފާރި ހިންގާނީ އެމެރިކާ ސަރުކާރުގެ ބެލުމުގެ ދަށުން އެމެރިކާގެ ހަތިޔާރު ކުންފުނިތައް މެދުވެރިކޮށެވެ. މި ކުންފުނިތަކަކީ އެމެރިކާގެ ސިޔާސީ ފަރާތްތަކުގެ ކޭންޕޭންތަކަށް ޚަރަދުކުރާ ކުންފުނިތަކެވެ. މިކަން މިހެން އޮތުމުން ރަޝިއާ ސިފައިން ޔުކްރޭނަށް އަރައިގެންފާނެ ކަމުގެ ބިރުދައްކަވައި އެމެރިކާގެ މަސްއޫލުވެރިން ދެއްވާ އިންޒާރުތަކުގެ ހަގީގީ މަގްސަދާމެދުވަނީ ސުވާލު އުފެދިފައެވެ.

ޔުކްރޭނަށް ފޯރުކޮށްދިނުމަށް ޕެންޓަގަން އިން ބޭނުންވާ ހަތިޔާރުތަކުގެ ތެރޭގައި މޯޓަރު ބަޑިޔާ، އެންޓި ޓޭންކް މިސައިލާ، ބަޑިބޭހާ، އެންޓި އެއާކްރާފްޓް މިސައިލް ސިސްޓަމްތައް ހިމެނޭކަމަށް ވެއެވެ. ޔުކްރޭނަށް ނޭޓޯގެ މެންބަރުކަން ދީ ރަޝިއާގެ ސަރަހައްދީ ރޮނގުގެ ކައިރިއަށް ނޭޓޯގެ ބާރުތައް ޖަމާކޮށްފިނަމައެމެރިކާއާ ގާތުގައި އޮންނަ ކިޔުބާއާއި ވެނެޒުއެލާގައި ރަޝިއާއިން ނިއުކްލިޔާ މިސައިލް ބެހެއްޓުމަކީ އެކަށީގެންވާ ކަމެއްކަމަށް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް ރަޝިއާއިން އަދި މިފަދަ އިޝާރާތެއް ދީފައެއް ނުވެއެވެ.