19 Jan 2022, 09:43
އުމުރުން 25 އަހަރުގެ ދިވެހި އަންހެނަކު ކޮވިޑް ޖެހިގެން ރޭ މަރުވެއްޖެއެވެ.
ކިޑްނީ ފެއިލްވެ، ފަރުވާ ހޯދަމުން ދަނިކޮށް ކޮވިޑްގައި ރޭ މަރުވީ ގއ. މާމެންދޫ، ފުރުކުމާގެ، އާއިޝަތު އިފާޒާއެވެ. ކަށުނަމާދު އޮތީ ރޭ ފަތިސް ނަމާދަށް ފަހުގައެވެ.
އިފާޒާގެ މަރާ ގުޅޭގޮތުން އެޗްޕީއޭއިން ވަކި އެއްޗެއް ނުބުނެއެވެ. ނަމަވެސް އެ ރަށު ކައުންސިލުން ބުނީ އޭނާ މަރުވީ ކޮވިޑްގައި ކަމަށް އާއިލާއަށް އަންގާފައިވާ ކަމަށެވެ.
އިފާޒާ މަރުވިއިރު އޭނާއަށް ކިޑްނީ ހަދިޔާ ކުރާނެ މީހަކު ލިބިގެން އެ އޮޕަރޭޝަނަށް ދިއުމަށް ދިޔައީ ތައްޔާރުވަމުންނެވެ.
އިފާޒާގެ ބޮޑުދައިތަ ވެސް ކިޑްނީ ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށް މިދިޔަ އަހަރު ކޮވިޑްގައި ވަނީ މަރުވެފައެވެ.
އިފާޒާގެ މަރާއެކު ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 266 އަށް އަރައިފައެވެ.
މާލެ ސަރަހައްދުގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. އެގޮތުން އިއްޔެ އެކަނިވެސް ރާއްޖެއިން 1،594 މީހުން ކޮވިޑަށް ޕޮޒިޓިވްވި އިރު އޭގެ ތެރޭގައި މާލެއިން 857 މީހަކު ހިމެނެއެވެ.