19 Jan 2022, 11:13
މީގެ ތިން މަސް ކުރިން އދ. ދަނގެތީގައި މަރައިލައިފައި އޮއްވާ ފެނުނު މަހުމޫދު އަބޫބަކުރު މަރާލިކަމަށް ފުލުހުންގެ ތަހުގީގުގައި ވީ އިއުތިރާފް، އެކަމުގެ ތުހުމަތުކުރެވޭ ޝާ އަލޮމް މިއާ (ސާލިމް) ކޯޓުގައި ވެސް ދަމަހައްޓައިފިއެވެ.
މަހުމޫދުގެ މަރުގެ މައްސަލައިގެ އިބްތިދާއީ އަޑުއެހުން މިއަދު ވަނީ ބާއްވައިފައެވެ. ސާލިމްގެ މައްޗަށް ދެ ދައުވާއެއް ވަނީ އުފުލައިފައެވެ. އެއީ ގަސްތުގައި މީހަކު މެރުމުގެ ދައުވާއާއި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ދައުވާއެވެ.
މި މައްސަލައިގައި ސާލިމް ވަނީ އިއުތިރާފުގެ އެއްބަސްވުމެއް ހަދައި އަދަބު ކުޑަކޮށްދޭން އެދިފައެވެ. ނަމަވެސް ދައުލަތުގެ ވަކީލުން ވިދާޅުވީ ހުރިހާ ވާރިސުން ވެސް ބޭނުންވަނީ މަރަށްމަރު ހިފަންކަމަށެވެ. އެހެންކަމުން ދައުލަތުން ނިންމައިފައިވަނީ އިއުތިރާފްގެ އެއްބަސްވުމެއް ނުހެދުމަށެވެ.
މި މައްސަލައިގައި ދައުލަތުން ވަނީ ސާލިމަށް ދިފާއީ ވަކީލެއް ހަމަޖައްސައިދީފައެވެ. އަދި ތަރުޖަމާނަކު މެދުވެރިކޮށް ސާލިމްއާ މި ޝަރީއަތުގައި ވަނީ ސުވާލުކޮށްފައެވެެ.
ސާލިމް ބުނީ އޭނާ ބޭނުންވަނީ ދައުލަތުން ހަމަޖައްސައިދިން ވަކީލާއެކު ކުރިއަށް ދާން ކަމަށާއި އޭނާގެ އަތުގައި ވަކީލަކު ހަމަޖައްސާނެ ފައިސާއެއް ނެތް ކަމަށެވެ. އަދި އޭނާ ތަހުގީގުގައި އިއުތިރާފްވި ގޮތަށް ޝަރީއަތުގެ މަޖިލީހުގައި ވެސް ވަނީ އިއުތިރާފްވެފައެވެ. އަދި އޭނާ އެ ކުށަށް އިއުތިރާފްވީ މަޖުބޫރުކަމެއް ނެތި އަމިއްލަ އިހްތިޔާރުގައި ކަމަށް ވެސް ސާލިމް ބުންޏެވެ.
ސާލިމްގެ ދިފާއީ ވަކީލު މަޖީދު އަލީ ވިދާޅުވީ ސާލިމް އެކަން ކޮށްފައިވަނީ "ޝައިތޯނާ ބޮލަށް ވަދެގެން" ކަމަށް އޭނާ ބުނާއިރު އޭނާއަށް ހައްގު ލިބިދޭން ޖެހޭކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
ދައުލަތުން ސާލިމްގެ މައްޗަށް އުފުލާ ސަބަބުތައް އޭނާއަށްް ސާފުކޮށްދެއްވިއެވެ. އެގޮތުން ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ ސާބިތުވެއްޖެނަމަ އަންނާނީ މަރަށް މަރު ހިފުމުގެ ހުކުމެއް ކަމަށާއި މައްޔިތާގެ ބޭނުން ނަހަމަގޮތުގައި ހިފުމުގެ ދައުވާ ސާބިތުވެއްޖެނަމަ އަދަބެއްގެ ގޮތުގައި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އަންނާނެކަން ފާހަގަކުރެއްވިއެވެ. އަދި ދައުވާތަކަށް އިއުތިރާފްވެއްޖެނަމަ އަންނާނެ ލުއިތައް ވެސްް ވަނީ ކިޔައިދެއްވައިފައެވެ.
ސާލިމަށް ކުރެވުނު ދައުވާގައި ބުނެފައި ވަނީ އޭނާ މަހްމޫދު މަރާލީ ވަޅިންނާއި ކޮޅު ތޫނުކޮށްފައިވާ ދެ ދަގަނޑުބުރިން މަހްމޫދުގެ މެޔާއި ކަރަށް ހަމަލާދީގެން ކަމަށެވެ. އަދި މަހްމޫދުގެ ހަށިގަނޑުގެ ބޮލާއި ފަޔަށް ގޯންޏެއް ލައްވައިގެން ގެންގޮސް ފެންވަޅަކަށް ބޯކޮޅުވަތަށް ވައްޓާލި ކަމަށެވެ.
ސާލިމް މިކަންކަމަށް އިއުތިރާފްވި ނަމަވެސް ދައުލަތުން އެދުނީ މަރުގެ މައްސަލައަކަށް ވާތީ ހެކި ހުށަހަޅައިގެން ކުރިއަށް ދާށެވެ.
ދައުލަތުގެ މި ހުށަހެޅުމަށް ދިފާއީ ވަކީލް ވިދާޅުވީ ކުށަށް އިއުތިރާފްވުމުން އަމަލުކުރާނެ ގޮތް ޖިނާއީ އިޖުރާއާތުގެ ގާނޫނުގައި އެބަ އޮތް ކަމަށެެވެ. އެހެންކަމުން ދެން ބާއްވަން ޖެހޭނީ އަވަސް ނިޔާގެ ޝަރީއަތެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ދިފާއި ވަކީލު ވިދާޅުވިއެވެ.
ސާލިމް އިއުތިރާފުން ރުޖޫއަވާ ހާލަތުގައި ދެން އަމަލުކުރެވޭނެ ގޮތް ވެސް އެބަ އޮތް ކަމަށާއި އެހެންވެ އިއުތިރާފުވުމުން ވެސް ހެކި ހުށަހަޅައިގެން ކުރިއަށް ގެންދިއުން އެއީ ގާނޫނުގައި ނެތް ކަމެއްގެ ތެރެއަށް ވަނުން ކަމަށެވެ.
މައްސަލަ ބައްލަވާ ގާޒީ އަހްމަދު ޝަކީލް ވެސް ވިދާޅުވީ ދެން މި މައްސަލަ ކުރިއަށް ގެންދަންޖެހޭނީ އަވަސް ނިޔާގެ މައްސަލައެއް ގޮތުގައި ކަމަށެވެ.
މި މައްސަލައިގެ އަޑުއެހުމެއް މި މަހުގެ 26 ވަނަ ދުވަހުގެ ހެނދުނު 9:30ގައި އޮންނާނެ ކަމަށް ގާޒީ ވިދާޅުވިއެވެ.