ޣައްޒާ ސިޓީ (މާޗް 10) : އިސްރާއީލުން ޣައްޒާއަށް އެއްގަމާއި ވައިން ޙަމަލާތައްދީ ފަލަސްތީނުގެ 12 މީހަކު ޝަހީދުކޮށްލައިފިއެވެ.

ޣައްޒާގެ އަމްނާބެހޭ ދާއިރާތަކުން ބުނިގޮތުގައި އިސްރާއީލުން މިޙަމަލާތައް ދީފައިވަނީ ޢަސްކަރީ މަތިންދާބޯޓުތަކުންނާއި ޓޭންކާއި މޯޓަރު ބަޑިފަދަ ބަރުހަތިޔާރުންނެވެ. އިސްރާއީލުގެ ޙަމަލާތައް އަމާޒުކުރި ތަންތަނުގެތެރޭގައި ޣައްޒާސިޓީގެ ބައިބޯ ސަރަޙައްދެއްވެސް ހިމެނެއެވެ. އަދި ޣައްޒާގެ ތިއްލްއަލްހަވާ ސަރަޙައްދުން މަގެއްގެމަތިން ދުއްވާފައިދިޔަ ކާރަކަށްވެސް އިސްރާއީލުގެ ޙަމަލާތައް އަމާޒުކޮށްފައިވެއެވެ.

އިސްރާއީލުގެ ޙަމަލާތަކުގައި ޝަހީދުވި މީހުންގެ ތެރޭގައި އިސްރާއީލުގެ އިސްތިޢްމާރާ ދެކޮޅަށް ޖިހާދުގެ ޙަރަކާތްތައް ހިންގާ ޕީޕަލްސް ރެސިސްޓެންސް ކޮމިޓީތަކުގެ ސެކްރެޓަރީ ޖެނެރަލް ޒުހައިރުލްޤައިސީ ހިމެނެއެވެ. މިޢުދުވާނުގެ ރައްދުގައި އިސްރާއީލަށް ފިދާއީ ޙަމަލާތައް ދޭނެކަމުގެ އިންޒާރު ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ ޖަމާއަތްތަކުން ދިނުމާއެކު އޭގެތެރެއިން ބައެއްޖަމާޢަތްތަކުންވަނީ އިސްރާއީލުގެ ބައެއް ސަރަޙައްދުތަކަށް ރޮކެޓް ޙަމަލާތައް ދީފައެވެ.

ފަލަސްތީނު މުޖާހިދުންގެ ރޮކެޓް ޙަމަލާތަކުގައި އިސްރާއީލުގެ 8 މީހަކު ޒަޚަމްވެފައިވާއިރު މީގެތެރެއިން އެކެއްގެ ޙާލަތު ވަރަށް ސީރިޔަސްކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ.

އިސްރާއީލުން ޣައްޒާއަށް އިއްޔެ ޙަމަލާދީ ފަލަސްތީނުގެ 12 މީހަކު ޝަހީދުކޮށްލާފައިވަނީ ޣައްޒާއަށް ހަމަލާނުދީ ފަސްމަސްވަންދެން އިސްރާއީލު އޮތުމަށްފަހުގައެވެ. މިމުއްދަތުގެ ތެރޭގައި ފަލަސްތީނުގެ މުޖާހިދުންވެސް އިސްރާއީލަށް ފިދާއީ ޙަމަލާތައް ދީފައެއްނުވެއެވެ.

ގައްޒާގައި ވެރިކަންކުރާ ޙަމާސްޖަމާއަތުގެ ސަރުކާރުންވަނީ އިސްރާއީލުގެ މިޢުދުވާނަކީ އިސްރާއީލުން ހިންގަމުން ގެންދާ ސްޓޭޓް ޓެރަރިޒަމްގެ ޢަމަލެއް ކަމަށް ސިފަކޮށްފައެވެ. -- އަލްޖަޒީރާ