19 Jan 2022, 09:38
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާ އެކު އިތުރު ދިވެހި ފަސް ކަނބަލަކަށް ވިމެން އިން މެނޭޖްމަންޓް (ވިމް)ގެ ޓޮޕް 50 އެވޯޑު ލިބިވަޑައިގެންފިއެވެ.
ސްރީލަންކާގެ ޝަންގްރިލާ ހޮޓަލުގައި ރޭ ކުރިއަށްގެންދިޔަ ޓޮޕް 50 އެވޯޑު ހަފުލާގައި ރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޝުޖޫންއަށް ލިބިވަޑައިގަތީ ޕްރޮފެޝަނަލް ރޯލް މޮޑެލް އޮފް ދަ އިޔާގެ އެވޯޑެވެ.
ޝުޖޫން އާ އެކު ދެން އެވޯޑް ލިބިވަޑައިގަތް ކަނބަލުންނަކީ:
އާބިދާ އިސްމާއިލް އަލީ - އެންޓަޕްރިނިއާ އޮފް ދަ އިޔާ
- އައިޝަތު ޖެނިފާ - ކެރިއާ އެޗީވާ އޮފް ދަ އިޔާ
- ޑރ. ފާތިމަތު ނަޒްލާ ރަފީގު - ވިމެން ވިތު ކޯސް
- އައިޝަތު ހުދާ އަހުމަދު - ކްލައިމެޓް އެކްޝަން އެވޯޑް
- މައިމޫނާ އަބޫބަކުރު - އިންސްޕިރޭޝަނަލް ވިމެން އޮފް ދަ އިޔާ
އެ ކަނބަލުންގެ ތެރެއިން ޖެނިފާ އަކީ އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރެވެ. މައިމޫނާ އަބޫބަކުރަކީ ޑިރެކްޓާ އޮފް ޕަބްލިކް ހެލްތެވެ.
މިއީ ރާއްޖެއަށް ހާއްސަ ކެޓަގަރީއެއް ހިމަނައިގެން މި ހަފްލާ ކުރިއަށް ގެންދިޔަ ހަތަރު ވަނަ އަހަރުކަމަށް ވިމެން އިން މެނޭޖުމަންޓް، ރާއްޖޭގެ ޗެޕްޓާގެ ރައީސާ، މިންހާ ފާއިޒް "ސަން"އަށް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އުމަރު އަބްދުއްރައްޒާގާއި އެހެން ބައެއް ގައުމުތަކުގެ ސަފީރުން ބައިވެރިވެވަޑައިގެންނެވި ކަމަށް ވެސް މިންހާ ވިދާޅުވިއެވެ.
މިންހާ ވިދާޅުވީ މިފަދަ ބައިނަލްއަގުވާމީ ޕްލެޓްފޯމެއްގައި ރާއްޖެ ތަމްސީލުކުރުމަށް ދިވެހި ކަނބަލުންނަށް މި ލިބެނީ ރަނުގެ ފުރުސަތެއް ކަމަށެވެ. މި އަހަރު އެވޯޑު ލިބިފައިވާ ހުރިހާ ކަނބަލުންނަކީ ވެސް އެ ކަނބަލުން ގައުމަށް ކޮށްދެއްވި އަގުހުރި މަސައްކަތުގެ ސަބަބުން މުޅި ގައުމު ފަޚްރުވެރިވާނެ ބައެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ދެހާސް އެގާރަ ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ސިލްސިލާ ގޮތެއްގައި ދެމުންއަންނަ ވިމްގެ މި އެވޯޑަކީ މަސައްކަތުގެ މާހައުލުގައި އަދި ގައުމީ ފެންވަރުގައި ކުރާ އަގުހުރި މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ވިމްގެ ފަރާތުން ދޭ އެވޯޑެކެވެ.
އިންޓަނޭޝަނަލް ފައިނޭންސް ކޯޕް އާއި އޮސްޓްރޭލިއާގެ ސަރުކާރާ ގުޅިގެން ކުރިއަށްގެންދިޔަ މި އަހަރުގެ ވިމް އެވޯޑް ހަފްލާއަކީ ޕްރޮފެޝަނަލް އެންޑް ކެރިއާ ވުމަން އެވޯޑްސްގެ 11 ވަނަ އެޑިޝަނެވެ.